ސައުދީއާ ދެކޮޅަށް ހެކި ދޭނެ ކަމަށް ހައްޔަރުކޮށްފައިވާ އަލް ގައިދާ މެމްބަރަކު ބުނެފި
ވޮޝިންޓަން (ޖުލައި 30): އެމެރިކާގައި 11 ސެޕްޓެމްބަރު 2001ގައި ދިން ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތު ކުރެވޭ ޚާލިދު ޝޭހު މުހައްމަދު، ވަކި ޝަރުތެއްގެ މަތިން، ސައުދީ އަރަބިއާއާ ދެކޮޅަށް ހެކި ދޭނެ ކަމަށް ބުނެފި އެވެ. މީގެ 18 އަހަރު ކުރިން ވޯލްޑް ޓްރޭޑް ސެންޓަރަށާއި ޕެންޓަގަންއަށް ހަމަލާ ދިން އަލްގައިދާގެ 19 މީހުންގެ ތެރެއިން 15 މީހުންނަކީ ސައުދީ އަރަބިއާގެ ރައްޔިތުންނެވެ. އަދި އެހަމަލާގައި ސައުދީ ސަރުކާރުގެ އެއްވެސް ރޯލެއްވާ ނަމަ ސައުދީ ސަރުކާރުން ބަދަލު ހޯދުމަށް، އެހަމަލާގައި މަރުވި އަދި އަނިޔާވި މީހުންގެ އާއިލާތަކާއި ގެއްލުން ލިބުނު ވިޔަފާރިތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އެއާއިލާތަކުގެ ވަކީލުން ވިދާޅުވި ގޮތުގައި އެމީހުން ވަނީ އެހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ ފަސް މީހެއްގެ ވަކީލުންނާ ވާހަކަ ދައްކާފަ އެވެ. އޭގެ ތެރެއިން ތިން މީހަކު ކިއުބާގައި ހުންނަ ގުއަންޓަނާމޯ ބޭގައި ހައްޔަރުކޮށްފައިވާ އިރު ދެ މީހަކު ހައްޔަރުކޮށްފައި ވަނީ އެމެރިކާގައި ހުންނަ މެކްސިމަމް ސެކިއުރިޓީ ޖަލެއްގަ އެވެ. އަދި އެ ފަސް މީހުންގެ ތެރެއިން، މުހައްމަދު ވަނީ އެމެރިކާއިން އޭނާ މަރަން ހުކުމް ނުކުރާ ގޮތަށް އެއްބަސްވެއްޖެ ނަމަ، ސައުދީއާ ދެކޮޅަށް ވަކީލުން ބައްލަވާ މައްސަލައިގައި އެއްބާރުލުން ދޭނެ ކަމަށް ބުނެފަ އެވެ. މުހައްމަދު އާއި ގުއަންޓަނާމޯ ބޭގައި ދެން ހައްޔަރުކޮށްފައިވާ ދެ މީހުން މިހާރު ދަނީ އެމީހުންގެ ޝަރީއަތް ފެށުމުގެ ކުރިން ބާއްވާ އަޑުއެހުންތަކަށް ހާޒިރުވަމުން ކަމަށް ވަކީލުން ވިދާޅުވި އެވެ. މުހައްމަދު ހައްޔަރު ކުރީ 2003 ވަނަ އަހަރު ޕާކިސްތާނުގައި ހުއްޓަ އެވެ. އަދި އޭނާ ގުއަންޓަނާމޯ ބޭއަށް ގެންދިޔައީ 2006ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ