ޖޭއެސްސީގެ ކޮންމެ ބައްދަލުވުމަކަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެނީ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކޮންމެ ބައްދަލުވުމަކަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އެ ކޮމިޝަނުން ނިންމައިފި އެވެ.
ޖޭއެސްސީގެ އިންފޮމޭޝަން އޮފިސަރު ހަސަން ޒަހީން މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ ޖޭއެސްސީގެ ކޮންމެ ބައްދަލުވުމަކަށްފަހު ވެސް އެ ބައްދަލުވުމުގައި ހިނގާ މުހިންމު ކަންކަމާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތުދީ، ސުވާލު ކުރުމަށް ފުރުސަތު ދޭނެ ކަމަށެވެ.
އެގޮތުން މިއަދު ވަނީ އެފަދަ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން ޖޭއެސްސީގައި ބާއްވައި މިއަދުގެ ބައްދަލުވުމާ ގުޅޭ މައުލޫމާތު ދީފަ އެވެ. މީގެކުރިން ޖޭއެސްސީގެ ބައްދަލުވުންތަކުގައި ނިންމާ ނިންމުންތަކާއި ބައްދަލުވުންތަކާ ބެހޭ މައުލޫމާތު މީޑިއާއަށް އާންމު ކުރަނީ ވަރަށް މަދު ފަހަރެއްގަ އެވެ.
މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ފަހަރަށް އާ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި މަޖިލިސް މެންބަރުންގެ ފަރާތުން ޖޭއެސްސީއަށް އައްޔަން ކުރެއްވި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ބައްދަލުވުމުގައި މުހިންމު ނިންމުންތަކެއް ވެސް ނިންމާފައިވެ އެވެ. އެގޮތުން ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރު އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަން ޖޭއެސްސީން ވަނީ ނިންމައި ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ވަނީ ނިންމާފަ އެވެ. މިއީ ޖޭއެސްސީގެ ތާރީހުގައި ފަނޑިޔާރަކު މަގާމުން ވަކި ކުރަން ނިންމި ފުރަތަމަ ފަހަރެވެ.
އޭގެ އިތުރަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފެމެލީ ކޯޓުގެ އިސް ފަނޑިޔާރު ހަސަން ސައީދު ސަސްޕެންޑް ކުރުމަށް ވަނީ ނިންމާފަ އެވެ. އެއީ އެ ދެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ހުށަހެޅިފައިވާ މައްސަލަތަކުގެ ތަހުގީގު ހިންގުމަށެވެ.
ސިވިލް ކޯޓުގައި ހިންގަމުންދާ މައްސަލައަކާ ގުޅޭ ގޮތުން ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައެއް ވެސް މިއަދު ވަނީ ބަލާފަ އެވެ. ނަމަވެސް ތަހުގީގު ފުރަތަމަ މަރުހަލާގައި ހުރިހާ މައުލޫމާތެއް މީޑިއާއަށް އާންމު ނުކުރާނެ ކަމަށް ޒަހީން ވިދާޅުވި އެވެ. އެހެންވެ އެ މައްސަލާގެ ތަފްސީލެއް ނުދެއްވި އެވެ.
ޒަހީން އިތުރަށް ވިދާޅުވި ގޮތުގައި ޖޭއެސްސީގައި ސެކެރެޓްރީ ޖެނަރަލެއް ނެތްތާ ގިނަ ދުވަސްތަކެއްވެފައިވާތީ އެ މަގާމަށް މީހަކު ހޯދުމުގެ މަސައްކަތް ފެށުމަށް ވެސް މިއަދު ޖޭއެސްސީގެ ބައްދަލުވުމުގައި ވަނީ ނިންމާފަ އެވެ. މިއަދުގެ ބައްދަލުވުގައި ޖޭއެސްސީގެ 10 މެންބަރުންގެ ތެރެއިން ނުވަ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. ރިޔާސަތު ބެލެހެއްޓެވީ ޖޭއެސްސީގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ