އަހަރީ ދުވަސް ފާހަގަ ކުރަން ޣިޔާސުއްދީން ސްކޫލް ދަރިވަރުން ނުކުތީ ޕްލަސްޓިކް ހޮވަން

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްއިން އެއްފަހަރު ބޭނުން ކޮރުމަށްފަހު އުކާލެވޭ ޕްލާސްޓިކް ހޮވުމަށް ޚާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތުގައި ސްކޫލްގައި ކިޔާވާ ދަރިވަރުންނާނި ބެލެނިވެރިންގެ އިތުރުން ހުރިހާ މުވައްޒަފުން ވެސް ވަނީ ބައިވެރިވެފައެވެ. މި ހަރަކާތް ކުރިއަށް ގޮސްފައިވަނީ މިއަދު ހެނދުނު 8 އިން 10 އަކަށެވެ.
ޣިޔާސުއްދީން ސުކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އަހްމީމާ އަބްދުލްޣަފޫރު ވިދާޅުވެފައިވަނީ މިހަރަކާތަކީ ސްކޫލްގައި މިއަހަރު ފާހަގަކުރާ 10 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން 10 ޓަނުގެ ޕްލާސްޓިކް ހޮވުމަށް ކުރާ މަސަައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމާއި، 2017 ވަނަ އަހަރުން ފެށިގެން ވޭތުވެދިޔަ ދުވަސްތަކުގައި އެކި ފަހަރުގެ މަތިން 7 ޓަނުގެ ޕްލާސްޓިކް ވަނީ އެ ސުކޫލުން ހޮވާފައި ކަމަށްވެސް އަހްމީމާ ވިދާޅުވިއެވެ.
ޕްލާސްޓިކް ހޮވުމަށް ފަސް ސަރަހައްދެއްގައި ބައިވެރިން ވަނީ ހަރަކާތްތެރިވެފައެވެ. އެއީ ހޭންޑްބޯލް ކޯޓް ސަރަހައްދާއި، ފިނި ޕާކް ސަރަހައްދާއީ، އުތުރު ހާބަރު ސަރަހައްދާއި، ވެސްޓް ޕާކް ސަރަހައްދުގެ އިތުރުން މާލޭގެ ސިނާއީ ސަރަހައްދެވެ. މިހަރަކާތުގައި ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅި ހޮވާފައިވެއެވެ. އަދި ނިންމާލުމަށް ފަހު ހޮވުނު ޕްލާސްޓިކްގެ ބަރުދަންވެސް ވަނީ ބަލާފައެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ވެމްކޯ، ޕާލީ މޯލްޑިވްސް އަދި ބީމްއާ ގުޅިގެންނެވެ.
ޣިޔާސުއްދީން ސްކޫލްގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވަރަށް ގިނަ ހަރަކާތް ކުރިއައް ގެންދަން ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހާއްސަ ހިނގާލުމަކާއި، ޓްރަޔަތްލޯންއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ