އީރާނުގައި ހުރި 1200 ކިލޯގެ ޔުރޭނިއަމް ތުރުކީއަށް ބޭރުކުރުމަކީ ނިއުކްލިއާ ޕްރޮގްރާމަކީ ނުބައި ނިޔަތެއްގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ނޫންކަން އަންގައިދިން ހެއްކެއް: އަލީ އަކްބަރު ޞާލިހީ
19:00އީރާނުގައި ހުރި 1200 ކިލޯގެ ޔުރޭނިއަމް ތުރުކީއަށް ބޭރުކުރުމަށް ކޮށްފައިވާ އެއްބަސްވުމަކީ އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ އެއްވެސް ނުބައި ނިޔަތެއްގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ނޫންކަން އަންގައިދިން ހެއްކެއް ކަމަށް އެގައުމުން ބުނެފި އެވެ.މިއެއްބަސްވުމާ ބެހޭ މައުލޫމާތު އިންޓަނޭޝަނަލް އެޓޮމިކް އެނާރޖީ އެޖެންސީ (އައިއޭއީއޭ) އަށް ދެއްވަމުން އީރާނުގެ އެޓޮމިކް އެނަރޖީ އޯގަނައިޒޭޝަނުގެ ވެރިޔާ އަލީ އަކްބަރު ޞާލިހީ ވިދާޅުވީ މިއެއްބަސްވުމަކީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ މެދު ހުޅަނގުން ކުރަމުންދާ ޝައްކުތައް ފިލުވާލާނެ އެއްބަސްވުމެއް ކަމަށެވެ. އަދި އެއްބަސްވެވިފައިވާ ކަންތައްތައް ވީހާ ވެސް އަވަސް މުއްދަތެއްގެ ތެރޭގައި ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.ޞާލިހީ މިހެން ވިދާޅުވިނަމަވެސް ހުޅަނގުގެ ބައެއް ގައުމުތަކުން ބުނެފައިވަނީ އީރާނަށް އަދިވެސް އިތުބާރު ނުކުރެވޭނެ ކަމަށެވެ. އެގައުމުތަކުން ބުނެފައިވަނީ 1200 ކިލޯގެ ޔުރޭނިއަމް ބޭރުކުރުމަށް ފަހުވެސް ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ބޭނުންވާ ވަރަށް އީރާނުގައި ނިއުކްލިއާ މާއްދާތައް ހުންނާނެ ކަމަށާއި އެހެން ކަމުން އެގައުމުން ނިއުކްލިއާ ހަތިޔާރު އުފައްދަން އުޅޭ ކަމުގެ ބިރުވެރިކަން އަދިވެސް ފިލައިގެން ނުދާ ކަމަށެވެ.މިއެއްބަސްވުމާ ބެހޭގޮތުން އައިއޭއީއޭއިން އަދި ސީދާ ވަކި އެއްޗެކޭ ބުނެފައެއްނުވެ އެވެ. އެހެން ނަމަވެސް އީރާނުން ފޮނުވި މައުލޫމާތުގެ ސިޓީ ލިބިފައިވާ ކަމަށާއި އެ މައުލޫމާތުތައް އެމެރިކާ އަށާއި ފްރާންސަށާއި ރަޝިޔާއަށް ފޮނުވާނެ ކަމަށް އެފަރާތުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ