ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލްކުރުމަށް ޖުމްހޫރީ ޕާޓީން ހުށަހަޅާފައިވާ މައްސަލަ ވަކި ގޮތަކަށް ނިމެންދެން މުޒާހަރާކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރުމުން މިރޭ މާލޭގައި މުޒާހަރާކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލް ހޯލުގައި މިރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި މި މައްސަލަ ހުށަހެޅުއްވީ ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. މި ހުށަހެޅުމަށް ތާއީދުކުރެއްވީ ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދެވެ. މުޒާހަރާކުރަން ފާސްވީ ޖަލްސާއަށް ހާޒިރުވި 56 މެންބަރުންގެ އިއްތިފާގުންނެވެ.
އިލްޔާސް ހުށަހެޅުއްވި މައްސަލައިގައި ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން 28 ސެޕްޓެމްބަރުވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވަނިކޮށް ރާއްޖޭގެ ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރުން ރާއްޖޭގެ ގާނޫނު އަސާސީ އާއި ހިލާފަށް ވަކި މުއްދަތެއް ނެތި ދެވަނަ ބުރު ލަސްކުރުމަށް ނިންމި ނިންމުކީ ރާއްޖޭގައި އުފެދި، އަރަމުން އަންނަ ޑިމޮކްރަސީ ފުނޑު ފުނޑުކޮށްލާ ރައްޔިތުންގެ އެތައް ހައްގުތަކަށް އަރައިގަނެ ރާއްޖެ ހަރާބުކޮށްލުމަށް މަސައްކަތްކުރުމަށް ނިންމި ނިންމުމެއް ކަމަށެވެ.
އެހެންކަމުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމެންދެން އެމްޑީޕީގެ ފަރާތުން އިހްތިޖާޖް ކުރުމަށް މި ގަރާރު ހުށަހަޅާ ކަމަށް ވެސް އިލްޔާސް ލަބީބްގެ ގަރާރުގައި ބުނެފައިވެ އެވެ.
ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދު ވިދާޅުވީ ރާއްޖޭގައި ކަންކަން ހަމައަށް އެޅިފައި ހުރީ ރައްޔިތުންގެ ބައިވެރިވުމާޢިއެކީގައި ކަމަށާއި ރައްޔިތުންގެ ކަންކަން އަބަދުވެސް ބައްޓަން ވެގެންދާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ.
"އަޅުގަނޑު ރާއްޖޭގެ ރައްޔިތުންނަށް ދަންނަވާލަން އޮތީ، ކަންބޮޑުވެނުލައްވައްޗޭ، އަޅުގަނޑުމެންނަށް އަޅުގަނޑުމެން މި އެދޭ ކަންތައް އިރާދަކުރެއްވިއްޔާ ހާސިލް ކުރެވޭނެ، އަޅުގަނޑުމެން ފަށައިގެން މިއުޅެނީކީ ކުރު ދަތުރެއް ނޫން، އަޅުގަނޑުމެން ހާސިލްކުރަން މިއުޅެނީ ކުޑަ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ސުލްހަވެރި ހަރަކާތްތައް ހިންގުމަކީ ގާނޫނު އަސާސީން ލިބިދޭ ހައްގަކަށްވާއިރު އެއީ ސިޔާސީ ޕާޓީތަކުގެ ވަޒީފާ ކަމަށެވެ. އަދި ސަލާމަތީ ބާރުތަކުން އެމްޑީޕީގެ އެ ހަރަކާތަށް ހުރަސް ނޭޅުއްވުމަށް ވެސް ނަޝީދު އެދިވަޑައިގަތެވެ.
އަދި ރައީސް ނަޝީދު ވަނީ އަންނަ ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ ކިބައިން އެދިވަޑައިގެންފައެވެ.
ގައުމީ މަޖިލީހުގައި ބައިވެރިވެވަޑައިގަތް މެމްބަރުން މިރޭ ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވައިފަ އެވެ. އެގޮތުން ބައެއް މެންބަރުން ސުޕްރީމް ކޯޓުގައި ތަޅު އެޅުވުމަށް ގޮވާލާފައިވާއިރު ފަނޑިޔާރުންގެ އާއިލާގެ މީހުންނަށް ގޯނާ ކުރުމަށް ވެސް އެމްޑީޕީގެ މެންބަރަކު ވަނީ ގޮވާލާފައެވެ.
އެމްޑީޕީން މި ގަރާރު ހުށަހެޅުމާއިއެކު ރައީސް ނަޝީދާއިއެކު އެމްޑީޕީގެ ސަޕޯޓަރުން ވަނީ މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރަން ފަށާފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން ޖުމްހޫރީ މައިދާނަށް ދާން މަސައްކަތްކުރުމުން ފުލުހުން ނިކުމެ ފަހަތަށް ޖައްސަން ފެށުމުން ހަމަނުޖެހުން ހިނގާފައިވެ އެވެ.
އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެ އެވެ. ނަމަވެސް ބޮންޑޭ މިހާރު ދޫކޮށްލާފައިވާ އިރު އަލީ އާޒިމް އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި އެވެ.
ހަމަނުޖެހުންތަކުގައި ފުލުހުން ޕެޕާ ސްޕްރޭ ބޭނުންކޮށްފައިވާއިރު އެއްވި މީހުން މިހާރު ވަނީ ސީގަލް އާއި ހަމައަށް ފަހަތަށް ޖައްސާފައެވެ. ނަމަވެސް މިހާރު އެސަރަހައްދުގައި ތިބި މީހުންގެ އަދަދު މަދެވެ. އަދި ރައީސް ނަޝީދު ވެސް ވަކި ހިސާބަކުން ވަނީ އެސަރަހައްދުން ވަޑައިގެންފައެވެ.
ސުޕްރީމް ކޯޓުގެ އަމުރާއި ގުޅިގެން އެމްޑީޕީން މަގުމައްޗަށް ނިކުމެ މުޒާހަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ