”ހިސާން ބިލް“ އަށް ކެންދޫ ދާއިރާގެ މެންބަރުގެ ތާއީދެއް ނެތް

ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް މާއްދާތަކެއް އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެން ހުށައެޅުއްވި ބިލަށް ތާއީދު ނުކުރައްވާނެކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެން ވިދާޅުވެއްޖެ އެވެ.
އެ ބިލަކީ ޚިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އަޅާ ބިލެއްކަމަށް އަލީ ވަނީ ކުރިންވެސް ވިދާޅުވެފަ އެވެ.
އަލީ ވިދާޅުވީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އެއްވެސް މިންވަރެއް މިއަދު ދޫކޮށްލައިފި ނަމަ މާދަމާ އެކަމާ އިންތިހާއަށް ހިތާމަ ކުރަންޖެހިދާނެ ކަމަށެވެ.
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އެއްވެސް މިންވަރެއް މިއަދު ދޫކޮށްލައިފިނަމަ މާދަމާ އެކަމާ އިންތިހާޔަށް ހިތާމަ ކުރަންޖެހިދާނެ. ދޫކޮށްލާ އެއްވެސް ޙައްޤަކީ އަލުން އަނބުރާ ހޯދަން ވަރަށް އުނދަގޫ އެއްޗެއް. އެއްވެ އުޅުމުގެ ޙައްގައްވެސް ވީ ހަމަ އެހެން.
— Ali Hussain (@AleeVoice) June 17, 2021
އެކަމުގެ މިސާލެއް ދައްކަވާ އަލީ ވިދާޅުވީ އެއްވެ އުޅުމުގެ ހައްގަށްވީ އެހެން ކަމަށެވެ.
އަލީ ހުސައިން އެ އިޝާރާތް ކުރައްވަނީ ގާނޫނުއަސާސީން ލިއްބައިދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަން ހަނިކޮށް، އެއްވެ އުޅުމުގެ ގާނޫނަށް ކުރީގެ ސަރުކާރުން ގެނައި އިސްލާހެވެ. އެ އިސްލާހަށް އިދިކޮޅުގައި ތިއްބަވާ މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން ކިތަންމެ ދެކޮޅު ހެއްދެވި ނަމަވެސް ވެރިކަމަށް ވަޑައިގެން އެ އިސްލާހު އުވާލެއްވުމަށް ވަނީ ދެކޮޅު ހައްދަވާފައެވެ.
އެއްވެ އުޅުމުގެ ގާނޫނަށް އެ އިސްލާހު ގެނައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު، އޭރުގެ ވެރިކަން ކުރާ ޕީޕީއެމްގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުންނެވެ. އިސްލާހުގައިވާ ގޮތުން، އެ ގާނޫނުގައި ބަޔާން ކޮށްފައިވާ ފަދަ ކުއްލި އެއްވުމެއްގެ ގޮތުގައި ނުބެލެވޭ އަދި ރާވައިގެން ބާއްވާ އެންވުންތަކަށް ގާނޫނުގައި ބަޔާން ކުރާ ނޯޓިސް ދިނުމެއް ނެތި އެއްވެސް އެއްވުމެއް ނުބޭއްވޭނެ އެވެ.
އެއްވެ އުޅުމުގެ ހައްގު ހަނިވުމުގެ އިތުރުން ހިސާން ހުށައެޅުއްވި ބިލަކީ ދީނާ ޚިލާފު ވާހަކަތަކަށް ފުރުސަތު ދީ އެފަދަ ވާހަކަތައް ފަތުރާ، ދައްކަމުންދާ މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ބުނެ އެތައް ބަޔަކު ދަނީ އެ ބިލާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ. ބިލާ ދެކޮޅަށް ރަށްރަށުގެ ކައުންސިލްތަކުން ފެށިގެން ޖަމިއްޔާތަކާއި ސިޔާސީ ޕާޓީތަކުންވެސް ވަނީ ތެދުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ