އަނބުރާ ދިން ޕީޕީއެމް ކެންޑިޑޭޓެއްގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރެއްވުމަށް ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ޕީޕީއެމްގެ ޓިކެޓްގައި ކުރިމަތިލެއްވި ހަސަން މޫސާގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ.
ހަސަން މޫސާ އަކީ އިންތިހާބަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާން ޖެހޭ ޝަރުތު ފުރިހަމަވެފައިވާ މީހެއް ނޫން ކަމަށް ނިންމައި އީސީ އިން އޭނާގެ ކެންޑިޑެސީ ބާތިލުކުރީ މިދިޔަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު އެވެ. އޭނާގެ ކެންޑިޑެސީ ބާތިލުކުރީ ސާބިތު ދަރަންޏަކަށް ފައިސާ ދެއްކުމަށް ފ. ބިލެއްދޫ ކޯޓުން ހުކުމްކޮށްފައިވާތީ ކަމަށް އީސީން ބުނެ އެވެ.
އިސީން މިގޮތަށް ނިންމުމުން ހަސަން މޫސާ ވަނީ އެ ނިންމުން ހައިކޯޓަށް ހުށަހަޅާފަ އެވެ. އަދި ހައިކޯޓުން ނިންމީ ހަސަން މޫސާގެ ކެންޑިޑެސީ ގަބޫލުނުކުރުމަަށް ކޮމިޝަނުން ނިންމި ނިންމުން ބާތިލް ކަމަށެވެ.
މިމައްސަލަ އާއި ގުޅިގެން މިދިޔަ މަހުގެ 23 ވަނަ ދުވަހު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ހަސަން މޫސާގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބާތިލުކުރީ ކެންޑިޑެސީ ބަލައިގަތް ކަން އެންގުމަށް ފަހު ކަމަށެވެ. އިންތިހާބަށް ކުރިމަތިލާތާ 48 ގަޑިއިރުގެ ތެރޭގައި ކެންޑިޑެސީ ބަލައިގަތުމާ މެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނާ ކަންވެސް އުއްތަމަ ފަނޑިޔާރު އެ ދުވަހު ފާހަގަކުރެއްވި އެވެ.
އެހެންނަމަވެސް ހަސަން މޫސާގެ ކެންޑިޑެސީ ބާތިލް ކުރަން އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ހަސަން މޫސާގެ ކެންޑިޑެސީ ފޯމް ހުށަހެޅިއިރު ސާބިތު ހަރަދުގެ ގޮތުގައި 86،148.28 ރުފިޔާ ދައްކަން އޮތުމުން އޭނާ އަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެންޑިޑޭޓުގެ ޝަރުތު ފުރިހަމަވާ ފަރާތެއް ނޫން ކަމަށެވެ.
އެހެންކަމުން ހަސަން މޫސާގެ ކެންޑިޑެސީ ބާތިލް ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅާ، ހަސަން މޫސާގެ ނަން ކަނޑޫދޫ ކައުންސިލް ރައީސް ކަމަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ލިސްޓުގައި ހިމެނުމަށް ހައިކޯޓުން ކުރި އަމުރު ބާތިލުކޮށް، އޭނާގެ ކެންޑިޑެންސީ ގަބޫލުނުކުރުމަށް ކޮމިޝަނުން ނިންމި ނިންމުން ރަނގަޅު ކަމަށްވެސް ސުޕްރީމް ކޯޓުން މިއަދު ވަނީ ހުކުމް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ