މެމްބަރު ވަހީދުގެ ފުރާނަ ނުރައްކަލަށް ހުށަހަޅަން މަސައްކަތްކުރާ ކަމަށް ބުނެފި

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ކެމްޕޭން ތަގުރީރެއްގައި ދެއްކެވި ވާހަކައަކާ ގުޅުވައިގެން އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ނިޔަތުގައި ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ. ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނު ތެރެއިން މެމްބަރު ދެއްކެވި ވާހަކައިގެ ވީޑިއޯ ކްލިޕެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. ކުރީގެ ސަރުކާރަށް ފާޑުވިދާޅުވަމުން މެމްބަރު ވަހީދު ވިދާޅުވީ، "މީހުން މަރަން ވެގެން، ގިސާސް ހިފާނަމޭ ކިޔައިގެން، ކެބިނެޓަށް، މިއޮއް ގަރުނުގައި ކެބިނެޓަށް އެ އިންޖެކްޝަން ޖަހާލީމާ މަރުވާން ދާއިރު ހަށިގަނޑަށް ވާންވާގޮތް، ޕްރެޒެންޓޭޝަން ހަދައިގެން ހުށަހެޅި ބައެއް، ސިކު ބައެއްގެ ވާހަކަ މި ދައްކަނީ. ސިކު ބައެއްގެ ވާހަކަ މި ދައްކަނީ،" އެވެ. މެމްބަރުގެ ވާހަކައާ ގުޅިގެން ދީނީ އިލްމުވެރިންނާ އާންމުން ހިމެނޭ ގޮތަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އެ މައްސަލައިގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނީ މެމްބަރު ވަހީދުގެ ތަގުރީރުގައި ފާހަގަކުރެއްވި ނުކުތާ އަމާޒުކުރައްވާފައިވަނީ ދީނަށް ނުވަތަ ދީނީ ހުކުމަކަށް ނޫންކަމަށެވެ. އެއާ ހިލާފަށް، މެމްބަރުގެ ވާހަކަ އަމާޒުކުރައްވާފައިވަނީ މަރުގެ އަދަބު ދިނުމުގެ ނަމުގައި ކުރީގެ ސަރުކާރުގައި ތިބި ބަޔަކު ކަންކުރި ގޮތަކަށް ކަމަށެވެ. "އެވާހަކަ ގަސްދުގައި އޮޅުވާލައިގެން ބައެއް ދީނީ އިލްމުވެރިންނާއި، ބައެއް ސިޔާސީ މީހުންނާއި އަދި ބައެއް މީޑިއާތަކުން އެކަން ފިތުނައަކަށް ވާގޮތަށް ހެދުމުގެ ސަބަބުން، އޭނާގެ ފުރާނައަށް ނުރައްކާކުރުވުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ." ބަޔާނުގައިވެ އެވެ. އެމްޑީޕީން ބުނީ މީގެ ކުރިން އުނގޫފާރު ދާއިރާގެ ގޮނޑި ތަމްސީލުކުރައްވަމުން ގެންދެވި ދީނީ އިލްމުވެރިއާ ޑރ. އަފްރާޝީމް އަލީ އަނިޔާވެރިގޮތެއްގައި އަވަހާރަކޮށްލާފައި ވަނީ ދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ ބަޔަކު ހިންގަމުންދާ ހަރަކާތްތަކެއްގެ ތެރެއިންކަން ތަހުގީގަށް އެނގޭ ކަމަށެވެ. އަދި މުރުތައްދުވެ، ދީނުން ބޭރުވެއްޖެކަމަށް ބުނެ އަމިއްލައަށް ގޮތްތައް ނިންމައިގެން ދީނުގެ ނަމުގައި އެހެން ފަރާތްތަކެއް ވެސް ރާއްޖޭގައި ގަތުލުކޮށްފައިވާ ކަމަށެވެ. "އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ދެއްކެވި ވާހަކައެއްގެ ހަގީގަތް ގަސްދުގައި އޮޅުވާލައި ފިތުނަ އުފައްދައިގެން އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ނިޔަތުގައި އަމަލުކުރާ ފަރާތްތަކުން އެކަން ވަގުތުން ހުއްޓާލުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ގޮވާލަމެވެ. އަދި މިކަމުގައި ހުރި ނުރައްކާ ބޮޑުކަމަށްޓަކައި މިފަދަ މައްސަލަތައް ވަގުތުން ތަހުގީގުކުރައްވައި ފިޔަވަޅުއެޅުއްވުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލަމެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ