މި ސަރުކާރު ވައްޓާލާކަށް އެމްޑީޕީގެ މެމްބަރުން ނޭދޭނެ: މެމްބަރު ނިހާދު

މި ސަރުކާރު ވައްޓާލަން އެމްޑީޕީ މެމްބަރުން ނޭދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ސަރުކާރު ވައްޓާލައި، އަނިޔާ ލިބެން އެމްޑީޕީގެ މެމްބަރުން މަގުމައްޗަށް ނުކުންނަން ވެސް ބޭނުން ނުވާނެ ކަމަށެވެ.
ނިހާދު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަކީ، އެމްޑީޕީގެ މެމްބަރުން ހަތް އަހަރު ވަންދެން އަނިޔާ އާއި ވޭނުގައި އުޅެ ޖާނާއި މާލުން ގުރުބާންވެގެން ގެނައި ސަރުކާރެއް ކަމަށެވެ.
ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލަށް ތާއިދުކުރައްވާ ނިހާދު ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ބޭނުން ވާނީ ސަރުކާރާ އެކު ޕާޓީ ހިންގައި އުފާވެރިކަން ލިބިގަންނަން ކަމަށެވެ.
އަންނަ މަހުގެ 14 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޗެއާޕާސަނަކު ކަނޑައެޅުމުގެ އިންތިހާބުގެ ފޯރި މިހާރު ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ. މި އިންތިހާބުގައި ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީއެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބާއި ގުޅިގެން ޕާޓީގެ އިސް ވެރިންގެ އިތުރުން އާންމު މެމްބަރުންގެ މެދުގައިވެސް ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދި، ދެ ފެކްޝަނެއްގެ ގޮތުގައި ޕާޓީ ތެރޭގައި ކަންކަން ކުރަމުންދާތަން ދަނީ ފެންނަމުންނެވެ. އަދި މިކަމުގެ ތެރެއިން އެއް ފެކްޝަންގެ މެމްބަރުން އަނެއް ފެކްޝަންގެ މެމްބަރުންނަށް ހޫނު ބަހުގެ ހަމަލާތަކެއްދީ، ދައްކަން ނުޖެހޭ އެތައް ވާހަކަތަކެއް ދައްކަމުންދާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
ދެ ބޭފުޅުންގެ ތެރެއިން އިންތިއަކީ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅެކެވެ. ފައްޔާޒަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިސް ވަޒީރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ