130 ކިލޯ ޑްރަގް: ދޫކޮށްލި ދެ މީހުން އަލުން ބަންދުކުރަން ހައި ކޯޓުން އަންގައިފި

ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގަައި ދަަށު ކޯޓުން ދޫކޮށްލި ދެ މީހުން އަލުން ބަންދުކުރަން ހައި ކޯޓުން ދެންމެ އަމުރުކޮށްފި އެވެ.ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވަނީ 130 ކިލޯ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށްހުރި ދެ ފަރާތް ކަމަށްވާ ގއ. ވިލިނގިލި/ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) އާއި ހއ. ހޯރަފުށި/ ވައިލެޓްވިލާ، އަހްމަދު މޫސާ (48އ) އެވެ. މިދެމީހުން ދޫކޮށްލީ ޝަރުތުތަކާއެކު ދެ މަސް ދުވަހަށެވެ.މި ދެމީހުން ދޫކޮށްލި މައްސަލަ ޕީޖީން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ އެ ދެ މީހުން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އެންގި އެންގުން ބާތިލުކުރާ ކަމަށެވެ.މި ދެ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދައުވާއާއި، މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އެވެ. އެ މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.ތިން ފަނޑިޔާރުންގެ އިއްތިފާގުން އެ ދެ މީހުން އަލުން ބަންދު ކުރަން ނިންމެވިޔަސް، އެ ނިންމުމަށް ވާސިލްވުމުގައި އެއް ފަނޑިޔާރުގެ ރައުޔު ތަފާތުވި އެވެ. އެ ބެންޗުގައި ހިމެނިވަޑައިގަތް ފަނޑިޔާރު ހަސަން ޝަފީއު ރައުޔު ތަފާތުވީ ސިއްހީ ސަބަބަށްޓަކައި ބަންދަށް ލުއި ނުދެވޭނެ ކަމަށް އަޣުލަބިއްޔަތު ރައުޔުގައި ފާހަގަކުރި ކުރުމާ އެވެ.ފަނޑިޔާރު ޝަފީއު ވިދާޅުވީ ބަންދު މުރާޖާ ކުރުމުގެ ތެރޭގައި ސިއްހީ ސަބަބަކަށް ރިއާޔަތްކޮށް، ބަންދަށް ލުއި ދެވިދާނެ ކަމަށެވެ. އަދި ސިއްހީ ފަރުވާ ލިބުމަކީ އަސާސީ ހައްގަކަށް ވާއިރު، ޟަރޫރީ ސަބަބަކަށްޓަކައި ވެސް ބަންދަށް ލުއި ނުލިބޭނެ ގޮތަަކަށް އެކަން މާނަ ނުކުރެވޭނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.އެކަމަކު ޝަހީބާއި އަހުމަދު މޫސާ އަލުން ބަންދު ކުރަން އޭނާ ވެސް ތާއީދު ކުރެއްވި އެވެ. އެއީ އެ ދެ މީހުންގެ ސީރިއަސް ސިއްހީ މައްސަލައެއް ހުރިކަން ޑޮކްޓަރުން ފާހަގަ ކޮށްފައި ނެތުމުންނެވެ.ފަނޑިޔާރު ޝަފީއުގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ އިސް ފަނޑިޔާރު ހާތިފް ހިލްމީ އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަހީދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ