ޗެއާޕާސަނަކީ އިދާރީ ބޭފުޅެއް، ފައްޔަގެ އެ ތަޖުރިބާ ހުންނާނެ: މެމްބަރު އީސަ

ދިވެހިރައްޔިތުންގެ ޕާޓީގެ ޗެއާޕާސަނަކީ އިދާރީ ބޭފުޅެއް ކަމަށާއި އެކޮނިމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް (ފައްޔަ) އަކީ އިދާރީ ތަޖުރިބާ ހުންނެވި ބޭފުޅެއް ކަމަށް ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އަޙުމަދު ޢީސަ ވިދާޅުވެއްޖެއެވެ.
ޢީސަ މިފަދައިން ވިދާޅުވީ، ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން އެމަނިކުފާނު ތާއިދުކުރައްވާ ބޭފުޅަކީ ކޮބާތޯ ސުވާލުކުރުމުން ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ދެ ބޭފުޅަކު ވާދަކުރައްވާއިރު، އެއީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއެވެ.
ޢީސަ ވިދާޅުވީ، އެ ދެބޭފުޅުންގެ ތެރެއިން ޗެއާޕާސަަނެއްގެ މަސްއޫލިއްޔަތު އަދާކުރެވޭނީ ފައްޔާޒަށް ކަމަށެވެ. ސަބަބައްގެ ގޮތުގައި ފާހަގަކުރެއްވީ އެމްޑީޕީގެ އިދާރީ ހިންގުން ބަލިކަށިވެފައި ވާއިރު، އެ ކަމަށް ގާބިލު ބޭފުޅަކަށް ވާދަކުރެއްވީ ފައްޔާޒް އެކަނި ކަމަށް ވާތީއެވެ.
ޢީސަ ވިދާޅުވި ގޮތުގައި، މެމްބަރު އިމްތިޔާޒަކީ ގާތް ރަޙުމަތްތެރިއެކެވެ. ނަމަވެސް އޭނާއަކީ އިދާރީ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ނޫންކަން މެމްބަރު ފާހަގަކުރެއްވިއެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޗެއާޕާސަން އަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވާ އިންތިޒާމުކޮށް ބަލަހައްޓާ އެންމެ އިސް ފަރާތެވެ. ޗެއާޕާސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ ފަރާތުން ސަރުކާރާއި އެހެނިހެން ސިޔާސީ ފަރާތްތަކާއި މުއާމަލާތް ކުރުމާއި، އެތެރޭގެ އިންތިހާބުތައް ރާވާ އިންތިޒާމު ކުރުމާއި، ކޮންގުރެސް އާއި ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުމާއި، ޕާޓީގެ އިދާރީ ކަންކަމުގެ މަސްއޫލިއްޔަތު އުފުލުން ހިމެނެއެވެ.
މި އިންތިޚާބު ބޭއްވުމަށް ތާވަލުކޮށްފައި ވަނީ އަންނަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ