މައުމޫނާ ޕީޕީއެމް ހަވާލުކުރުމުގެ މައްސަލައިގެ ލިޔުންތައް ސުޕްރީމް ކޯޓަށް ނަގައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔް އާއި ޕީޕީއެމް ހަވާލުކުރުމަށް އެދި ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ލިޔުންތައް މިއަދު ސުޕްރީމް ކޯޓަށް ނަގައިފިއެވެ.
ޕީޕީއެމްގެ އާންމު މެންބަރެއްކަމަށްވާ ގދ. ތިނަދޫ ބީޗްރެސްޓް އަހްމަދު ރަޝީދު ހުށަހަޅާފައިވާ މައްސަލައިގެ ބުނެފައި ވަނީ ޕީޕީއެމްގައި މިހާރު އޮތް ލީޑާޝިޕް ސައްހަ ނޫން ކަމަށާޢި ކުރީގައި އޮތް ގޮތަށް ރައީސް މައުމޫނާ ޕާޓީގެ ލީޑަޝިޕް ހަވާލު ކޮށްދިނުމަށެވެ.
މިމައްސަލައިގެ ޝަރީއަތް މި މަހު 15ގައި ސިވިލް ކޯޓުގައި ފެށުމަށް ފަހު އިތުރު އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.
ސިވިލް ކޯޓުން 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހު ކުރި އަމުރެއްގައި ބުނެފައިވަނީ އެ އަމުރު ނެރުނު ވަގުތުން ފެށިގެން ކުރިއަށް ހިނގާ 24 ގަޑިއިރުގެ ތެރޭގައި ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ރިޔާސަތުގައި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށްފަހު ޕީޕީއެމް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ކައުންސިލުން ގޮތްތަކެއް ނިންމުމަށެވެ. މިއަމުރާ ގުޅިގެން ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށްފަހު އެ ދުވަހުން ފެށިގެން ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލުކުރަން ޕީޕީއެމްގެ ކައުންސިލުން ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ