ރައީސް މައުމޫން، ނާޒިމަށް: ވަރަށް ފުރިހަމަ ކާމިޔާބީއަކަށް އެދެން

ރައީސް މައުމޫންގެ ދޮށީ ފިރިހެން ދަރިކަލުން އަހުމަދު ފާރިސް މައުމޫން މިހާރު ފުރުއްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާއަށް، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް އެދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް ނިންމެވުމުން، ނާޒިމަށް ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.
ވަނަ އަހަރު މަޖިލިސް އިންތިޚާބުގައި ވާދަކުރައްވައި ދިއްގަރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާ، އެ ދާއިރާގެ މެންބަރުކަމުގައި ހުންނަވަނިކޮށް، ކޮރަޕްޝަންގެ ކުށް ސާބިތުވާކަމަށް ނިންމާ 2015ވަނަ އަހަރު ނާޒިމްގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ނާޒިމްގެ ގޮނޑި ގެއްލުމާ ގުޅިގެން ބޭއްވި ބައި އިލެކްޝަން ކާމިޔާބު ކުރައްވައި މިހާރު ދިއްގަރު ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނެވެ.
ނާޒިމް ކުރިން އެންމެ ގާތްކޮށް އުޅުއްވި، ރައީސް ޔާމީންގެ ވެރިކަން ނިމުމާއެކު، ސުޕްރީމް ކޯޓުން މިނިވަންކުރި ބޭފުޅުންގެ ތެރޭގައި ނާޒިމްވެސް ހިމެނިވަޑައިގަތުމާއި ގުޅިގެން ނާޒިމް ވަނީ ރާއްޖެވަޑައިގެންފައެވެ. އަދި ދިއްގަރު ދާއިރާގެ ކެންޕެއިން ނާޒިމް ވަނީ ފައްޓަވާފައެވެ.
ނާޒިމްގެ ނިންމެވުން ޓްވިޓާގައި ހާމަކުރެއްވުމާއިއެކު، ރައީސް މައުމޫން ވަނީ މާތްﷲގެ ތަނަވަސް ރަޙުމަތްފުޅުން ނާޒިމަށް ވަރަށް ފުރިހަމަ ކާމިޔާބީއަކަށް އެދޭކަމަށް ވިދާޅުވެފައެވެ.
ނާޒިމް މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މާތްﷲގެ ހަޟްރަތުން ވާގިއެދެމުން މަޖިލީސް 2019ގައި ދިއްގަރު ދާއިރާއަށް ވާދަކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ.
އަދި ދިއްގަރު ދާއިރާގެ ރައްޔިތުންގެ އިޚްލާސްތެރިކަމާއި، ވަފާތެރިކަމަކީ ޝައްކެއްއޮތްކަމެއް ނޫންކަމަށްވެސް ނާޒިމްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ނާޒިމް ދިއްގަރު ދާއިރާއަށް ވާދަކުރައްވަން ނިންމަވާފައިވާއިރު، މިފަހަރުގެ އިންތިޚާބަށް ނާޒިމް ނިކުންނަވަނީ "19 އަހަރުގެ ޚިދުމަތަށްފަހު، 19 ވަނަ ރައްޔިތުންގެ މަޖިލީހަށް" މި ޝިއާރުގެ ދަށުންނެވެ.
އަހުމަދު ނާޒިމް، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދިއްގަރު ދާއިރާއަށް ވާދަކުރެއްވުމަށް ނިންމެވުމުން، އޭނާއަށް ވަރަށް ފުރިހަމަ ކާމިޔާބީއަކަށް އެދޭކަމަށް ރައީސް މައުމޫން ވިދާޅުވެފައިވާއިރު، ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރައްވާނެ ދާއިރާއެއް އަދި އިއުލާނުކުރައްވާފައެއް ނުވެއެވެ.
ބައެއް ފަރާތްތަކުން ދެކޭގޮތުގައި ނާޒިމަށް، ރައީސް މައުމޫން މަރުހަބާ ވިދާޅުވުމުން ދިއްގަރު ދާއިރާއަށް ދެން ފާރިސް ވާދަނުކުރައްވާނެކަން ހާމަވެގެންގޮސްފައިވާކަމަށް ވަނީ ބުނެފައެވެ.
ނިމިދިޔަ ދެ އަހަރެއްހާ ދުވަހު ސިޔާސީ މަސައްކަތްތަކުގައި އިއްތިހާދުގެ ޕާޓީތަކާއެކު ވަރަށް ހަރަކާތްތެރިކޮށް އުޅުއްވުމަށްފަހު، ރައީސް ސޯލިހްގެ ސަރުކާރު ފެށުމާއެކު، ފާރިސް ވަނީ ސިޔާސީ ކަންކަމުން މުޅިންހެން ގެއްލިފައެވެ. މިކަމާއި ގުޅިގެން ނޫސްތަކުގައި އެވާހަކަތައް ހާމަކުރުމާއި ގުޅިގެން ފާރިސް ހުންނެވީ ސާބިތުކަމާއެކުކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ