ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އާދީއްތަ ދުވަހު ހުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވާއިރު ޔާމީންގެ މައްޗަށް ކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލޯންޑަކުރިުމާއި އެ މައްސަލާގައި ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތުކަމަށް ފުލުހުން ބުނެފިއެވެ.
ހަތަރު ގަޑިއިރަށް ވުރެ ގިނަ ވަގުތު ފުލުސް އޮފީހުގައި އިންނެވުމަށްފަހު ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީން އާދީއްތަ ދުވަހު ވިދާޅުވީ ފުލުސް އޮފީހަށް ހާޒިރުކުރީ އިސްލާމިކް ބޭންކުގައި ހުރި އެއް މިލިއަން ޑޮލަރުގެ މައްސަލާގައި އޭސީސީން ހުށަހެޅި މައްސަލައަކާއި ގުޅިގެން ކަމުގައެވެ.
ފުލުހުންބުނީ މިހާރު ރައީސް ޔާމީނާއި ގުޅޭގޮތުން އެ އިދާރާއިން ދެ މައްސަލައެއްގައި ރައީސް ޔާމީނާއި ސުވާލު ކުރަމުން ގެންދާ ކަމުގައެވެ. އެއީ އެމްއެމްޕީއާރުސީގެ ފައިސާގެ ތެރެއިން އިސްލާމިކް ބޭންކުގައި އޮންނަ ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑަކުރި މައްސަލައަކާއި އެ ފައިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ހިންގި ތަހުގީގަށް ޔާމީން ދޮގު މައުލޫމާތު ދެއްވި މައްސަލަ ކަމަށް ފުލުހުން ބުނެއެވެ.
އެނގިފައިވާ ގޮތުގައި އެ ފައިސާގެ މައްސަލާގައި އޭސީސީން މީގެކުރިންވަނީ ރައީސް އަބްދުﷲ ޔާމީނާއި ސުވާލުކޮށްފައެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ފުލުހުން ސުވާލު ކޮށްފައިވަނީ އޭސީސީން ހުށަހެޅި މައްސަލައަކާއި ގުޅިގެން ކަމުގައެވެ. އަދި އެ މައްސަލައަކީ އޭސީސީގެ އެންގުމަށް އޭސީސީއާއި ހަވާލުކުރި ފައިސާއަކީ އެމްއެމްޕީއާރުސީގެ ފައިސާ ނޫންކަމަށް ބުނެ ހުށަހެޅި މައްސަލައެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެސްއޯއެފްގެ ޗެކެއްގައި އިސްލާމިކް ބޭންކުގައި އޮންނަ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު އަނބުރާ ހަވާލުކުރުމަށް އޭސީސީއާއިއެކުވީ އެއް ބަސްވުމުގެ ތެރެއިން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވަނީ ކުރީގެ ޓްއަރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ޗެކަކުންނެވެ. އެހެންކަމުން ރައީސް ޔާމީންގެ އެކައުންޓްގައިހުރި އެމްއެމްޕީއާރުސީގެ ފައިސާކަމަށް ބެލެވޭ ފައިސާ ހުރީ އަދިވެސް އެ އެކައުންޓްގައެވެ.
ރައީސް ޔާމީން ވިދާޅުވީ އެ ފައިސާ ކޮންމެހެން އޭސީސީއާއި ހަވާލު ކުރަން ނުޖެހޭ ކަމަށާއި އޭސީސީގެ އެންގުމާއި އެއްގޮތަށް އެއް މިލިއަން ޑޮލަރު މިހާރު ހަވާލުކޮށްފައިވާ ކަމުގައެވެ. އަދި އެސްއޯއެފްގެ ހުރިހާ ފައިސާއަކީ އެމްއެމްޕީއާރުސީގެ ފައިސާއަށް ނުވެދާނެ ކަމަށާއި އެހެން ކަމުން އެސްއޯއެފުން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާ އަނބުރާ ދޭން ނުޖެހޭނެކަމަށް ރައީސް ޔާމީން މިއަދު ވިދާޅުވިއެވެ.
އެސްއޯއެފުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ފައިސާކަން ސާބިތު ނުވާކަމަށާއި އެހެންކަމުން އެފައިސާ އަނބުރާ ހަވާލުކުރަން ހަގީގަތުގައި ނުވެސް ޖެހޭނެކަމަށް ރައީސް ޔާމީން ވިދާޅުވުއެވެ.
އެސްއޯއެފްއަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބްގެ ގާތް ބައެއް ބޭފުޅުންނާއި ގުޅުން އޮންނަ ކުންފުންޏެކެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި އަދީބުގެ މައްޗަށް މިހާރުވަނީ ބޮޑެތި ހުކުމްތަކެއްވެސް ކޮށްފައެވެ. އަދި އަދީބު ގެންދަވަނީ އެ ހުކުމްތައް ތަންފީޒުވެސް ކުރައްވަމުންނެވެ.
މީގެ އިތުރުން އެމަނިކުފާނުގެ އެކައުންޓްގައި ހުރި ފައިސާއަކީ ޖާއިޒް ފައިސާކަމަށް ވިދާޅުވާ ވިދާޅުވުން މިއަދުވެސް ދިފާއު ކުރެއްވިއެވެ. ރައީސް ޔާމީން ވިދާޅުވީ އެ ފައިސާއަކީ ޖާއިޒް ފައިސާކަން ސާބިތުކޮށްދޭން ޖެހޭ ވަގުތު ޖެހުމުން އެކަން ކުރައްވާނެ ކަމުގައެވެ.
ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ ހިޔާ ނާތާއި މަނީލޯންޑްރިންގެ މައްސަލަތަކެއް ފުލުހުން ތަހުގީގު ކުރަމުން ގެންދާއިރު، ރައީސް ޔާމީންގެ އެކައުންޓް ތަކުގައި ހުރި 100 މިލިއަނަށް ވުރެ ގިނަ ފައިސާ މިހާރުވަނީ ކޯޓް އަމުރެއްގެ ދަށުން ފުލުހުން ހިފަހައްޓާފައެވެ.
ޔާމީނަށް ކުރަނީ ހިޔާނާތުގެ ފައިސާ ލޯންޑަކުރުމާއި ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ