ޕީޕީއެމް ކޮންގްރެސް މައްސަލަ އިލެކްޝަނުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަނީ
ޕީޕީއެމުން ހާއްސަ ގޮތުން ބޭއްވި ކޮންގްރެސް ބަލައި ނުގަނަން އިލެކްޝަނުން ނިންމި ނިންމުން ބާތިލު ކުރި މައްސަލަ ގާނޫނާ ހިލާފު ކަމަށް ހައިކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ. މިއަދު ހައިކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ޕީޕީއެމުން ހާއްސަ ގޮތުން ބޭއްވި ކޮންގްރެސް ގާނޫނާ ހިލާފު ކަމަށް އިލެކްޝަނުން ނިންމި ނިންމުން ސައްގަ ނޫން ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ ކޯޓުން ކުރި ހުކުމަށް އިލެކްޝަނުން އިހުތިރާމު ކުރާ ކަމަށެވެ. އެހެން ނަމަވެސް ހައިކޯޓުން ކުރި ހުކުމުގައި އިލެކްޝަނުން ކަންބޮޑުވާ ކަންތައްތަކެއް ހުރުމުން އެމައްސަލަ ސުޕްރީމް ކޯޓުފައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށެވެ. ޕާޓީގެ މަގާމުތަކަށް އައްޔަން ކުރެވުނު ބޭފުޅުން އެނގޭ ގޮތަށް 24 ގަޑިއިރު ތެރެގައި އިލެކްޝަންސްގެ ވެބްސައިޓަށް އެރުވުމަށް ހައިކޯޓުގެ ހުކުމުގައި ވަނީ އަމުރުކޮށްފަ އެވެ. ޕީޕީއެމްގެ ކޮންގްރެސްގައި ނައިބު ރައީސުން އައްޔަން ކޮށްފައި ވަނީ އަސާސީ ގަވާއިދުގެ ދެ މާއްދާއެއް ފުށުއަރާ ގޮތަށް ކަމަށް އީސީން ކޯޓުގައި ބުނި ނަމަވެސް އަސާސީ ގަވާއިދުގައި ފުށޫ އެރުމެއް ނެތް ކަމަށް ހައިކޯޓުން ވަނީ ބުނެފަ އެވެ. އެހެންވީމަ ހަތަރު ނައިބު ރައީސުން އިންތިހާބު ކުރީ ގާނޫނާ ހިލާފަށް ކަމަށް ބަލާނެ ހަމައެއް ނުވާ ކަމަށް ހައިކޯޓުން ހުކުމުގައި ވަނީ ބުނެފަ އެވެ. އަދި މަގާމުތަކަށް މީހުން އިންތިހާބު ކުރެވުނު އިރު ގާނޫނާ ހިލާފުވެފައި ވަނީ ކޮން ގޮތަކަށްކަން އިލެކްޝަންސް ކޮމިޝަނަށް ބުނެދެވިފައި ނުވާ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ. އަދި ޕީޕީއެމްގެ މެމްބަރުން ނޫން މީހުން ކޮންގްރެސްގައި ބައިވެރިވެ ވޯޓު ލީ ކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ. ހުކުމުގައި ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމްގެ ރެޖިސްޓްރީ ބަލާފައި ނުވާ ކަމަށެވެ. އެހުރިހާ ކަމެއް އެގޮތަށް ހުރުމުން ކޮންގްރެސް ބަލައި ނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ސައްހަ ނޫން ކަމަށް ހައި ކޯޓުން ހުކުމުގައި ބަޔާންކޮށްފައިވެ އެވެ. ޕީޕީއެމްގެ ކޮންގްރެސްގައި ޕާޓީގެ ރައީސަކަށް އިންތިހާބު ކުރެވުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. އަދި ނައިބު ރައީސުންގެ ގޮތުގައި އަބްދުއްރަހީމް އަބްދުﷲ އަދި އާޒިމާ ޝުކޫރުގެ އިތުރުން މުހައްމަދު ސައީދު އަދި މޫސާ ޒަމީރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ