ދެ މެންބަރެއްގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލްކޮށްފި

އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް މީގެ ކުރިން ކަނޑައަޅާފައިވާ ދެ މެންބަރެއްގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި މާދަމާ ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ސްޕްރީމް ކޯޓުގައި މާދަމާ އަށް ތާވަލުކޮށްފައިވަނީ، އީސީން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުގެ މައްސަލައެވެ.
މުސްތަފާގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުން އޮންނާނީ މާދަމާ މެންދުރު 13:00 ގައެވެ. އަދި ޝާހުގެ މައްސަލައިގެ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު 14:00 ގައެވެ.
ސުޕްރީމް ކޯޓުގައި މިއަދު ވެސް ވަނީ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި ދެ މެމްބަރެއްގެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންގޮސްފައެވެ. މިއަދު ކުރިއަށް ގެންގޮސްފައިވަނީ ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ މައްސަލައެވެ. މި ދެ މައްސަލައިގައި ވެސް ދެން އޮންނާނީ ހުކުމް އިއްވުމެވެ.
12 މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅިއިރު، ސުޕްރީމް ކޯޓުން މީގެކުރިން ވަނީ ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފައެވެ. އެ ހަތަރު މެމްބަރުންނަކީ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑޭ) އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ