ގައުމުގެ މަސްލަހަތަށް ލޯބި ކުރަންޏާ ޖެހޭނީ 2018 ވަނަ އަހަރު ޖެހެންދެން ކެތް ކޮށްލަން - ރައީސް

އިދިކޮޅު ފަރާތްތަކުން ސިލްސިލާ މުޒާހަރާތަކެއް ކުރަމުން ދާ ދަނޑިވަޅެއްގައި ގައުމުގެ މަސްލަހަތަށް ލޯބި ކުރާ ނަމަ 2018 ވަނަ އަހަރު ޖެހެންދެން މަޑުކޮށްލުމަށް ވިދާޅުވެ ރައީސް ޔާމީން އިދިކޮޅު ފަރާތްތަކަށް ނަސޭހަތްތެރިވެވަޑައިގެންފިއެވެ.
ޒުވާނުންނަށް ހާއްސަކޮށްގެން ރައީސް ޔާމީންގެ އަނބިކަނބަލުން މިރޭ ސިޓްރޮން ކެފޭގައި ދެއްވި ރޭގަނޑުގެ ފަރިއްކުޅުއްވުމުގައި ޒުވާނުންނާ މުޚާތަބްކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިއަދު މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަމުންދާއިރު އެ ބޭފުޅުންގެ ސަރުކާރުގެ ޒުވާނުންނަށް އެއްވެސް ކަމެއް ކޮށްދެވިފައިނުވާ ކަމަށެވެ. އެހެން ނަމަވެސް މިއަދުގެ ސަރުކާރުގެ އަމާޒަކަށް ފުރަތަމަވެސް ވީ ޒުވާނުންނަކީ މަޝްރޫއެއް ކަމަށް ދެކިގެން އެ މަޝްރޫއަށް ބޭނުންވާ ކަންކަން ފުރިހަމަކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންވީމާ ދެން ޖެހޭނީ ގައުމުގެ މަސްލަހަތަށް ލޯބި ކުރާ ބަޔަކު ކަމަށް ވަންޏާ ހަމަ 18 ވަނަ އަހަރު އަންނަންދެން ކެތް ކޮށްލަން ޖެހޭނީ. އިންތިހާބުން ރައްޔިތުން އަނެއްކާވެސް ނިންމާނީ ދެން ކާކުތޯ ވެރިކަމަށް އަންނާނީ. އަޅުގަނޑު މީ ކޮންމެހެން 2018 އަކަށް ބޮޑެތި ހުވަފެންތަކެއް މިހާރު ފެންނާނީ ނުނިދިގެން އުޅޭ މީހެއް ނޫން. ފަހަރަކު އަހަރެއް ދަމާ ހިނގާ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޒުވާނުންނަށް ހާއްސަކޮށްގެން ސަރުކާރުން ހިންގަން ރާވާފައިވާ ބޮޑެތިި މަޝްރޫއުތަކުގެ ތެރެއިން ހުޅުމާލޭ ބުރިޖުގެ މަސައްކަތް ފެށިއްޖެ ކަމަށް ވަންޏާ އެއޮތީ ބޮޑު އެއްކަންތައް ފެށިފައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ