ކައުންސިލް އިންތިހާބުގައި މައްޗަންގޮޅި ދެކުނު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ސަރަނގު އާދަމް މަނިކާ ވާދަކުރެއްވުމަށް އަމިއްލަގޮތުން ނިކުންނެވި އެ ޕާޓީގެ މެންބަރު އަދި އެކްޓިވިސްޓް އާއިޝަތު ޝެރިން ޕާޓީން ވަކިކޮށްފައި ވަނީ ސަރަނގު އާދަމް މަނިކުގެ ނުފޫޒަކުން ނޫން ކަމަށާއި އެއީ ޕާޓީގެ ކެމްޕޭނަށް ގެއްލުންވާ ގޮތަށް އަމަލުތައް ބެހެއްޓެވެމުން ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީ އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ކުރީގެ ފޮރިން މިނިސްޓަރު އަދި ކެމްޕޭން ސްޕޯކްސް ޕާސަން ޑރ. އަހުމަދު ޝަހީދު ވިދާޅުވީ، ޕާޓީގެ ކެންޑިޑޭޓް އާދަމް މަނިކާ ދެކޮޅަށް ޝެރިން ނުކުތީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށެވެ. އަދި އާދަމް މަނިކާ ދެކޮޅަށް ނުކުމެ އަމަލީގޮތުން ވަރަށް ހަރަކާތްތެރިކޮށް ޝެރިން މަސައްކަތް ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން ވެސް ޝެރިންއާ ގުޅޭ ޝަކުވާތަކެއް ޕާޓީ އަށް ލިބިފައިވާ ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ.
"ހުރިހާ އެންމެންނަށް ވެސް އޮންނަން ވާނީ އެއް ހަމައެއް. ޕާޓީގެ ގަވާއިދު ތަންފީޒު ކުރާނީ އެންމެންނަށް ހަމަހަމަވާ ގޮތަށް. ޝެރިންނަށް ތަންފީޒުކުރި ގޮތަށް އެހެން މީހުންނަށް [އަމިއްލަ ގޮތުން ވާދަކުރާ އެ ޕާޓީގެ އެހެން ކެންޑިޑޭޓުންނަށް] ވެސް އެ ގޮތް އޮންނާނެ. މީގައި ކޮންމެހެން އާދަމް މަނިކުގެ ނުފޫޒެއް އޮތީއެއް ނޫން. މިއީ ޕާޓީގެ ގަވާއިދުގެ ނުފޫޒު،" ޝެރިން ވަކިކުރެއްވި އާދަމް މަނިކުގެ ނުފޫޒުން ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި ޑރ. ޝަހީދު ވިދާޅުވި އެވެ.
ޕާޓީގެ މަސްލަހަތާ ދެކޮޅަށް މަސައްކަތް ކުރަމުން އަންނަ އެ ޕާޓީގެ 30 އެއްހާ ކެންޑިޑޭޓުންނާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށާއި އެ މީހުންނާ މެދު ޕާޓީން ނިންމި ގޮތް މިއަދު އިއުލާންކުރާނެ ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ. އޭގައި އެކި މެމްބަރުންނާ ދޭތެރޭ އަޅާފައި ހުރި ފިޔަވަޅުތައް ތަފާތުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އޭގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ޑރ. ޝަހީދު ވިދާޅުވީ ޕާޓީގެ ބޭރުން ވާދަކުރައްވާ މެމްބަރުންގެ ތެރެއިން ވެސް ޝެރިންއާ މެދު ފުރަތަމަ ގޮތެއް ނިންމީ ޕާޓީއާ މެދު އަމަލުތައް ބެހެއްޓި ގޮތުން ކަމަށެވެ.
"---އަޅުގަނޑުމެން ނިންމީ ޕާޓީގެ މަސްލަހަތަށް މިވަގުތަށް އެންމެ ބޮޑު ގެއްލުމެއް ވާން އޮތީ މިވަގުތަށް ޝެރިންގެ ކެމްޕޭންގެ ތެރެއިންކަން. އެހެންވެ އޭނާ ވަކިކުރުމަށް އިސްކަން ދެއްވީ،" ޑރ. ޝަހީދު ވިދާޅުވި އެވެ. "ހަމަ އެގޮތަށް މައްސަލައިގެ ކުޑަބޮޑު މިނަށް ބަލައި އެހެން މީހުންނާ ދޭތެރޭ ވެސް ފިޔަވަޅު އަޅާނެ."
ޑރ. ޝަހީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީ އަށް ގެއްލުނީ ޕާޓީގެ ޓިކެޓުން ބޭރުގައި ބައެއް މެމްބަރުން ވާދަކުރުން ފަދަ އަމަލުތަކުގެ ސަބަބުން ކަމަށެވެ. ހައެއްކަ ވޯޓުގެ ތަފާތުން މަޖިލީހުގެ ގޮނޑިތައް ގެއްލިގެން ދިއުމުގެ ސަބަބުން ގައުމަށާއި ޕާޓީ އަށް ގެއްލުންތަކެއް ކުރިމަތިވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރު ހިންގާ އެމްޑީޕީން ކައުންސިލް އިންތިހާބުގައި 900 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާ އިރު އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި 44،154 މެމްބަރުން އެބަތިބި ކަމަށް އިލެކްޝަނުގެ ހިސާބުތަކުން ދައްކަ އެވެ.
ޝެރިން ޕާޓީން ވަކިކުރީ ސަރަނގު އާދަމް މަނިކުގެ ނޫފޫޒަކުން ނޫން: ޑރ. ޝަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ