އެހެން ދުވަސްވަރާ ޚިލާފަށް ސްކޫލް ބޮޑު ބަންދުގައި މި އަހަރު ކާޑު ހައްދަން ދުވާލަކު ދާ މީހުންގެ އަދަދު 75 ޕަސެންޓަށް ވުރެ ވެސް މައްޗަށް ޖެހިފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ނެޝެނަލް ރެޖިސްޓްރޭޝަނުން ބުރާސްފަތިދުވަހު ބުނެފި އެވެ.
ނެޝެނަލް ރަޖިސްޓްރޭޝަންގެ ތަފާސްހިސާބުތަކަށް ބަލާއިރު އާންމުކޮށް މި އަހަރު އެތަނުގެ ޚިދުމަތް ދުވާލަކު ހޯދާފައި ވަނީ 265 މީހުންނެވެ. އެކަމަކު ސްކޫލް ބަންދުވުމާ އެކު ޚިދުމަތް ހޯދަން ދާ މީހުންގެ އަދަދު ދުވާލަކު 839 މީހުންނަށް އަރާ ކަމަށް އެ ޑިޕާޓްމަންޓުން ބުނެ އެވެ.
"މިއީ ސްކޫލް ބަންދު ނޫން ދުވަސްވަރާ އަޅާބަލާއިރު، ގާތްގަނޑަކަށް 76 ޕަސެންޓް ގެ އިތުރުވުމެކެވެ،" ނެޝެނަލް ރަޖިސްޓްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އެ ޑިޕާޓްމަންޓުން ބުނީ ވޭތުވެ ދިޔަ ދެ އަހަރަށް ވުރެ ވެސް މި އަހަރުގެ މި ދުވަސްކޮޅު ކާޑު ހައްދާ މީހުންގެ އަދަދު އިތުރު ކަމަށެވެ.
އެ ތަނުން 2009 ވަނަ އަހަރު އެވްރެޖްކޮށް ދުވާލަކަށް 213 މީހުން އަދި 2008 ވަނަ އަހަރު 131 މީހުން ހިދުމަތް ހޯދާފައިވެ އެވެ. އެ ދެ އަހަރު ވެސް ޗުއްޓީ ބަންދު ދުވަސްވަރު ހިދުމަތް ހޯދާ މީހުންގެ އަދަދު އިތުރުވެ އެވެ.
ރަށްރަށުން ހުށަހަޅާފައިވާ ކާޑުތަކުގެ ތެރެއިން ވެރިފަރާތް ނޫން އެހެން މީހުންގެ ހަވާލުގައި ކާޑު ދޫކުރުން މާދަމާ އިން ފެށިގެން ވަނީ ލިމިޓްކޮށްފަ އެވެ. އެގޮތުން ރަށްރަށުގެ ކާޑުތަކުގެ ތެރެއިން ވެރިފަރާތް ނޫން މީހުން ހަވާލުވާން ދޫކުރަނީ 50 ނަމްބަރެވެ. އެކަމަކު މިއީ މިހާރު ދުވާލަކު އެތަނުގެ ޚިދުމަތް ހޯދަން ދޫކުރާ 350 ނަންބަރުގެ އިތުރުން ދޫކުރާ ނަންބަރުތަކެކެވެ.
ނެޝެނަލް ރެޖިސްޓްރޭޝަނުން ބުނި ގޮތުގައި ފެބުރުއަރީ 5 ގައި ބާއްވާ ކައުންސިލް އިންތިޚާބުގެ ކުރިން ރަށްރަށުގެ އައިޑީ ކާޑުތައް ނިންމައި އެ ރަށްތަކަށް ފޮނުވުމުގެ މަސައްކަތް ވަރަށް ބާރަށް ދަނީ ކުރިއަށެވެ.
ސްކޫލް ބަންދު ދުވަސްވަރު ކާޑު ހައްދަން ދާ މީހުންގެ އަދަދު 75 ޕަސެންޓް އިތުރުވެފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ