ކޮމިޓީ އެލަވަންސް މައްސަލަ ކޯޓުން ބޭރުކޮށްލައިފި
ސިވިލް ސާވަންޓުންގެ މުސާރަ އިއާދަނުކޮށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދިނުމަށް މަޖިލީހުން ފާސްކުރި 20،000ރ. ގެ ކޮމެޓީ އެލަވަންސް ދޫނުކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ. ސ. މަރަދޫ، ޕެންޒީމާގޭ މާހް ޖަބީން ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ "ސިވިލް ސާވިސްގެ މުވައްޒަފުންނަށް ދައުލަތުގެ ބަޖެޓުގައި ދިނުމަށް ހިމަނާފައިވާ ފައިސާއަކީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އެލަވަންސްގެ ފައިސާއާ އެއް ހާލަތެއްގައި އޮތް ފައިސާއެއް ނޫން ކަމާއި ދެ ހާލަތެއްގައި އޮތް ދެ ކަމަކާމެދު އެއްގޮތަކަށް އަމަލުކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މައްޗަށް އަމަރުކުރެވެން ނެތް" ކަމަށެވެ. މާހް ޖަބީންގެ ވަކީލް މުހައްމަދު ޝަފާޒް ވިދާޅުވެފައި ވަނީ ސިވިލް ސާވަންޓުންނަށް ބޮޑު ކުރި ނުދީ މަޖިލީހުގެ މެންބަރުންނަށް އެލަވަންސް ފައިސާ ދޫކުރުމަކީ ދައުވާކުރާ ފަރާތަށް ގާނޫނު އަސާސީގެ 20 ވަނަ މާއްދާއިން ލިބިދޭ، ހަމަހަމަކަމާ އެކު މަންފާތައް ލިބުމުގެ ހައްގާއި 43 ވަނަ މާއްދާއިން ލިބިދޭ އަދުލުވެރިކަމާ އެކު އިދާރީ ފިޔަވަޅު އެޅުމުގެ ހައްގަށް އުނިކަން ލިބޭނެ ކަމެއް ކަމަށެވެ. އަދި ސިވިލް ސާވަންޓުންގެ ފުރިހަމަ މުސާރަ ނުދީ މެންބަރުންނަށް އެލަވަންސް ދޫކުރުމަކީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާ އިން މާހް ޖަބީނަށް ލިބިދޭ ތަފާތު ނުކުރުމުގެ ހައްގަށް ވެސް އުނިކަން ލިބޭނެ ކަމެއް ކަމަށް ވަކީލު ވިދާޅުވެފައި އެވެ.ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައިވަނިކޮށް، ކުޑަކުރި މުސާރަ ޝީޓް ހެދުމަށް އެންގުމުގެ ބާރު ފިނޭންސް މިނިސްޓްރީ އަށް ލިބިގެން ނުވާ ކަމަށް މިދިޔަ އަހަރު ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އަދި އެ ހުކުމް ރަނގަޅު ކަމަށް ހައި ކޯޓުން ވެސް ވަނީ ހުކުމްކޮށްފަ އެވެ. ދައުލަތުން ވަނީ މިހާރު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަޅައިފަ އެވެ. އެހެންކަމުން މުސާރައިގެ މައްސަލައިގައި ޝަރުއީ ހުރިހާ މަރުހަލާއަކުން ގޮތެއް ކަނޑަނޭޅޭ ކަމަށް ދައުލަތުން ޝަރީއަތުގައި ބުނެފައިވެ އެވެ.އިގުތިސޯދީ ހާއްސަ ހާލަތާ ގުޅިގެން އޮކްޓޫބަރު 2009 އިން ފެށިގެން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަކުރުމަށް ފަހު 2010 ޖެނުއަރީން ފެށިގެން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މުސާރަ އިޔާދަކޮށްފައިވީ ނަމަވެސް ސަރުކާރުން އެ މުސާރަ މިހާތަނަށް ދީފައި ނުވާތީ އެ 12 މަސް ދުވަހަށް 443.6 މިލިއަން ރުފިޔާ ލިބެން ޖެހޭ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ