ކޮންމެ ފަސިންޖަރެއްގެ އަތުން 25 ޑޮލަރު ނެގުމާ ދެކޮޅަށް އިދިކޮޅު އިއްތިހާދު ތެދުވެއްޖެ

މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ހިންގުމަށް އިންޑިޔާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކޮށް، އެއާޕޯޓް ބޭނުންކުރާ ކޮންމެ ފަސިންޖަރެއްގެ އަތުން 25 ޑޮލަރު ނެގުމަށް ނިންމާފައިވާތީ އެކަމާ ދެކޮޅަށް އިދިކޮޅު އިއްތިހާދު ގުޅިގެން ތެދުވެ ޝަރުއީ މަރުހަލާގެ ތެރެއަށް އެ މައްސަލަ މިހާރު ވަނީ ގެންގޮސްފަ އެވެ.
އެއާޕޯޓްގެ ހިންގުން ޖީއެމްއާރާ ހަވާލުކުރުމާ ދެކޮޅަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެއްގަލަކަށް އަރައި މަސައްކަތް ކުރަމުން އަންނަ އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޑީއާރުޕީ އާއި ޕީއޭ އާއި ގައުމީ ޕާޓީ އަދި ޖުމްހޫރީ ޕާޓީ ގުޅިގެން މިހާރު ވަނީ ފަސިންޖަރުންގެ އަތުން ނަގަން ޖީއެމްއާރުން ނިންމާފައިވާ 25 ޑޮލަރު ނެގުން ހުއްޓުވުމުގެ ކޯޓު އަމުރަކަށް އެދިފަ އެވެ.
އިދިކޮޅު އިއްތިހާދުން ކޯޓަށް ހުށަހަޅާފައިވާ ދައުވާގައި އެދިފައި ވަނީ "ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކާ އެއްގޮތްވާ ގޮތުގެ މަތިން މެނުވީ މާލޭ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ އެއްވެސް ފަސިންޖަރެއްގެ އަތުން އެއްވެސް ޓެކުހެއް ނަގައިގެން ނުވާނެ ކަމަށް ކަނޑައަޅުއްވައި އަމުރު ނެރެދެއްވު"މަށެވެ.
މީގެ އިތުރުން އެ ދައުވާގައި ބުނެފައި ވަނީ ޖީއެމްއާރަށް މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ އެހެން ހުރިހާ އެއާޕޯޓްތަކުން ރާއްޖެ އިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ސާވިސް ޗާޖާއި އެހެނިހެން ޗާޖުތައް ބޮޑުކުރުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރުމަކީ ދިވެހި ރައްޔިތުންގެ ހައްގަށް އުނިކަމެއް އަންނާނެ އަދި އިންސާފުވެރި އަދުލުވެރި އަމަލެއް ނޫން ކަމަށެވެ.
އިދިކޮޅު އިއްތިހާދުން ބުނެފައިވާ ގޮތުގައި މިހާތަނަށް މާލޭ އިންޓަނޭޝަނަލް އެއާޕޯޓުން ފަސިންޖަރުންގެ އަތުން ފީ ނަގަމުން އައީ ދިވެހިރާއްޖޭގެ އެއާޕޯޓަކުން ރާއްޖެ އިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއާޕޯޓް ސާވިސް ޗާޖް ނެގުމާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިންނެވެ. އެ ގޮތުން އެ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހެއްގެ ދަށުން ކޮންމެ ބިދޭސީ ފަސިންޖަރެއްގެ އަތުން 18.50 އެމެރިކާ ޑޮލަރު މިހާރު ނަގަމުން ގެންދާކަން ވެސް ދައުވާގައި ފާހަގަކޮށްފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގައިވާ ގޮތުގެ މަތިން މެނުވީ ރައްޔިތުންގެ އަތުން ޓެކްސް ނެގުމަކީ ގާނޫނު އަސާސީގެ 97 ވަނަ މާއްދާ ހުއްދަކުރާ ކަމެއް ނޫން ކަން ވެސް އިދިކޮޅު އިއްތިހާދުގެ ދައުވާގައިވެ އެވެ.
މާލޭ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން 25 ޑޮލަރު ނެގުން ހުއްޓުވުމުގެ އަމުރަކަށް އިދިކޮޅު އިއްތިހާދުން ކޯޓަށް ދިޔައިރު ސަރުކާރުން ކުރިން ބުނެފައި ވަނީ އެ އަދަދު ނަގަނީ އެއާޕޯޓް ޑިވެލޮޕްމަންޓް ސާވިސް ޗާޖެއްގެ ގޮތުގައި ކަމަށާއި އެއީ ސަރުކާރަށް ކޮންމެ ފަސިންޖަރެއްގެ އަތުން ނަގަން މަޖިލީހުން ފާސްކޮށްފައިވާ 18 ޑޮލަރުގެ ޓެކްސްއާ މުޅިން ތަފާތު އެއްޗެއް ކަމަށެވެ.
"މިއީ ކަރަންޓާއި ފެނާއި މި ހިދުމަތްތަކަށް ވެސް ކުންފުނިތަކުން ނަގާ ކަހަލަ ސާވިސް ޗާޖެއް. އެއީ ޖީއެމްއާރަށް ލިބޭ އާމްދަނީއެއް. ޖީއެމްއާރުން އެއާޕޯޓް ހިންގުމަށް ހަވާލުވިއަސް އެ 18 ޑޮލަރު ލިބޭނީ ސަރުކާރަށް. ހުޅުލޭ އައިލެންޑް ހޮޓަލާއި އިންފްލައިޓް ކޭޓަރިންނާ މިތަންތަނުން ލިބޭ އާމްދަނީ ވެސް ވަންނާނީ ސަރުކާރަށް،" ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވެފައިވެ އެވެ.
ސަރުކާރުން ދާދި ފަހުން ބުނެފައި ވަނީ ޖީއެމްއާރުން 25 ޑޮލަރު ނެގޭނީ އެއާޕޯޓްގެ ތަރައްގީ އަށް ކޮންމެވެސް ކަމެއް ކުރުމަށް ފަހު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ