ވެރިކަމާ ހަވާލުވީ ފިސްތޯލައެއް ހިފައިގެން ހުރެއެއް ނޫން: ރައީސް މައުމޫން

މީގެ 30 އަހަރު ކުރިން، 1978 ވަނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަމުގެ މަގާމާ ހަވާލުވެވަޑައިގަތީ ފިސްތޯލައެއް ހިފައިގެން ހުރެ ކަމަށް ދައްކާ ވާހަކައަކީ އެއްވެސް ހަގީގަތެއް ނޫން ކަމަށާއި ވެރިކަމާ ހަވާލުވެވަޑައިގަތީ އެއްވެސް ހަތިޔާރެއް ހިފައިގެން ހުރެ ނޫން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޓީވީ މޯލްޑިވްސް އިން ރޭ ވަގުތުން ދުރަށް ފޮނުވި "ސިޔާސަތު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، އެއްވެސް އިރެއްގައި ފިސްތޯލައެއް ގެންގުޅުއްވާފައި ނުވާނެ ކަމަށެވެ.
"ފިސްތޯލައެއް ހިފައިގެންނެއް ނޫން ހުރީ. އެއްވެސް އިރެއްގައި އަޅުގަނޑު ފިސްތޯލައެއް ހިފައިގެން ނުހުންނަން. ގޭތެރެއަކު ވެސް އަދި ގެއިން ބޭރަކު ވެސް. އެއްވެސް އިރެއްގައި އަޅުގަނޑުގެ އުމުރުގެ އެއްވެސް ދުވަސްވަރެއްގައި. އެހެންވީމާ އެއީކީ ރަނގަޅު ވާހަކައެއް ނޫން. ހަމަ ކަނޑައެޅިގެން ދޮގެއް."
ރައީސް ވިދާޅުވީ އެ މަނިކުފާނު 1978 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތީ ހަތިޔާރު ހިފައިގެން ހުރެ ކަމަށް ދައްކާ ވާހަކަ އެ މަނިކުފާނު ވެސް އަޑުއައްސަވާ ކަމަށާއި އެއްވެސް މުނާސަބަތެއްގައި ވާހަކަފުޅު ދައްކަވަމުން ވެސް، ފިސްތޯލައެއް ހިފައިގެން ހުރެ ހުވާކުރެއްވި ކަމަށް ވިދާޅުވެފައި ނޯންނާނެ ކަމަށެވެ.
"އެކަމަކު އަޅުގަނޑު ބުނި އެއްޗެއް އޮންނާނެ މާފަހުން. އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަމުން ބުނިން އަޅުގަނޑު ރައީސްކަމާ ހަވާލުވިއިރު ހަތިޔާރު ހުއްޓޭ އަޅުގަނޑުގެ ބެލުމުގެ ދަށުގައި."
އެކަން ހިނގައި ދިޔަ ގޮތް އޮޅުންފިލުއްވައިދެއްވަމުން ރައީސް މައުމޫން ވިދާޅުވި ގޮތުގައި، އެ މަނިކުފާނުގެ ބެލުމުގެ ދަށުގައި ހަތިޔާރު ހުރިކަމަށް ވިދާޅުވެފައި ވާނީ، އޭރުގެ ރައީސް އިބްރާހީމް ނާސިރުގެ އަމުރުފުޅަކަށް އޭރުގެ ދިފާއީ ވަޒީރު، ސިފައިންގޭގެ ހަތިޔާރު ގުދަނުގެ ތަޅުދަނޑި އެ މަނިކުފާނާ ހަވާލުކުރެއްވުމުންނެވެ. އަދި އެ ތަޅުދަނޑި ހަވާލުކުރެއްވީ ރައީސްކަމުގެ މަގާމުގެ ހުވާކުރެއްވުމުގެ ކުރިން ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑު ހަވާލުވީ 1978 ނޮވެމްބަރު 10 ވަނަ ދުވަހުގެ ރޭ މެންދަމު 12 ޖެހިއިރު. އެގާރަ ނޮވެމްބަރަށް ވީ ވަގުތު. އޭގެ އެއް ދުވަސް ކުރިން އޭރުގެ މިނިސްޓަ އޮފް ޕަބްލިކް ސޭފްޓީ އަށް ހުންނެވި ބޭފުޅަކު ވަޑައިގެން އަޅުގަނޑު އަތަށް ހަތިޔާރު ގުދަނުގެ ތަޅުދަނޑި ދެއްވާފައި ވިދާޅުވީ، ރައީސް ވިދާޅުވިޔޭ މި މައުމޫން އަތްޕުޅަށް އަރުވާށޭ. އެހެންވީމާ އެ ހަތިޔާރު ގުދަނުގެ ތަޅުދަނޑިފަތި އަޅުގަނޑުގެ އަތުގައި އޮތީމަ އެ އަޅުގަނޑުގެ އަތުގައި ހަތިޔާރު ހުރީ. ރައީސަކަށް ވީމާ އަޅުގަނޑު ބޭނުންކުރަން ބޭނުންކުރަންޖެހިއްޖެ ހާލަތެއްގައި."
ރައީސް މައުމޫން ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ އެއް ދުވަސްކުރިން މުޅި ދިވެހި ދައުލަތުގެ ހަތިޔާރު ގުދަނުގެ ތަޅުދަނޑި އޭރުގެ ރައީސްގެ އަމުރުފުޅަށް އެ މަނިކުފާނަށް ލިބިވަޑައިގަތުން ފިޔަވައި އެއްވެސް އިރެއްގައި ހަތިޔާރެއް ގެންގުޅުއްވައިފައި ނުވާނެ ކަމަށެވެ.
ޓީވީއެމްގެ ސިޔާސަތު ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން، ކީރިތި ޤުރްއާނުގެ ތަރުޖަމާއާ ބެހޭ ގޮތުން އެ މަނިކުފާނު ވިދާޅުވީ، ކީރިތި ގުރުއާނުގެ އާ ދިވެހި ތަރުޖަމާ މި ރަމަޟާން މަހުގެ ތެރޭގައި އާންމުކޮށް ނެރުއްވާނެ ކަމަށާއި އެކަން ލަސްވީ ތަފާތު ސަބަބުތައް މެދުވެރިވެގެން ކަމަށެވެ. އަދި މީގެ 27 އަހަރު ކުރިން ފެށިގެން ސަރުކާރުން ކީރިތި ޤުރްއާން ތަރުޖަމާކުރުމަށް ފެށި މަސައްކަތް މިހާ ދުވަހަށް ލަސްވެގެން އައީ އެ މަނިކުފާނުގެ ކޮންޓްރޯލުން ވެސް ބޭރުގައިވާ ކަންތައްތަކެއް ދިމާވެގެން ކަމަށާއި މީގެ ކުރިން އެ ކަންތައް ރައްޔިތުންނަށް ބަޔާންކޮށްދީފައިވާނެ ކަމަށެވެ.
"ދެން ވަރަށް އުފާވެރި ޚަބަރެއް ދަންނަވާލަން އެބަ އޮތް އިނގޭތޯ. އިރާދަކުރެއްވިއްޔާ މާ ލަހެއް ނުވެ، މިހާރުން މިހާރަށް އަޅުގަނޑަށް ޔަގީންވާ ގޮތުގައި މި ރަމަޟާން މަހު ތެރޭގައި ކީރިތި ޤުރްއާނުގެ ތަރުޖަމާ ރާއްޖެ އައިސްގެން ރައްޔިތުންނަށް ލިބޭނެ."
ރައީސް މައުމޫންގެ ސިޔާސީ ހަޔާތުގެ ތެރެއިން ވެއަތުވެ ދިޔަ 30 އަހަރުގެ ކަންތަކަށް މުޅިން ވެސް އަމާޒުކޮށްގެން ސުވާލުތައް ހުށަހެޅުނު މި ޕްރޮގްރާމްގައި އެންމެ ސުވާލަކަށް ފިޔަވައި ހުރިހާ ސުވާލުތަކަށް ވެސް އެމަނިކުފާނު ޖަވާބު ދެއްވި އެވެ.
އެ ގޮތުން ބުރުގާ އެޅުމަކީ ދީނީ ޢިލްމުވެރިންގެ މެދުގައި ޚިލާފެއް އޮތް މައްސަލައެއް ނޫން ކަމަށާއި ކީރިތި ޤުރްއާނާއި ސުންނަތުން ސާބިތުވާ ކަމަކަށްވާ އިރު، އައްޑުވަސް މަޖައްލާގެ 2000 ނޮވެމްބަރު 16 ގެ އަދަދަށް ދެއްވާފައި އޮތް އިންޓަވިއުގައި އަނބިކަނބަލުން ބުރުގާ އެޅުއްވުމާ ބެހޭ ގޮތުން، ދެއްކެވި ވާހަކަފުޅުގައި އެއީ ކޮންމެހެން ލާޒިމްކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި އެއީ އަނބިކަނބަލުންގެ އަމިއްލަ އިޚްތިޔާރުގައި އޮތް ކަމެއްކަމަށް ވިދާޅުވީ ކީއްވެތޯ ސުވާލުކުރުމުން ރައީސް މައުމޫން ވިދާޅުވީ، އެމަނިކުފާނު ހުންނެވި މަގާމުގެ ގޮތުން ދީނީ ކަމެއްގެ ތެރެއަށް ވަދެ ވަކި ގޮތަކަށް ކަންތައް ގެންދަން ބަޔަކަށް އަންގާކަށް ބޭނުންނުވާ ކަމަށެވެ.
"މި ޕްރޮގްރާމަކީ ވެސް ސިޔާސީ ޕްރޮގްރާމެއް. އެހެންވީމާ މި ފޯރަމަކާ ނުގުޅޭ ދެއްތޯ ދީނީ ކަންތައްތަކުގެ ތެރެއަށް ވަންނަން."
އެ މަނިކުފާނު ވިދާޅުވީ އެ ކަމަކީ ދީނުގެ ހުރިހާ އިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ކަމެއް ނޫން ކަމަށާއި އަދި ކީރިތި ޤުރްއާނުގެ ސަރީހަ އިބާރާތުން އެނގެން އޮތް ކަމެއް ވެސް ނޫން ކަމަށެވެ. ނަމަވެސް މިހާރު ރައީސް އޮފީހުން ނެރުއްވާފައިވާ ތަރުޖަމާގައި ވެސް އަންހެނުންގެ އައުރައަކީ މޫނާއި ދެ އަތްތިލަ ފިޔަވައި އެހެން ހުރިހާ ތަނެއްކަމަށް އޮތް ކަމަށް ދެންނެވުމުން ރައީސް މައުމޫން ވިދާޅުވީ، ދީނީ ކަމެއްގެ ތެރެއަށް ޖަދަލުކުރަން ބޭނުންފުޅު ނުވާ ކަމަށެވެ. އަދި ޤުރްއާނުގެ ތަރުޖަމާއަކީ އިންސާނުން ކުރާ އެއްޗެއް ކަމަށާއި ތަރުޖަމާއަކީ ހުއްޖަތެއް ނޫން ކަމަށާއި އޭގެ މައްޗަށް ބިނާކޮށް ވާހަކައެއް ދައްކަންނުޖެހޭނެ ކަމަށެވެ.
ވެރިކަމުގެ ތެރޭގައި އެއްވެސް ވަރަކަށް ރައްޔިތުންނަށް އިތުރުފުޅެއް ހެއްދެވިންތޯ ކުރެވުނު ސުވާލުގެ ޖަވާބުގައި އެމަނިކުފާނު ވިދާޅުވީ އެފަދަ ކަމެއް ކުރައްވާފައިނުވާނެ ކަމަށެވެ. އެ ގޮތުން 2003 ސެޕްޓެމްބަރު 19 ގައި ޖަލުގައި ބަޑިޖެހި ހާދިސާއާ ގުޅިގެން ޓީވީ އާއި ރޭޑިއޯ އިން ދެއްކެވި ވާހަކަފުޅުގައި ވެސް ޖައްވަށާއި ފަޒާގެ ތެރެއަށް ސިފައިން ބަޑިޖެހިކަމަށް ވިދާޅުވީ އޭރު އެކަމުގައި އުޅުއްވި ބޭފުޅުންގެ ފަރާތުން ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކުރައްވައި ކަމަށެވެ.
ވެއަތުވެ ތިޔަ 30 އަހަރުގެ ތެރޭގެ އެކަށީގެންވާ ގޮތެއްގައި ތަރައްގީ ނުވާ ކަމަށް ދެކެވޭ ވާހަކަތަކާ ބެހޭ ގޮތުން އެ މަނިކުފާނު ވިދާޅުވީ ކޮންމެ ދުވަސްވަރެއްގައި ވެސް އެއިރެއްގެ ހާލަތާއި ފުދުންތެރިކަމުގެ ނިސްބަތުން ތަރައްގީ އަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
ސިޔާސީ އިސްލާހުތަކަށް މަސައްކަތް ފެއްޓެވީ ބޭރާއި އެތެރޭގެ ފިއްތުންތަކުގެ ސަބަބުންކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ވިދާޅުވީ އެފަދަ އެއްވެސް ފިއްތުމެއް ކުރިމަތިވެފައިނުވާ ކަމަށެވެ.
ރައީސް މައުމޫން ރޭ ބައިވެރިވެވަޑައިގެންނެވި ސިޔާސަތު ޕްރޮގްރާމަކީ އެ މަނިކުފާނުގެ ވެރިކަމުގައި މިހާތަނަށް ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތަކުން ވަގުތުން ގެނެސްދިން ސިޔާސީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ޕްރޮގްރާމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ