އިދިކޮޅު ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި ޑެޕިއުޓީ ލީޑަރު ކަމުގެ މަގާމުން ވަކިކުރުމަށް ޑިސިޕްލިނަރީ ކޮމެޓީން ނިންމާފައިވާ އުމަރު ނަސީރާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން މިވަގުތަށް ކުޑަކުރުމަށްޓަކައި ތަސްމީނާ އެކު ސުލްހަވުމަށް އުމަރު އެދިވަޑައިގެންފި އެވެ.
އެ ގޮތުން ތަސްމީނަށް އުމަރު ރޭ ފޮނުއްވި އެސްއެމްއެސްއެއްގައި ވިދާޅުވެފައި ވަނީ އެ ބޭފުޅުންގެ މެދުގައި އޮތް ތަފާތުތައް ނައްތާލައި ރީތި ގޮތުގައި ދެ ބޭފުޅުންގެ މެދުގައި ސީދާ ބައްދަލުވުމެއް ބޭއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބަށްޓަކައި އެއީ ވަރަށް މުހިންމު އަދި އެ އިންތިހާބު ނިމެންދެން ވެސް ދެ ބޭފުޅުންގެ އިތުރުން ޕާޓީ ތެރޭގައި އެއްބައިވަންތަކަން އޮތްކަން ހާމަވާނެ ކަމެއް ކަމަށް ވެސް އުމަރުގެ އެސްއެމްއެސްގައިވެ އެވެ.
"އަޅުގަނޑުމެން އެއްބަސްނުވާ ބައިވަރު ކަންތައްތައް ހުރެދާނެ. އެހެން ނަމަވެސް މި އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމަކަށް އަޅުގަނޑުމެން އެއްބަސްވާނެ ކަން ޔަގީން،" ތަސްމީންގެ އިތުރުން ޑީއާރުޕީގެ ކައުންސިލް މެމްބަރުންނަށާއި ޕާލިމެންޓްރީ މެމްބަރުންނަށް ކޮޕީކޮށް އުމަރު ފޮނުއްވި އެސްއެމްއެސްގައި ވިދާޅުވި އެވެ.
އުމަރު މިއަދު ވިދާޅުވީ ތަސްމީނާ އެކު ސުލްހަވުމަށް އެދިވަޑައިގެންނެވި ނަމަވެސް އޭނާ ގަބޫލުކުރައްވާ ސިޔާސަތުތަކަށް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި އެކި ކަންކަމުގައި ގެންގުޅުއްވާ ވިސްނުންތައް ވެސް އަނބުރާ ނުގެންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ގޮތަށް ތަސްމީނާ ވާހަކަ ދެއްކުމަށް އަޅުގަނޑު އެދުމުން އަޅުގަނޑުގެ ސަޕޯޓަރުންނަށް ހީވެދާނެ އަޅުގަނޑު އަމާންދިނީ ކަމަށް ވެސް. އެ މީހުންނަށް މިއީ ގަބޫލުކުރަން ދަތި ކަމަކަށް ވެދާނެ. އަދި ހަމަ އެހެންމެ އަނެއްކޮޅުން [ތަސްމީންގެ ސަޕޯޓަރުން] މީހުންނަށް ވެސް ދަތިވެދާނެ މިކަން ގަބޫލުކުރަން. އެކަމަކު މިއީ ޕާޓީ އާއި ގައުމުގެ މުސްތަގުބަލަށްޓަކައި ކުރަން ޖެހޭ ކަމެއް. އަޅުގަނޑުމެންނަށް އެންމެ މުހިންމީ ހިޔާލު ތަފާތުވުންތަކަށް ވުރެ ބޮޑަށް ކުރިއަށް އޮތް ލޯކަލް އިލެކްޝަން،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތަސްމީނާ އެކު ސުލްހަވުމަށްޓަކައި ހުށަހެޅުއްވި ނަމަވެސް ތަސްމީން ގަބޫލުކުރައްވާ އުސޫލުތަކާއި ފިކުރު އަނބުރާ ގެންދަވާނެ ކަމަށް އުއްމީދު ނުކުރައްވާ ކަމަށެވެ. އަދި ސުލްހަވުމަށް އެދިވަޑައިގެންނެވީ ތަސްމީންގެ ފަރާތްޕުޅުން އެފަދަ އިޝާރާތެއް އަންނަތޯ ބެލުމުގެ އިންތިޒާރުގައި ހުންނެވުމަށް ފަހު ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެއްބަސްވާ ކަންތައްތަކުގައި އެއްބަސްވެވިދާނެ. އެއްބަސް ނުވެވޭ ކަންތައްތައް ހުރެދާނެ އެ ގޮތަށް. އެއީ ސިޔާސީ މީހުން ވެއްޖިއްޔާ ޖެހޭނެ އެއް ތަނަކުން ބައްދަލުވެ އެކުގައި އުޅެވެން. އެ ވަރިހަމަ ކިތަންމެ ވަރަކަށް ހިޔާލު ތަފާތުވުންތައް ހުއްޓަސް. އަނެއްކާ ތަސްމީނަކީ އަޅުގަނޑަށް ވުރެ މާ މެޗުއާ ބޭފުޅެއް ސިޔާސީ ކަންތައްތަކަށް،" އުމަރު ވިދާޅުވި އެވެ.
ތަސްމީނާ އެކު ސުލްހަވުމަށްޓަކައި އުމަރު ފޮނުއްވި އެސްއެމްއެސް އަށް މިހާތަނަށް ޖަވާބެއް ލިބިވަޑައިގެންފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިކަމާ ގުޅޭ ގޮތުން މިއަދު "ހަވީރު" ން ގުޅުމުން ތަސްމީންގެ ފޯނު ނުނަންގަވާތީ އޭނާގެ ބަހެއް ވަނީ ނުލިބި އެވެ.
ތަސްމީނާ އެކު ސުލްހަވުމަށް އުމަރު އެދިވަޑައިގެންނެވިއިރު އޭނާ ޕާޓީން ވަކިކުރުމަށް ޑިސިޕްލިނަރީ ކޮމެޓީން ނިންމާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ނިންމުމާ ގުޅިގެން ޕާޓީ ތެރޭގައި ވަނީ ބޮޑެތި ބައިބައިވުންތަކެއް އުފެދި އެއްބަޔަކު އަނެއް ބަޔަކަށް ފާޑުކިޔާ ހިސާބަށް ކަންތައް ގޮސްފަ އެވެ. މިދިޔަ ސެޕްޓެމްބަރު މަހު "ގަންނާނެއްބާ ސަރުކާރު" ގެ ނަމުގައި އުމަރު މުޒާހަރާއެއް ބާއްވަން އުޅުމުން އެކަން ނުކުރެއްވުމަށް ތަސްމީން އެދިވަޑައިގަތުމުން އެކަން ކުރައްވަން އުޅުއްވުމުން އުމަރުގެ މައްސަލަ ޑިސިޕްލިނަރީ ކޮމެޓީ އަށް ފޮނުވީ ކައުންސިލުން ފާސްކޮށްގެންނެވެ. އަދި އުމަރު ޕާޓީން ކަނޑާލުމަށް ޑިސިޕްލިނަރީ ކޮމެޓީން ނިންމުމުން އުމަރު ވިދާޅުވެފައި ވަނީ އިސްތިއުނާފަށް ނުދާނެ ކަމަށެވެ. ސަބަބަކީ އެއީ ބާތިލު ނިންމުމެއް ކަމަށް އުމަރު ގަބޫލުކުރައްވާތީ އެވެ.
ސުލްހަވުމަށްޓަކައި ތަސްމީނާ ބައްދަލުކުރެއްވުމަށް އުމަރު އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ