ގިރިފުށީގައި ސިފައިން ކަންތައް ކުރަނީ ރަނގަޅަށް ކަމަށް އަބްދުﷲ ގާޒީ ވިދާޅުވި: އެޗްއާރުސީއެމް

މިއަދުގެ ހުކުރު ވަގުތު އެޗްއާރުސީއެމް އޮފީހުގައި ބޭއްވި ކުއްލި ނިއުސް ކޮންފަރެންސްގައި އަޒުރާ ވިދާޅުވީ އެ ބޭފުޅުން އަބްދުﷲ ގާޒީއާ ބައްދަލުކުރެއްވީ ގިރިފުށީގައި ކަމަށާއި "އޭނާ ހުންނެވީ ހެޔޮ ހާލުގައި" ކަމަށެވެ. އަދި "ފޯރުކޮށްދީފައިވާ ހިދުމަތްތައް ވެސް ރަނގަޅު" ކަމަށް އަޒުރާ ވިދާޅުވި އެވެ.
އެޗްއާރުސީއެމްގެ ފަރާތުން އަބްދުﷲ ގާޒީއާ މިއަދު ހެނދުނު ބައްދަލުކުރެއްވީ އަޒުރާގެ އިތުރުން ނައިބު ރައީސް އަހްމަދު ތޮލާލެވެ.
އެ ބޭފުޅުން ވިދާޅުވި ގޮތުގައި އަބްދުﷲ ގާޒީއާ އެކު ވާހަކަ ދެއްކެވުމަށް 15 ވަރަކަށް މިނެޓް ހޭދަކުރެއްވި އެވެ. އަދި އޭނާ އަށް ގިރިފުށީގައި ނިދިކުރެއްވުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ގޮތާއި ފަރިއްކުޅުވުމުގެ ކަންތައް ބެއްލެވި ކަމަށާއި އެ ހުރިހާ އިންތިޒާމުތައް ވެސް ރަނގަޅު ކަމަށް އަޒުރާ ވިދާޅުވި އެވެ.
މިދިޔަ ހޯމަދުވަހުގެ ރޭ ގާނޫނުން ބޭރުން ހައްޔަރުކޮށްފައި ހުންނެވި އަބްދުﷲ ގާޒީ ގިރިފުށީގައި ބަހައްޓާފައި ހުރި ތަނާ ބެހޭ ގޮތުން ސުވާލުކުރުމުން އަޒުރާ ވިދާޅުވީ އޭނާ ހުންނެވީ ވަކި ތަނަކަށް ލައްވައި ބަންދުކޮށްފައި ނޫން ކަމަށާއި ރަށުތެރޭގައި ހިނގާ ބިނގާވެ އުޅުއްވުމުގެ ފުރުސަތު ވެސް އޮންނަ ކަމަށެވެ. އަދި އާއިލާގެ ބޭފުޅުންނާ ފޯނުން ވާހަކަ ދެއްކެވުމަށް ފުރުސަތު ދެއްވި ނަމަވެސް ބަންދުކުރި ފަހުން އާއިލާގެ އެއްވެސް ބޭފުޅަކާ ވާހަކަ ނުދައްކަވާ ކަމަށް އަޒުރާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެ ސުވާލު [އަބްދުﷲ ގާޒީއާ] ކުރިން. ވިދާޅުވީ ބޭނުންފުޅު ނުވަނީއޭ،" އަޒުރާ ވިދާޅުވި އެވެ
އެޗްއާރުސީއެމްގެ ނައިބު ރައީސް ތޮލާލު ވިދާޅުވީ ކުއްލި ނިއުސް ކޮންފަރެންސެއް ބޭއްވުމުގެ މަގުސަދަކީ އަބްދުﷲ ގާޒީ ވީ ތަނަކާއި އޭނާގެ ހާލު އާންމުންނަށް ނޭނގޭތީ އެކަން ރައްޔިތުންނަށް ވީހާ ވެސް އަވަހަކަށް ސާފުކޮށް ދެއްވުން ކަމަށެވެ.
ތޮލާލު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރުމާ ގުޅިގެން އުފެދެމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އެންމެ ބޮޑަށް ގެއްލެނީ އާންމު ރައްޔިތުންގެ ހައްގުތައް ކަމަށެވެ. މިނިވަންކަމާ އެކު މުޒާހަރާކުރުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް ހަމަނުޖެހުން އުފައްދައި ރުޅިވެރިކަން އުފެދޭ ގޮތަށް ކަންކުރުމަކީ އެ ކޮމިޝަނުން ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މުޒާހަރާއަކީ ހުރިހާ ކަމެއްގެ ހައްލުކަމަށް ނުދެކި ސިޔާސީ ފަރާތްތަކުން މަޝްވަރާކުރުމަށް ވެސް ގޮވާލެއްވި އެވެ.
ހުކުރު ވަގުތު ޕްރެސްކޮންފަރެންސް ބޭއްވުމަކީ ރާއްޖޭގެ މުއައްސަސާތަކުން މީގެ ކުރިން ކުރި ކަމެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ