ތޮއްޑޫ ދާއިރާގެ އަލީ ވަހީދުގެ ކާރުގެ ބިއްލޫރި ތަޅާލައިފި

ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ވަހީދުގެ ކާރުގެ ބިއްލޫރި ތަޅާލައިފި އެވެ.
އަލީ ވަހީދު މިއަދު ވިދާޅުވި ގޮތުގައި ކާރުގެ ވިންޑް ސްކްރީން ތަޅާލިކަން އެނގިވަޑައިގަތީ މެންދުރު ދޭއް ޖަހާކަންހާއިރު މަޖިލީހުގެ އިދާރާ އަށް ވަޑައިގަތުމަށްޓަކައި ބޭރަށް ނުކުމެވަޑައިގަތުމުންނެވެ.
ކާރުގެ ބިއްލޫރި ތަޅާލީ އަލީ ވަހީދު ދިރިއުޅުއްވާ ގޭގެ ސަރަހައްދުގައި ޕާކް ކޮށްފައި އޮއްވަ އެވެ.
"ވިންޑް ސްކްރީން ތަޅާލި ގަޑިއެއް ނޭނގޭ. ރޭގަ ގެއަށް އައި ގޮތަށް ބޭރަށް ނުނިކުންނަށް. މެންދުރު މަޖިލީހަށް ދާން ވެގެން ނުކުތް ވަގުތު މިކަން އެނގުނީ،" އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް، ކޮން ބައެއްކަން ނޭނގޭ ބައެއްގެ ނަމްބަރުތަކުން އިންޒާރުގެ އެސްއެމްއެސްތަކެއް ލިބިވަޑައިގެންފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
"އެމްޑީޕީން ވަކިނުވެއްޖިއްޔާ ފުރާނަ ދުއްވާލާނެ ކަމަށް ބުނެފައިވާ އެސްއެމްއެސް ވެސް ލިބުނު. އަދި ކާރަށް ނާރާ އުޅެނީ ކާރު ތަޅާލާފާނެތީހޭ ކިޔާފައި ވެސް މެސެޖެއް ލިބުނު. މިފަދަ ތްރެޓްތަކަކަށް ފަހު ކާރަށް ގެއްލުން މި ދިނީ. މި އެސްއެމްއެސްތަކުގެ މައްސަލަ އަޅުގަނޑު ފުލުހުންނަށް ހުށަހަޅާނަން،" އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއީ އޭނާ އަށް އަމާޒުކޮށް މިހާތަނަށް ދިން ތިން ވަނަ ހަމަލަ އެވެ.
ޑީއާރުޕީގައި ހުންނެވި ދުވަސްވަރު، ފަނޑިޔާރުން ދާއިމީ ކުރުމުގެ އިސްލާހަށް އޭނާ ދެއްވި ވޯޓާ މެދު ހިތްހަމަނުޖެހިގެން ވެސް އެ ދުވަސްވަރު ބަޔަކު ވަނީ އަލީ ވަހީދުގެ ޖީޕްގެ ބިއްލޫރި ތަޅާލައިފަ އެވެ. އަދި ޑީއާރުޕީން އެމްޑީޕީ އަށް ސޮއިކުރެއްވުމާ ގުޅިގެން، އޭނާގެ ބޮޑުބޭބެ ތޮއްޑޫގައި ހައްދަމުން ގެންދިޔަ ދަނޑަށް ބަޔަކު ގެއްލުންދިން ކަމަށް ވެސް ވިދާޅުވި އެވެ. އެ ފަހަރު ވެސް ބައި މިލިއަނެއްހާ ރުފިޔާގެ ގެއްލުންވި އެވެ.
"ކޮންމެ ފަހަރަކު ވެސް ފުލުހުންނަށް މައްސަލަ ހުށަހަޅަން. އެކަމަކު އެއްވެސް މައްސަލައެއް ބެލިފައެއް ނެތް. މި ފަހަރު ވެސް ފުލުހުންނަށް ހުށަހަޅާނަން،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ