ތަނަށް ނުކަތާ ވަރަށް ޚިދުމަތް ހޯދާ މީހުން އިތުރުވެއްޖެ: އައިޖީއެމްއެޗް

އައިޖީއެމްއެޗުގައި ގާއިމްކުރެވިފައި ހުރި ޚިދުމަތްތަކަށް ނުކަތާ ވަރަށް، ޚިދުމަތް ހޯދާ މީހުން އިތުރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ވިދާޅުވެއްޖެ އެވެ.
އިންފޮމޭޝަން މިނިސްޓްރީން އިންތިޒާމުކުރައްވައިގެން މިއަދު ބޭއްވެވި ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން، ހޮސްޕިޓަލުގެ އެކްޓިން ޑިރެކްޓަ ޖެނެރަލް ޑރ. މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި ހޮސްޕިޓަލަށް އެހާ ބޮޑަށް ބާރުބޮޑުވެގެން ދިޔައީ ސުނާމީ ހާދިސާއަށް ފަހުގަ އެވެ.
"މިއީ ކުރިން ތަސައްވުރު ކުރެވިފައި ނުވާ މައްސަލައެއް. ކުއްލި އަކަށް މިކަން މި ދިވާމީ. އަދި މިކަމުގެ ސަބަބުން ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ބާރުބޮޑުވެ، ޚިދުމަތްތަކާ މެދު އާންމުންގެ ޝަކުވާތައް ވެސް ވަނީ އިތުރުވެގެން ގޮސްފައި،" އޭނާ ވިދާޅުވި އެވެ.
ޑރ. ސޯލިހު ވިދާޅުވި ގޮތުގައި އެ މައްސަލަތައް ހައްލުކުރެއްވުމަށްޓަކައި ހެލްތު މިނިސްޓްރީއާ ގުޅިވަޑައިގެން މިހާރު ވެސް ގެންދަވަނީ މަސައްކަތް ތަކެއް ކުރައްވަމުންނެވެ. އެ ގޮތުން އައިޖީއެމްއެޗުގެ ބެޑް ކެޕޭސިޓީ އިތުރު ކުރެއްވުމަށް ވެސް ވަނީ ކަނޑައަޅުއްވައިފަ އެވެ. އެ މަޝްރޫއުގައި 85 އެނދާއެކު އެހެނިހެން ޚިދުމަތްތަކަށް ވެސް އިތުރު ޖާގަ ލިބިގެންދާނެ ކަމަށް ހޮސްޕިޓަލުން ވިދާޅުވެ އެވެ.
"މިއީ ކުއްލިއަކަށް ހައްލުވާނެ މައްސަލައެއް ނޫން. އެއީ އުމްރާނީ ގޮތުންނާއި އިންސާނީ ވަސީލަތުގެ ގޮތުން ވެސް ކަންތައްތަކެއް ކުރަންޖެހޭތީ. އެހެން ނަމަވެސް ވީއެންމެ އަވަހަކަށް އެ މައްސަލަ ހައްލުކުރެއްވުމަށް މަސައްކަތްކުރަމުން މި ގެންދަނީ،" ޑރ. ސޯލިހު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ