އެމްޑީޕީ/ޖޭޕީ މުޒާހަރާގައި ނޮޅިވަރަމް ދާއިރާގެ ޕީޕީއެމް މެމްބަރު ސަރުކާރާ ދެކޮޅަށް އަޑުއުފުއްލަވައިފި!

އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ސަރުކާރާ ދެކޮޅަށް މާލޭގައި އިއްޔެ ބޭއްވި ބޮޑު އެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ޕީޕީއެމް މެމްބަރު ހުސެއިން އަރީފް ސަރުކާރާ ދެކޮޅަށް އަޑުއުފުއްލަވައިފި އެވެ. ސަރުކާރު ހިންގާ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ އަރީފް އެއްވުމުގައި ހުންނެވީ މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ އާޒިމް މިނިވަންކުރަން ގޮވާލާފައިވާ ޕޯސްޓަރެއް ހިފަހައްޓަވައިގެންނެވެ. ސިޔާސީ ދައުވާތަކާއި ގާނޫނުއަސާސީއާ ހިލާފަށް ސަރުކާރުން ކުރާ ކަންކަން ހުއްޓާލަން ގޮވާލައި ބޭއްވި އެއްވުން ނިމެންދެން ބައިވެރިންނާއެކު އަރީފް ވަނީ އަޑުއުފުއްލަވައިފަ އެވެ. ސަރުކާރާ ދެކޮޅު އެއްވުމުގައި އޭނާ ބައިވެރިވެވަޑަައިގަތީ ކީއްވެގެންކަން، އޭނާގެ ފޯނު ނިއްވާލައިފައި ވާތީ ސާފުވާ ގޮތެއް ނުވި އެވެ. މަޖިލިސް އިންތިހާބުގައި އޭނާ ނޮޅިވަރަމް ދާއިރާ އަށް އިންތިހާބުވެވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގަ އެވެ. ނަމަވެސް ޖުމްހޫރީ ޕާޓީ އާއި ސަރުކާރު ކޯލިޝަންގައި މައްސަލަ ޖެހެން ފެށުމުން އޭނާ ޖުމްހޫރީ ޕާޓީ ދޫކުރައްވައި ޕީޕީއެމަށް ސޮއިކުރެއްވީ މިދިޔަ އަހަރު ތެރޭގަ އެވެ. އަރީފް އެމްޑީޕީ/ޖޭޕީގެ އެއްވުމުގައި ބައިވެރިވެވަޑައިގަތުމާ ގުޅޭގޮތުން ޕީޕީއެމްގެ ބަހެއް މިއަދު ނުލިބުނެވެ. ޕީޕީއެމް މެމްބަރެއްގެ ގޮތުގައި ހުންނަވައި ސަރުކާރާއި ޕާޓީގެ ކަންކަމަށް ފާޑުވިދާޅުވެގެން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މިދިޔަ ހަފުތާ ތެރޭގައި ވަނީ އެ ޕާޓީން ވަކިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ