ދެ ދުވަސް ތެރޭ "ހަވީރު" އައިފޯން އެޕްގެ 2000 ޑައުންލޯޑްސް

އެޕަލް އައިފޯނަށް މިދިޔަ އަންގާރަދުވަހު ތައާރަފްކުރި "ހަވީރު" އެޕްލިކޭޝަން އިއްޔެގެ ނިޔަލަށް 2000 އަށް ވުރެ ގިނަ މީހުން ޑައުންލޯޑްކޮށްފި އެވެ. މިހާ މަތީ އަދަދަކަށް މި އެޕްލިކޭޝަން ޑައުންލޯޑްކުރުމަކީ "ހަވީރު"ގެ އޮފިޝަލަކު ވިދާޅުވިގޮތުގައި ރާއްޖޭގައި އައިފޯން އެޕަކަށް ލިބުނު ވަރަށް ބޮޑު ތަރުހީބެކެވެ. މޮބައިލް ފޯނުން ޚަބަރާއި ފޮޓޯ އަދި ވީޑިއޯ ފަސޭހައިން ބަލާލެވޭނެ ގޮތް ހެދުމަށްޓަކައި "ހަވީރު"ން ލޯންޗުކުރި އެޕް ބޭނުންކުރާ މީހުންގެ މެދުގައި އެންމެ މަގްބޫލް އެއް ފީޗާއަކީ "ފޮޓޯސްޓްރީމް" އެވެ. ރާއްޖެ އާއި ރާއްޖޭން ބޭރުގައި ހިނގާ ހާދިސާތަކާއި އެ ނޫން ވެސް މަންޒަރުތައް ކިޔުންތެރިންނާ ހިއްސާކުރުމުގެ ފުރުސަތު ގިނަ އަދަދެއްގެ ބަޔަކު ދަނީ ބޭނުންކުރަމުންނެވެ. "ހަވީރު" އެޕްގެ ފޮޓޯސްޓްރީމް ހަވީރު އޮންލައިންގެ ހޯމްޕޭޖުން ވެސް ފެނެ އެވެ. މައުލޫމާތުކޮޅަކާ އެކު ފޮޓޯ ބޮޑުކޮށް ބަލައިލެވޭ ގޮތަށް ވެބްސައިޓުގައި ވަނީ ހިމަނާފަ އެވެ. ބޭނުންކުރާ މީހުންގެ ތައުރީފް ވަރަށް ބޮޑަށް ލިބެމުން އަންނަ "ހަވީރު" އެޕްލިކޭޝަނާ ބެހޭގޮތުން ކޮމެންޓްކުރެއްވި އެއް ބޭފުޅަކީ ޓީވީއެމްގެ ސީއޯއޯ މުހައްމަދު އާސިފް (މޮންދު) އެވެ. "ލޭއައުޓް ވެސް ވަރަށް ރީތިވީމަ އަޅުގަނޑަށް ވަރަށް ކަމުދޭ. ކޮމެންޓް ކޮށްލަން ވަރަށް ފަސޭހަ. އޭގެ އިތުރުން ފޮޓޯ އާއި ވީޑިއޯ ވަކިން ބަލައިލެވޭތީ އަދި ނިއުސް އެލާޓްތައް ލިބޭތީ ވަރަށް ހިތްހަމަޖެހޭ،" އާސިފް ވިދާޅުވި އެވެ. "ވަރަށް ފަސޭހަ މިހާރު. އަޅުގަނޑު މިހާރު މުޅިން ވެސް ބޭނުންކުރަނީ ހަވީރުގެ އެޕް." "ހަވީރު"ގެ އޮފިޝަލް ވިދާޅުވިގޮތުގައި އެޕަށް މި ލިބުނު ބޮޑު ތަރުހީބާ އެކު އިތުރު ކުރިއެރުންތައް ގެނައުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. އަދި ގޫގުލްގެ އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމަށް ހާއްސަކޮށް ވެސް މިފަދަ އެޕްލިކޭޝަނެއް ދާދި އަވަހަށް "ހަވީރު"ން ނެރޭނެ އެވެ. "ކުރިން ހީކުރި ވަރަށް ވުރެ ވެސް ފީޑްބެކް ރަނގަޅު. ފޮޓޯ ސްޓްރީމް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ވެސް އަޅުގަނޑުމެން އެބަކުރަން. އަދި ދިމާވާ ކުދިކުދި މައްސަލަތަކަށް އެޑްރެސްކޮށްފައި ވަރަށް އަވަހަށް އަޕްޑޭޓެއް ވެސް ނެރޭނަން،" އޭނާ ވިދާޅުވި އެވެ. އެންމެ ފަހުގެ ޚަބަރުތައް ވަގުތުން ކިޔުންތެރިންނާ ހިއްސާކުރުމަށްޓަކައި "ޕުޝް ނޮޓިފިކޭޝަން"ގެ ޒަރީއާއިން ހަވީރުގެ އައިފޯން އެޕް އަޅާފައިވާ ފަރާތްތަކަށް އެލާޓް ލިބެމުންދާނެ އެވެ. އެޕަލްގެ އެޕް ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވޭ މިއެޕް "އެލް މޯބައިލް" އަދި "ސްމާޓް ފޯން"ގެ ފިހާރަތަކުންވެސް ފޯނަށް ހިލޭ އަޅައިދޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ