ކައުންސިލް ރައީސްކަމުން ވަކިކުރިކަމެއް ނާންގަ: އަހުމަދު އައްބާސް

ގއ. ކޮނޑޭ ކައުންސިލް ރައީސްކަމުން ދުރުކޮށްފައިވާ ކަމުގެ މައުލޫމާތު ރަސްމީ އެއްވެސް ފަރާތަކުން ނާންގާކަމަށް ކޮނޑޭ ކައުންސިލް ރައީސް އަހުމަދު އައްބާސް މިއަދު ވިދާޅުވެއްޖެއެވެ.
ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން އައްބާސް ވިދާޅުވީ މިދިޔަ ބުދަދުވަހު ސަލާމުގައި ހުނަނަވަނިކޮން ކައުންސިލް ޖަލްސާއެއް ބާއްވައި އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިފައި ވާކަމަށް ރަށުތެރެއިން މައުލޫމާތު ލިބިފައިވާކަމަށާއި، އިތުބާރު ނެތްކަމުގެ ވޯޓު ނަގާއިރު ޖަވާބުދާރީ ވުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑު ބުދަދުވަހު ހުރީ ސަލާމްބުނެފަ ގޭގަ، އޮފީހަކަށް ނުނިކުންނަން. އެދުވަހު ކައުންސިލް ޖަލްސާއެއް ބާއްވައި އިތުބާރު ނެތްކަމުގެ ވޯޓެއް ނެގިކަމަށް ރަށުތެރޭ ވާހަކަ ދެކެވޭ، އެކަމަކު އަދި އެއްވެސް ރަސްމީ ފަރާތަކުން އަޅުގަނޑަކަށް ނާންގަ. އެކަން އެހެން ނުކުރެވޭނެ އަޅުގަނޑުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ލާއިރު އެކަމަށް އަޅުގަނޑަށް ޖަވާބުދާރީ ވެވެން ޖެހޭނެ" އައްބާސް ވިދާޅުވިއެވެ.
އައްބާސް އިތުރަށް ވިދާޅުވީ ބުދަދުވަހު އިތުބާރުނެތްކަމަށް ފާސްކޮށްފައި ވާކަމަށް ރަށުތެރޭ ވާހަކަ ދެކެވުނަސް ބުރާސްފަތި ދުވަހުވެސް އޮފީހައް ނިކުންނެވި ކަމަށެވެ.
މީގެ ކުރިން މިއަހަރު މާޗް 27 ގައިވެސް ވަނީ އައްބާސްގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްކޮށްފައެވެ. އަލުން އައްބާސް ރައީސްކަމަށް ހަވާލުވީ އެފަހަރު އިތުބާރު ނެތްކަމަށް ފާސްކޮށްފައިވަނީ ގަވާއިދާއި ހިލާފަށްކަމަށް އެލްޖީއޭއިންނާއި ގއ އަތޮޅު ކައުންސިލުން ކޮނޑޭ ކައުންސިލަށް އެންގުމުން ކަމަށް އައްބާސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ