އިހުތިޖާޖު ހުއްޓާލާނީ ބަނދަރުގެ އަމަލީ މަސައްކަތް ފެށުމުން: ހިރިމަރަދޫ ރައްޔިތުން

ހދ.ހިރިމަރަދޫ ރައްޔިތުން ކުރަމުން ގެންދާ އިހުތިޖާޖު ހުއްޓާލާނީ އެރަށު ބަނދަރުގެ އަމަލީ މަސައްކަތް ފެށުމުން ކަމަށް އެރަށުން ބުނެފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން ހިރިމަރަދޫ ކައުންސިލުގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ ހިރިމަރަދޫ ރައްޔިތުން ހުއްޓާ ނުލާ އިހުތިޖާޖު ކުރަމުން ގެންދާތާ 13 ދުވަސް ވެފައިވާ އިރު ސަރުކާރުން އެއްވެސް ވަރަކަށް އަޅާނުލާ ކަމަށެވެ.
"މިއީ ސިޔާސީ ކަމެއް ނޫން، އަޅުގަނޑުމެންނަ ހުރި ދަތިތައް އެބޭފުޅުންނަށް ވެސް އެނގިލައްވާނެ، ރައްޔިތުން އެކަށް ނުކުމެ މިތިބީ އެއްރޫހެއްގައި. އެކަމަކު ވެސް ސަރުކާރުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބޭ،" ވަހީދު ވިދާޅުވިއެވެ.
އާބާދީގައި 529 މީހުން ހިމެނޭ ހިރިމަރަދޫގައި ބަނދަރެއް ހެދުމަށް ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމުގެ ދުވަސްވަރު ސާވޭކޮށް ބަނދަރު އެޅުމުގެ މަސައްކަތް ގާތްގަނޑަކަށް ފަށަން ތައްޔާރުވެފައިވާ ކަމަށް ވަހީދު ވިދާޅުވިއެވެ. އޭގެ ފަހުން ރައީސް މުހައްމަދު ނަޝީދު އެރަށަށް ވަޑައިގެން 2012 ވަނަ އަހަރުގެ ބަޖެޓުން އެކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ވަހީދު ވިދާޅުވިއެވެ. ނަމަވެސް 2012 ވަނަ އަހަރު ވެސް އެމަސައްކަތް ކުރެވިފައެއް ނުވެއެވެ.
2012 ވަނަ އަހަރުގެ މޭމަހުގެ ތެރޭގައި ހިރިމަރަދޫއަށް ވަޑައިގެން މިހާރުގެ ރައީސް ޑރ.މުހައްމަދު ވަހީދުވަނީ ހިރިމަރަދޫއާއި މެދު ކުރީގެ ސަރުކާރުތަކުން އިހުމާލުވެފައިވާ ކަމަށް ވިދާޅުވެފައެވެ. ވަހީދު ވިދާޅުވީ 2013 ވަނަ އަހަރުގެ ބަޖެޓުން ބަނދަރުގެ މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސް ވަހީދު ވިދާޅުވި ކަމަށެވެ. ނަމަވެސް ސަރުކާރުން ބަޖެޓު ފޮނުވި އިރު ވެސް ހިރިމަރަދޫ ބަނދަރު ހެދުން ހިމަނާފައި ނުވާ ކަމަށާއި ހިރިމަރަދޫ ބަނދަރުގެ މަސައްކަތް ބަޖެޓުގައި ހިމަނާފައިވަނީ ކޮމެޓީން ކަމަށް ވެސް ވަހީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ