އަންނަ މަހު ރެކޯޑް އަދަދަކަށް މާލެ އަށް ޕެސެންޖަލައިން ބަނދަރުކުރާނެ

އަންނަ މަހު މާލޭގެ ބަނދަރަށް ފަސް ޕެސެންޖަލައިން ބަނދަރުކުރާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޮޕަރޭޓާސް (މާޔާ) އިން ބުނެފި އެވެ. ރާއްޖެ އަށް ސުޕަ ޔޮޓް ފަހަރާއި ޕެސެންޖަލައިންތައް ގެންނަ، ޔޮޓް އޮޕަރޭޓަރުންގެ ޖަމިއްޔާ، މާޔާ އިން ބުނީ އަންނަ މަހުގެ 1- 5 ގެ ނިޔަލަށް އެކަނިވެސް މާލޭ ބަނދަރަށް ފަސް ޕެސެންޖަލައިން ބަނދަރުކުރާއިރު ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަނާނެ ކަމަށާއި، މިއީ އެއް މަހުގެ ތެރޭގައި އެންމެ ގިނަ ޕެސެންޖަލައިން އަންނަ ފަހަރު ކަމަށެވެ. "އަޅުގަނޑުމެން ޕްލޭންކޮށްފައިވާނީ މާލޭގެ ބަނދަރަށް މި ޕެސެންޖަލައިންތައް ގެންނަން. މާލެތެރެ ރަނގަޅު ނަމަ މި ބަނދަރުކުރާނީ މާލެ އަށް. ނަމަވެސް މާލޭގައި ކަންތައްތަކެއް ހިނގައިފިނަމަ ޖެހޭނީ އެހެން ދިމާލަކަށް ގެންނަން. މިފަދަ ޕެސެންޖަލައިންތައް އައުމުން ރެސްޓޯރެންޓްތަކާއި މާރުކޭޓަށް އަދި ޓެކްސީތަކަށް ވެސް ފައިދާކުރާނެ،" މާޔާގެ އޮފިޝަލަކު ވިދާޅުވި އެވެ. މާޔާ އިން ބުނީ އަންނަ މަހު އަންނަ ޕެސެންޖަލައިންތަކުގެ ތެރެއިން އެއް ޕެސެންޖަރުލައިނުން 2800 ޓޫރިސްޓުން މާލެ އަންނަނާނެ ކަމަށެވެ. އާއްމު ގޮތެއްގައި ޕެސެންޖަލައިނަކުން އަންނަނީ 1500 ޓޫރިސްޓުންނެވެ. އެ ޖަމިއްޔާ އިން އަންދާޒާކުރާ ގޮތުގައި އަންނަ މަހު މާލެއަށް 8000 އަށް ވުރެ ގިނަ ޓޫރިސްޓުން އަރާއިރު، މިއީ އެއް މަހެއްގެ މައްޗަށް އެންމެ ގިނަ ޓޫރިސްޓުން މާލެ އަރާ މަހަށް ވެސް ވާނެ އެވެ. "މި އަންނަ ޕެސެންޖަލައިންތަކުގެ ސަބަބުން ވިޔަފާރިތަކަށް ވެސް ބޮޑެތި ފައިދާތަކެއް ކުރާނެ،" މާޔާގެ އޮފިޝަލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ