މަޑުއްވަރީން ކަރަންޓް ކެނޑުނީ ބަޔަކު ދެ ވައްތަރު ތެޔޮ އެއްކުރުމުން: ޔުޓިލިޓީ

ރ. މަޑުއްވަރީން މިއަދު ކަރަންޓް ކަނޑައިގެން ދިޔައީ އިންޖީނަށް އަޅާ ތެލުގެ ތެރެއަށް ކަރާސީނު އަޅައި، ދެ ވައްތަރެއްގެ ތެޔޮ އެއްކުރުމުގެ ސަބަބުން ކަމަށް އެނގިވަޑައިގެންފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަދި ނޯދަން ޔުޓިލިޓީ ލިމިޓެޑްގެ ވެސް މެނޭޖިން ޑިރެކްޓަރު މުހަންމަދު ނިމާލް މިއަދު ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ މަޑުއްވަރީން ދޭތެރެދޭތެރެ އިން ކަރަންޓް ކަނޑައިގެން ދަނީ ސިޔާސީ ވަކި ފިކުރެއްގައި ތިބި އެ ރަށުގެ އިންޖީނުގޭގެ ޓެކްނިކަލް ބަޔަކު ސަރުކާރަށް "ޖެއްސުން" ކުރުމުގެ ގޮތުން ހިންގާ އަމަލުތަކެއްގެ ސަބަބުން ކަމަށެވެ. އަދި އެ މުވައްޒަފުން ގަސްދުގައި ކަރަންޓް ކަނޑާލައި ދައުލަތުގެ ތަކެއްޗަށް ގެއްލުންދޭ ކަމަށް ނިމާލް ތުހުމަތު ކުރެއްވި އެވެ. "މަޑުއްވަރީގެ އިންޖީނުގޭގެ އެއްޗެހި އެހެރީ ބަރާބަރު ކޮންޑިޝަންގައި. އަޅުގަނޑުމެން އިންޖީނުގެ އަށް ބޭނުންވާ ސާމާނު ހޯދައި އެބަދެން. އެތަނުގެ މުވައްޒަފަކު ހަމަ ހުރެފައި ގޮސް ކަރަންޓް ކަނޑާލުމަކީ އަޅުގަނޑުމެން މާލޭގައި ތިބި މީހުންނަށް އެނގިގެން ކުރާ ކަމެއް ނޫން. ދެން އޭގައި އަޅަން އޮތް ފިޔަވަޅަކީ ދައުލަތުގެ ތަކެއްޗަށް ގެއްލުން ދޭ އެ މުވައްޒަފުން ވަޒީފާ އިން ވަކިކުރުން. ވަޒީފާ އިން އެ މުވައްޒަފުން ވަކިކުރަން މިހާރު ވާނީ ނިންމާފައި،" ނިމާލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މަޑުއްވަރީ އިންޖީނުގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުކުރަން ނިންމާފައި ވަނީ ބ. އޭދަފުށީ އިންޖީނުގޭގެ އިސް ބޭފުޅަކާ ކަމަށެވެ. އަދި ރ. އަތޮޅުގެ ރަށްތަކުން ހޮވާލެވޭ ޓެކްނިކަލް ޓީމެއް މަޑުއްވަރީ އިންޖީނުގޭގައި ވަގުތީ ގޮތުން މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ވެސް ނިމާލް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ބޭނުމަކީ ކަންކަން ހަމަޔަކަށް އެޅުން. ސަރުކާރަށް ކަންކަން ނުކުރެވޭކަން ދެއްކުމުގެ ގޮތުން އެ ގޮތަށް ރަށުން ކަރަންޓް ކަނޑާލުމުން އެތައް ތަކުލީފެއް އުފުލަން އެބަޖެހޭ. މިއީ ސްކޫލް ކުދިންގެ ޕްރޮމޯޝަން ޓެސްޓުގެ ދުވަސްކޮޅު. އަނެއްކޮޅުން އޯލެވެލް އެގްޒާމްގެ ދުވަސްކޮޅު. ދިހަ އަހަރު ވަންދެން އެ ކުދިން ކުރި ބުރަ މަސައްކަތުގެ ނަތީޖާ އަށް ވެސް މި ގޮތަށް ކަރަންޓް ކަނޑާލުމުން އަސަރު ކުރާނެ. އެއީ އަޅުގަނޑުމެން ބޭނުންވާ ގޮތެއް ނޫން،" ނިމާލް ވިދާޅުވި އެވެ. މަޑުއްވަރީގެ އިންޖީނުގޭގެ ބައެއް މުވައްޒަފުން ވަކިކުރާ މައްސަލާގައި ހިނގާފާނެ ކަމަކަށް ތައްޔާރުވުމަށްޓަކައި ނޮދަން ޔުޓިލިޓިޒް އިން ވަނީ ފުލުހުންގެ ސަމާލުކަމަށް ވެސް އެކަން ގެނެސްފަ އެވެ. ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒަށް އެ ކުންފުނިން މިއަދު ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ މަޑުއްވަރީން ކަރަންޓް ކަނޑައިގެންދަނީ އެ ރަށު އިންޖީނުގޭގައި ޓެކްނިކަލް ދާއިރާގައި ތިބި މުވައްޒަފުންނަކީ ވަކި ސިޔާސީ ފިކުރެއްގައި މަސައްކަތްކުރާ ބަޔަކަށް ވާތީ ކަމަށެވެ. އަދި އެ މީހުންގެ މަގުސަދަކީ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ އިތުބާރު ގެއްލުވާލައި ޔުޓިލިޓީޒްއާ މެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުން ކަމަށް ވެސް އެ ސިޓީގައިވެ އެވެ. ނޮދަން ޔުޓިލިޓީޒް އިން ބުނީ މަޑުއްވަރީ އިންޖީނުގޭގައި ހުރީ ސަރުކާރުގެ މުދާ ކަމުގައިވާއިރު، އެ ތަކެއްޗަށް ގެއްލުން ދިނުމުން އެކަމާ ދޭތެރޭ ފިޔަވަޅު ނާޅައި ނުތިބެވޭނެ ކަމަށެވެ. "މިހެންކަމުން އެ އަމަލުތައް ހިންގި މުވައްޒަފުންނާ ދޭތެރޭ ކުންފުނިން ފިޔަވަޅު އަޅަން ނިންމާފައިވާތީވެ އާއި ރ. އަތޮޅުގެ ޓީމެއް މިއަދުން ފެށިގެން ދުވަސްކޮޅެއް ވަންދެން އެ ރަށުގައި ތިބޭނެތީއާ އެކު މި ބަދަލުތައް ގެނެސްފިނަމަ ރަށުގައި ހަލަބޮލިކަމެއް އަންނާނެތީވެ މި ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" ނިމާލް ސޮއިކުރައްވައި ޕޮލިސް ކޮމިޝަނަރަށް ފޮނުއްވި ސިޓީގައިވެ އެވެ. މަޑުއްވަރީން ދޭތެރެދޭތެރެއިން ކަރަންޓް ދަނީ ސިޔާސީ ފިކުރާ ހެދި ކަމަށް ނިމާލް ވިދާޅުވިއިރު ފެނަކަ ކޯޕަރޭޝަންގެ 1،400 މުވައްޒަފުންގެ 75 ޕަސެންޓަކީ އިދިކޮޅު އެމްޑީޕީ މެމްބަރުން ކަމަށް އޭނާ ކުރިން ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ