ދައުލަތުގެ މުދަލައްވުރެ ރައްޔިތު މީހާއަށް ސީދާ ދެވޭ އަނިޔާގެ އަގު މާބޮޑު: މެމްބަރު ބޮންޑޭ

ދައުލަތުގެ މުދަލަށްވުރެ، ރައްޔިތު މީހާއަށް ދެވޭ ގެއްލުމުގެ އަގު މާ ބޮޑު ކަމަށާއި އެކަންކަން ތަހުގީގުކޮށް އިންސާނީ ހައްގުތައް ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާ މެމްބަރ އިބްރާހިމް ރަޝީދު (ބޮންޑޭ) ގޮވާލައްވައިފި އެވެ.
ސީއެންއެމަށް ދެއްވި ބަސްދީގަތުމެއްގައި ބޮންޑޭ ވިދާޅުވީ ދައުލަތުގެ މުދަލަށް ބަޔަކު ގެއްލުންދިން ކަމަށް ބުނެ މިހާރުގެ ސަރުކާރުން ތަހުގީގުތަކެއް ކުރިއަށް ގެންދާއިރު، މިހާރުގެ ސަރުކާރުން ރައްޔިތުންނަށް ދީފައިވާ އަނިޔާތައް އަގު ކޮށްފިނަމަ މާބޮޑުވެގެންދާނެ ކަމަށެވެ.
" ބަޣާވާތަކުން ސަރުކާރެއް ފޭރިގަތުމަށްފަހު، އެކަން ފޮރުވުމަށް ފުލުހުންނާއި ސިފައިން ނުކުމެ ތަންތަނުގައި ރޯކޮށް ހެދީ. އެކަންކަން ބޭރު ދުނިޔެއަށް އޮޅިފައެއް ނުވޭ. މިހުރިހާ ކަމެއްގައި މަތިޖަހައި ލިޕްސްޓިކް އުގުޅުވަން ގެނައީ ދީނާއި ދެކޮޅު ކެމްޕޭން ކުރާ ރަޑަ ފިން. ހަގީގަތް ދުނިޔެއަށް އޮޅުވައެއް ނުލެވޭނެ" މެމްބަރ ބޮންޑޭ ވިދާޅުވި އެވެ.
ބޮންޑޭ ވިދާޅުވީ މިސަރުކާރުން ރައްޔިތުންނަށް ދީފައިވާ އަނިޔާތައް އެއީ ރައްޔިތުންގެ ހިތުން ފޮހެވޭނެ ކަމެއް ނޫން ކަމަށާއި، އެކަންކަން ބަލާ އަދަބު ލިބެންޖެހޭ ފަރާތްތަކަށް އަދަބު ލިބޭނެ ދުވަސް ވަރަށް ގާތް ވެފައިވާ ކަމަށެވެ.
" ސަރުކާރުގެ މުދަލަށް ނުވަތަ ރައްޔިތުންގެ މުދަލަށް ބަޔަކު ނުކުމެ ދޭ ގެއްލުމަކީ އަނބުރާ ހޯދޭނެ އެއްޗެއް. އެކަމަކު ކިހިނެއްތޯ ރައްޔިތުންގެ ގައިގައި ތެޅި ތެޅުމުން ލިބުނު ގެއްލުން އަނބުރާ ހޯދާނީ. ކިތައް މީހުންގެ ލޭ ތޯ އެދުވަސްތަކުގައި މިސަރުކާރުން އޮހުރުވާލީ. ކިތައް މީހުންގެ ބޯ ތޯ ފަޅާލީ" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.
އެމްޑީޕީން ވަނީ ފެބުރުއަރީ ހަތް ވަނަދުވަހާއި އަށްވަނަ ދުވަހު ފުލުހުން އެމްޑީޕީގެ އެެއްވުން ރޫޅާލުމަށް ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ބުނެ އެކަން ބަލައި ދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަނުގައިވެސް އެދިފައެވެ. އަދި އެޗްއާރސީއެމުން ދަނީ އެ މައްސަލަ ތަހްގީގުވެސް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ