ދިފާއީ އަދި ޝަރުއީ ދާއިރާގެ ތަރައްގީއަށް ޤާސިމްގެ ބޮޑެތި ވައުދުތަކެއް

ޖުމްހޫރީ ޕާޓޯގެ ވެރިކަމެއްގައި ދިފާޢީ އަދި ޝަރުއީ ދާއިރާގެ ތަރައްޤީއަށްޓަކައި ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވައުދުވެވަޑައިގެންފިއެވެ.
ދިފާޢީ އަދި ޝަރުއީ ދާއިރާގެ ތަރައްޤީއަށްޓަކައި ގިނަ ކަންތައްތައް ތަކެއް ކޮށްދެއްވުމަށް ޤާސިމް އިބްރާހިމް ވައުދުވެވަޑައިގެންނެވީ އެމަނިކުފާނު މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު އޭދަފުށީގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނާއި، ޤައުމީ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޤައުމީ ދިފާޢީ ބާރަށް ފޯރުކޮށްދޭން ޖެހޭ ވަސީލަތްތައް ޤާއިމުކޮށް އެމަސައްކަތް ފުރިހަމަކޮށްދޭންޖެހޭ ކަމަށެވެ.
ގިނަ ގޮންޖެހުންތަކަކާއި އެކީގައިވެސް އެމްއެންޑީއެފްގެ ހިތްވަރުގަދަ ސިފައިން ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައިވާކަން ހާމަކުރައްވާ ޤާސިމް އިބްރާހިމް ވިދާޅުވީ ސިފައިންނަށް ފޯރުކޮށްދޭން ޖެހޭ ވަސީލަތްތަކާއި ތަނަވަސްކަން ފޯރުކޮށް ދެވިފައި ނުވުމުގެ ސަބަބުން ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ދިނުމަށް ސިފައިންނަށް ވަރަށް ބޮޑަށް އުދަގޫވެފައިވާ ކަމަށެވެ.
މީގެ އިތުރުން ޤާސިމް އިބްރާހިމް އިބްރާހިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން ފަރުދީ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި ރާއްޖޭގެ ދިފާޢީ ބާރު ހަރުދަނާކުރުމުގެ ގޮތުން ރާއްޖޭގައި ޒަމާނީ ފެންވަރުގެ ދިފާޢީ ވިއުގައެއް ބައްޓަންކޮށް ޤާއިމުކުރައްވާނެ ކަމަށެވެ. މީގެ އިތުރުން ކަނޑާއި ވައިގެ ސިފައިންނަށް ޚާއްސަކޮށް މަރުކަޒުތަކެއް ހައްދަވާނެކަމަށްވެސް މި ޖަލްސާގައި ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ދައުލަތުގެ މާލީ ވަޒީރުކަން ވެސް މީގެ ކުރިން ކުރައްވާފައިވާ ޤާސިމް އިބްރާހިމް ވިދާޅުވީ ދިފާއީ ނިޒާމު ވަރުގަދަކުރުމުގެ ވާހަކަ ތަކަކީ އެމަނިކުފާނު މިއަދު ދައްކަވާ ވާހަކަތަކެއް ނޫން ކަމަށާ އެކަން މީގެ އެތަކެއް އަހަރެއް ކުރިން އެމަނިކުފާނު މާލީ ވަޒީރުކަމުގައި ހުންނަވައިގެންވެސް ކުރެއްވި ކަމަށެވެ.
އެގޮތުން އޭރު ހުންނެވި ދިފާޢީ ވަޒީރާއި، އަދި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން އެ ދާއިރާގެ އިސްވެރިންނާއި އެކު ދިވެހި ސިފައިންގެ ފްލީޓަށް ޒަމާނީ ހަތިޔާރު ޤާއިމުކޮށްފައިވާ ދެ މަނަވަރާއި، އެ މަނަވަރުތަކަށް ބޭނުންވާނޭ ތެޔޮ ފޯރުކޮށްދޭނެ ބޯޓުތައް ހޯދުމަށް މަޝްވަރާތައް ކުރެއްވިކަމަށް ވިދާޅުވިއެވެ. އަދި މަޤާމުން އިސްތިއުފާ ދެއްވާފައި ވަޑައިގަންނަވަން ޖެހިވަޑައިގަތީ އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމާއި ހަމައިން ކަމަށާ، ނަމަވެސް ޖުމްހޫރީ ޕާޓީގެ ސަރުކާރެއްގައި އެކަން ދިވެހި ސިފައިންނަށް ކޮށްދެއްވާނެ ކަމަށްވެސް ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.
ދިފާޢީ ދާއިރާގެ އިތުރުން އެމަނިކުފާނު ވަނީ މިރޭގެ ޖަލްސާގައި ޝަރުއީ ދާއިރާގެ ތަރައްޤީއަށްޓަކައިވެސް ގިނަކަންތައްތަކެއް ކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ. އެގޮތުން ޝަރުއީ ދާއިރާއަށް މިހާރު އެންމެ ބޮޑަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމަށް ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި މަސައްކަތް ކޮށްދެއްވާނެކަން ހާމަކުރައްވާ ޤާސިމް އިބްރާހިމް ވިދާޅުވީ ސުޕީރިއާ ކޯޓުތަކަށް ޚާއްސަ އިމާރާތެއް ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ދެ އަހަރުތެރޭ ހައްދަވައިދެއްވާ ސުޕްރީމް ކޯޓަށާއި ހައިކޯޓަށް ހާއްސަ އިމާރާތެއް ހައްދަވާ ދެއްވާނެ ކަމަށެވެ.
ރާއްޖޭގެ ރައްޔިތުން ވަނީ ވަރަށް ގިނަ ކަންކަމަށް ބޭނުންވެފައިވާކަން ފާހަގަކުރައްވަމުން ޤާސިމް އިބްރާހިމް ވިދާޅުވީ ރައްޔިތުންގެ ބޭނުންތައް ހާސިލުކޮށްދިނުމުގެ ގޮތުން ހުރިހާ ރައްޔިތުންގެވެސް ބައިވެރިވުން ތަރައްޤީގެ ކަންކަމުގައި ކޮންމެހެން ބޭނުންވާ ކަމަށާއި، އަދި ކޮންމެ ރައްޔިތަކު ވެސް އެ ފިކުރުގައި މަސައްކަތްކޮށްގެން ނޫނީ ޤައުމަށް ތަރައްޤީ ލިބެން ނެތް ކަމަށެވެ.
ޑިމޮކްރަސީއާއި ގުޅިގެން އަންނާނީ ހަމައެކަނި ރަނގަޅު ކަންކަން ނޫން ކަމަށާއި، ކަންކަން ރަނގަޅުކުރެވޭނީ، ޑިމޮކްރަސީއާއި އެކީ އަންނަ ނުބައި ކަންކަން ދޫކޮށް ރަނގަޅު ކަންކަމުގައި ހިފައިގެން ކަމަށްވެސް ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީއަކީ ދިވެހިރާއްޖޭގައި ހަޤީޤީ ޕާޓީއެއްގެ ގޮތުގައި، ޒާތީ ތައައްސުބުން އެއްކިބާވެގެން ހިންގަމުންދާ ހަމައެކަނި ޕާޓީކަން ފާހަގަކުރައްވާ ޤާސިމް އިބްރާހިމް ވިދާޅުވީ ޖުމްހޫރީ ޕާޓީއާއި އެކީ އަތާއި އަތް ގުޅާލުމަށް ދިވެހި ރައްޔިތުންނަށް ދައުވަތު ދެއްވާ ކަމަށެވެ.
އޭދަފުށީގައި މިރޭ ބޭއްވި ޖަލްސާގައި ޤާސިމް އިބްރާހިމް ވަނީ، އަންނަ މަހުގެ 27 ން 29 އަށް ބާއްވާ ޖުމްހޫރީ ޕާޓީގެ ކޮންގްރެސްއާއި ގުޅޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ކޮންގްރެސްއަށް ތައްޔާރުވުމުގެ ގޮތުން ޕާޓީގެ ގޮފިތަކާއި، މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ފުރުސަތުގެ ބޭނުން ތައުލީމީ ޤާބިލް ބޭފުޅުން ހިފުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ