ރިޔާސީ އިންތިހާބު ކާމިޔާބުކުރާނީ ފުލުހުންނާއި ސިފައިންގެ ވޯޓާއެކު: ޕީޕީއެމް

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ޕީޕީއެމްއިން ކާމިޔާބުކުރާނީ ދިވެހި ފުލުހުންނާއި ސިފައިންނާއި އެމީހުންގެ އާއިލާތަކުގެ ވޯޓާއިއެކު ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން އެޕާޓީގެ ތަރުޖަމާނު އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވީ މިއަހަރު ތެރޭގައި އޮންނަ ރިޔާސީ އިންތިހާބު ޕީޕީއެމްއިން ކާމިޔާބުކުރާނީ ދިވެހި ސިފައިންނާއި ފުލުހުންނާއި އެމީހުންގެ އާއިލާތަކުގެ ވޯޓާއެކީގައި ކަމަށެވެ. އަދި އެއީ ގާތްގަނޑަކަށް މަދުވެގެން 40000 ވޯޓް ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.
މަހުލޫފް މިހެން ވިދާޅުވީ އެމްޑީޕީއަށް ފާޑު ވިދާޅުވަމުންނެވެ. އެމްޑީޕީއަށާއި ރައީސް ނަޝީދަށް ފާޑުވިދާޅުވަމުން މަހުލޫފް ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ ރައްޔިތުންގެ ވިސްނުމާއި ހިޔާލާއި ދެކޮޅަށް ދިވެހި ގާނޫނު އަސާސީ މުގުރާލުމަށްފަހު އިސްލާމްދީންވެސް ނެތިކޮށްލަން އެމަނިކުފާނު މަސައްކަތް ކުރައްވަމުން ދިޔަ ކަމަށެވެ. އަދި އެކަމުގެ ނަތީޖާއަކަށްވީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ރައްޔިތުން ނިކުމެ ރައީސް ނަޝީދާއި ދެކޮޅަށް އަޑުއުފުލައި ވެރިކަން ބަދަލުކޮށްލުން ކަމަށެވެ. އަދި އެއީ ހުރިހާ އެންމެ އިބްރަތް ހާސިލް ކުރަންޖެހޭނެ ކަމެއް ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.
ސަރުކާރު ބަދަލުވުމަށްފަހު އެމްޑީޕީއިން ކުރަމުން ގެންދިޔަ މަސައްކަތަކީ ދިވެހި ސިފައިންނާއި ފުލުހުންނަކީ އެއްވެސް އަގެއް ނެތް ގަދަރެއް ނެތް ބައެއް ކަމަށް ބުނެ އަގުވައްޓާލައި އެބޭފުޅުުންނަކީ ނުބައި ނުލަފާ ބައެއްެގެ ގޮތުގައި ސިފަ ކުރުން ކަމުގައި މަހުލޫފު ވިދާޅުވިއެވެ. އެގޮތުން ހަތެއް ފެބްރުއަރީއަށް ފަހު އެމްޑީޕީއާއި ރާއްޖެ ޓީވީއިން ސިފައިންނާއި ފުލުހުންގެ އަގުވައްޓާލަން މަސައްކަތްކޮށްފައިވާ ކަމަށާއި އެގޮތުން ވީޑިއޯތަކެއް ދައްކައި ސިފައިންނާއި ފުލުހުންނަކީ ވަގުންތަކެއް ކަމަށް ވެސް ހެދުމަށް މަސައްކަތް ކޮށްފައިވާ ކަމަށް މަހުލޫފު ވިދާޅުވިއެވެ.
"އަޅުގަނޑު ހިތާމަކުރަން ހަތެއް ފެބްރުއަރީއަށްފަހު އެމްޑީޕީއާއި އަދި ވަކިން ހާއްސަކޮށް ރާއްޖެ ޓީވީއިން މަސައްކަތް ކުރަމުން ގެންދިޔައީ ފުލުހުންނާއި ސިފައިންނަކީ ވަގުން ގޮތަށް ދެއްކުމަށް. އެމީހުންނަކީ ވަރަށް ނުބައި ނުލަފާ ބައެއް ގޮތުގަ ދެއްކުމަށް. އަޅުގަނޑުމެންނަށް ފެނުނު ރާއްޖެ ޓީވީއިން ބައެއް ވީޑިއޯތައް ދެއްކުމަށްފަހު ފުލުހުން ޕެޓްރޯލް ވަގަށް ނަގަނީ ކަމަށްބުނެ ނޫންނަމަ ފުލުހުން އެހެން ބައެއް އެއްޗެހި ވަގަށް ނަގަނީ ކަމަށްބުނެ ވީޑިއޯތައް އާންމުކޮށް ހެދިތަން." ރާއްޖެޓީވީ އަދި އެމްޑީޕީއަށް ފާޑުވިދާޅުވަމުން މަހުލޫފް ވިދާޅުވިއެވެ.
މަހުލޫފް ވިދާޅުވީ އެމްޑީޕީއާއި ރާއްޖޭ ޓީވީގެ އަމަލުތަކުގެ ސަބަބުން ފުލުހުންނާއި ސިފައިންނާއި އެބޭފުޅުންގެ އާއިލާތަކަށް ނަފްސާނީ އަދި ޖިސްމާނީ އަނިޔާ ދެމުން ދިޔަކަމަށެވެ.
މީގެ އިތުރުން ހަތެއް ފެބްރުއަރީގެ ފަހުން އެމްޑީޕީއިން ގޮވަމުންދިޔައީ ކޮންމެ ފުލުހަކީ ބާޣީއެއް ކަމަށާއި ނަމަވެސް މިއަދު އެކަން ބަދަލުވަމުން އައިސް މިހާރު އެމްޑީޕީއިން ގޮވަމުންދަނީ ބާޣީންނަކީ އެންމެ ހައެއްެކަ ސިފައިންނާއި ފުލުހުން ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ. އަދި އެއީ އިންތިހާބު ކައިރި ވަމުންދާތީ އެކަން ބަދަލުކުރުމަށް ކުރާ ކަމެއް ކަމަށާއި އެހެން ނަމަވެސް އެކަން ދެން ބަދަލެއް ނުވާނެ ކަމަށް ވެސް މަހުލޫފް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ