ބޯޑަ ކޮންޓްރޯލް ސިސްޓަމް މައްސަލައިގައި އޭސީސީގެ އެންގުމަށް އަމަލުކުރުން ލާޒިމެއް ނޫން: ސުޕްރީމް ކޯޓު
ބޯޑާ ކޮންޓްރޯލް އެއްބަސްވުމުގައި ސޮއިނުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި އެންގުމަށް އަމަލުކުރުން ލާޒިމް ކަމަށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ. މިހާރު އުވާލާފައިވާ އެ އެއްބަސްވުމުގައި މެލޭޝިއާގެ ނެކްސްބިޒާ އެކު އިމިގްރޭޝަނުން އޭރު ސޮއިކުރަން އުޅުމުން، ސޮއިނުކުރަން އޭސީސީން އެންގީ އެކަމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެވެ. އެ މައްސަލައިގައި ސިވިލް ކޯޓުން ހުކުމްކުރީ އެ އެންގުމަށް އަމަލުކުރުން ލާޒިމް ނޫން ކަމަށެވެ. ނަމަވެސް ސިވިލް ކޯޓުގެ އެ ހުކުމް ބާތިލްކޮށް، ހައި ކޯޓުން މިދިޔަ އަހަރުގެ ތެރޭގައި ހުކުމްކުރީ އެ އެންގުމަށް އަމަލުކުރުން ލާޒިމް ކަމަށެވެ. އެ މައްސަލަ ނެކްސްބިޒްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އެގޮތަށް މިއަދު ހުކުމްކުރީ އެ މައްސަލަ ބެލި ހަތް ފަނޑިޔާރުންގެ ވެސް އިއްތިފާގުންނެވެ. ނަމަވެސް އެގޮތަށް ހުކުމްކުރުމުގައި އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ފާހަގަކުރެއްވި ނުކުތާތައް އެހެން ފަނޑިޔާރުންނާ ތަފާތެވެ. ދެން ތިއްބެވި ފަސް ފަނޑިޔާރުން ފާހަގަކުރެއްވި ނުކުތާތައް އެއްގޮތެވެ. ނުކުތާތައް އެއްގޮތްވި ރައުޔު އިއްވަވަމުން ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ ހައި ކޯޓުގެ އެ ހުކުމްކުރީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ވާތީ އެ ހުކުމް ބާތިލްކުރާ ކަމަށެވެ. އަދި އެގޮތަށް އެންގުމުގެ ބާރު އޭސީސީ އަށް ލިބިގެންނުވާ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ތާއީދުކުރާ ކަމަށް ފަނޑިޔާރުން ވިދާޅުވި އެވެ. އުއްތަމަ ފަނޑިޔާރާއި މުއުތަސިމްގެ ރައުޔު އިއްވަވަމުން އުއްތަމަ ފަނޑިޔާރު ވެސް ވިދާޅުވީ އެ އެއްބަސްވުމުގައި ސޮއިނުކުރަން އޭސީސީން އެންގި އެންގުމަށް އަމަލުކުރުން ގާނޫނީ ގޮތުން ލާޒިމްނުވާ ކަމަށެވެ. ބަރަހަނާ ވީޑިއޯއެއް އާންމުވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު އެ ބެންޗުގައި އިންނަވާތީ އޭސީސީން ވަނީ ކުރިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެއީ އެ އެއްބަސްވުމުގައި ސޮއިކުރިއިރު އިމިގްރޭޝަން ކޮންޓްރޯލަރަކަށް ހުންނެވި އިލްޔާސް ހުސައިން އިބްރާހިމާ އެކު ބައްދަލުކުރަން އިންނަ ވީޑިއޯއެއް އާންމުވެފައި ވާތީ އެވެ. ނަމަވެސް މިއަދު އެ މައްސަލައިގެ ހުކުމް އިއްވިއިރު ވެސް އަލީ ހަމީދު އެ މައްސަލަ ބައްލަވާ ބެންޗުގައި އިންނެވި އެވެ. އެ މައްސަލަ ކޯޓުގައި އޮއްވާ ސަރުކާރުން ވަނީ ނެކްސްބިޒާ އެކު ވެފައިވާ އެއްބަސްވުން އުވާލައިފަ އެވެ. އަދި މިހާރު އިމިގްރޭޝަނުން ބޭނުންކުރަމުންދަނީ އެމެރިކާ އިން ހިލޭ ދީފައިވާ ސިސްޓަމެކެވެ. އެ ޕްރޮޖެކްޓް ނެކްސްބިޒަށް ދިނުމުގައި މަގާމުގެ ނުފޫޒުގެ ބޭނުންކޮށްފައިވާ ކަމަށް ބުނެ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ އިލްޔާސް ހުސައިން އިބްރާހިމާއި އޭރު ޓެންޑާ ބޯޑުގެ ޑިރެކްޓަރަކަށް ހުންނެވި ސާމީ އަގީލްގެ މައްޗަށް ޖިނާއީ ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ވަނީ ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ