އައްޑު އަށް ސްޓެލްކޯގެ ކަރަންޓު ހޯދުމަށް ސަރުކާރަށް ހުށަހަޅަނީ

ސަރުކާރުގެ އެންމެ ބޮޑު ކަރަންޓު ކުންފުނި ސްޓެލްކޯއިން ކަރަންޓް ޚިދުމަތް ފޯރުކޮށްދިނުމަށް އެދި ސަރުކާރަށް ހުށަހަޅަން ގަސްދުކުރާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ރޭ ބުނެފިއެވެ.
ރޭ އައްޑޫ ހިތަދޫ ޝަރަފުއްދީން ސްކޫލްގައި އައްޑޫ ވިޔަފާރިވެރިންނަށް ބޭއްވި ބައްދަލުވުމުގައި، އައްޑޫ ކައުންސިލުން ބުނީ އައްޑޫއަށް ސްޓެލްކޯގެ ކަރަންޓް ހޯދުމާ ބެހޭގޮތުން އައްޑޫ ވިޔަފާރިވެރިންގެ މެދުގައި ވޯޓެއް ނަގަން ނިންމާފައިވާ ކަމަށެވެ. އަދި ސްޓެލްކޯ އިން އައްޑު އަށް ކަރަންޓް ދިނުމަށް ރައީސް އަބްދުﷲ ޔާމީނަށް ހުށަހަޅަން ބޭނުންވެވަޑައިގަންނަވާ ކަމަށް އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވިއެވެ.
އައްޑު އަށް މިހާރު ކަރަންޓް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން މިދިޔަ މާޗް މަހުން ފެށިގެން ވިޔަފާރިތަކުގެ ކަރަންޓްގެ އަގަށް ގެނައި ބަދަލާ ގުޅިގެން، ވިޔަފާރިވެރިންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ.
މީގެ ކުރިންވެސް ކައުންސިލުން ވަނީ ފެނަކައިގެ ބަދަލުގައި އައްޑު އަށް ކަރަންޓް ދޭނެ ބަޔަކު ހޯދަން ޖެހިފައިވާ ކަމަށް ބުނެފައެވެ.
ފެނަކައިގެ ބަދަލުގައި އައްޑު އަށް ކަރަންޓް ދޭނެ ބަޔަކު ހޯދުމަށް ވިޔަފާވެެރިން ދެެކެނީ ކޮން ގޮތަކަށްތޯ ސުވާލުކުރުމުން ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ބައިވެރިވެރިން ކަހަލަ ގޮތަކަށް ވަނީ ސްޓެލްކޯއާއި މި މަސައްކަޔް ހަވާލު ކުރުމަށް ތާޢީދުކޮށްފައެވެ.
މޭޔަރު ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ވަރަށް އަވަހަށް ވޯޓެއް ނަގައި، އެކަން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅުއްވާނެ ކަމަށާއި ޑީސަލް އަންދައިގެން ކަރަންޓް ދިނުން ނޫން ގޮތްތަކެއް ވެސް މިހާރު ހޯދަން ޖެހިފައިވާ ކަމަށެވެ. އެހެން ކަމުން މިހާރު ވެސް އައްޑު އަށް އިއާދަކުރަނިވި ހަކަތަ މެދުވެރިކޮށް ކަރަންޓް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފައިވާ ކަމަށާއި އެކަމަށް މިހާރުވެސް ބޭރުގެ ބައެއް ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށް ސޯބެ ވިދާޅުވިއެވެ.
ޝައުގުވެރިކަން ފާޅުކޮށްފައިވާ ބައެއް ކުންފުނިތަކުގެ ތެރޭގައި ޖަޕާން، ޗައިނާ، އިޓަލީ، ސްރީ ލަންކާ އަދި ކޮރެއާ ގެ ކުންފުނިތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ފެނަކައިން އައްޑޫއަށް ކަރަންޓު ފޯރުކޮށްދޭން ފެށުމުގެ ކުރިން އައްޑު އަށް ކަރަންޓް ދިނީ ސަދަން ޔުޓިލިޓީސް ލިމިޓެޑް (އެސްޔޫއެލް) އިންނެވެ. އޭގެ ކުރިން އައްޑު އަށް ދިގު މުއްދަތެއް ވަންދެން ކަރަންޓް ފޯރުކޮށް ދިނީ، ސްޓެލްކޯ އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ