ފުލުހުންނާ ސިފައިން ކޯޓްތައް އެބޭނުންކުރަނީ ސިޔާސި ގޮތުން ދޭނެ ޖަވާބެއް ނެތީމަތޯ މައުމޫން ސުވާލު ކުރައްވައިފި

ފުލުހުންނާ ސިފައިން ކޯޓްތައް އެ ބޭނުން ކުރަނީ ސިޔާސި ގޮތުން ދޭނެ ޖަވާބެއް ނެތީމަތޯ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ސުވާލު ކުރައްވައިފި އެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ކުރަމުންދަނީ ގާނޫނީ އިމުގެ ތެރެއިން ކުރާ އިސްލާހީ މަސައްކަތެއް ކަމަށެވެ.
ރައީސް މައުމޫންވަނީ ސިފައިންނާއި ފުލުހުންނާއި ކޯޓުތައް އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ބޭނުން ކުރައްވަން ފެއްޓެވީ ސިޔާސީ ގޮތުން ބަލިވެވަޑައިގެންނެވުމުންތޯ އައްސަވާފައެވެ.
ރައީސް މައުމޫންގެ އެ ސުވާލު އަމާޒު ކުރެއްވިއިރު، އެމަނިކުފާން މިހާރު އަންނަނީ މިހާރު މިއޮތް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން އަމިއްލަ އެދުމާއި ދަހިވެތިކަމުން ދުރުވެ ގައުމު އިސްކުރުމަށް ވެސް އިއްޔެ މައުމޫން ވަނީ ގޮވާލައިފައެވެ.
2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވީ އަބްދުﷲ ޔާމީން އަބުދުލްގައްޔޫމަކީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓްކަމަށްވުމުންކަން ފާހަގަކުރައްވާ ރައީސް މައުމޫން މީގެ ކުރިން ވިދާޅުވެފައިވަނީ ޔާމީން ވެރިކަމަށް ގެނައުމަށް އެމަނިކުފާނު ކުރެއްވި ބުރަ މަސައްކަތަށް ރައްޔިތުން ހެކިވާނެކަމަށެވެ. އަދި މިއަދުގެ ސަރުކާރުން ގާނޫނީ އިމުން ބޭރުން އެތަށްކަމެއް ކުރައްވަމުން ގެންދާއިރު، މި ސަރުކާރު ގެނައުމަށް ބުރަކޮށް މަސައްކަތްކުރި މީހުންގެ ބޮލުގައިވެސް އެކަމުގެ ޒިންމާއާއި ބަންދުނާމު އެޅޭނެކަމަށް ގަބޫލުކުރައްވާތީ ދިވެހި ހުރިިހާ ރައްޔިތުންގެ ކިބައިން ވަރަށް ބޮޑަށް މައާފަށް އެެދޭކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ސަރުކާރަށް ފާޑުވިދާޅުވެ ތަފާތު ޕޯޑިއަމްތަކުގައި މައުމޫން ވާހަކަ ދައްކަވަމުން އަންނައިރު، އެމަނިކުފާންގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ވަނީ ހައްޔަރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ