ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރާއްޖެއިން ބޭރުން ސިއްހީ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް އަދި ހުއްދަ ދީފައި ނުވާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.
ކަރެކްޝަންސް އިން މިހެން ބުނެފައި މިވަނީ ގާސިމްގެ ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވެ އެމަނިކުފާނު ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ހުއްދަ ދިނުން ލަސްވަމުންދާތީ އާއިލާ އިން ކަންބޮޑުވުން ފާޅުކުރަމުންދާ ވަގުތެއްގަ އެެވެ.
ގާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ދިނުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ގާސިމް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ގާސިމްގެ ޣައިރު ހާޒިރުގައި ބްރާސްފަތި ދުވަހުގެ ރޭ ދަންވަރު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. ހުކުމް ކުރި އިރު ވެސް ގާސިމް އޮންނެވީ އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފަ އެވެ. އަދި ރޭގެ ވަގުތެއްގައި ކަރެކްޝަންސް އިން ގާސިމް އިބްރާހީމާ ހަވާލުވެފަ އެވެ.
ވީނިއުސް އިން މިއަދު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކަރެކްޝަންސްގެ އިންފޮމޭޝަން އޮފިސަރު އަހްމަދު ލުޣުމާން ވިދާޅުވީ ގާސިމް އިބްރާހީމް ރާއްޖެއިން ބޭރަށް ފުރުވާލުން ލަސްވަނީ ކަރެކްޝަންސްގެ މެޑިކަލް ބޯޑުން އެ ހުއްދަ އަދި ދީފައި ނުވާތީ ކަމަށެވެ. ހަމަޖެހިފައިވާ އުސޫލުން ގާސިމާ ދޭތޭރޭގައި ވެސް އަމަލުކުރާނެ ކަމަށާއި ނަަމަވެސް ގާސިމަށް ހުއްދަ ދެވޭނެ ވަކި ވަގުތެއް ދަންނަވަން ދަތި ކަމަށްވެސް ލުޣުމާން ވަނީ ވިދާޅުވެފަ އެވެ.
ވީނިއުސް އަށް އެނގިފައިވާ ގޮތުގައި ގާސިމް އިބްރާހީމް ޖަލަށް ލުމަށް ހުކުމްކުރުމާ އެކު ގާސިމްގެ ގާނޫނީ ޓީމުން ވަނީ އެމަނިކުފާނު ރާއްޖެއިން ބޭރުން ސިއްހީ ފަރުވާ ހޯދުމަށް ޑޮކްޓަރުން ލަފާ ދީފައިވާ ލިޔުންތަކާއި އެމަނިކުފާނު ސިއްހީ ހާލުކޮޅު ހުރި ގޮތް ބަޔާންކޮށްދޭ މެޑިކަލް ޑޮކިއުމެންޓްތައް އިއްޔެގެ ވަގުތެއްގައި ކަރެކްޝަންސް އަށް ހުށަހަޅާފަ އެވެ. އަދި އެމަނިކުފާނު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމްގައި ވެސް އެމަނިކުފާނު ބޭނުންވާނަމަ ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ހުއްދަ ދިނުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ މައްޗަށް އަމުރުކޮށް، ކޯޓް އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ގާސިމް އިބްރާހީމްގެ ޕާސްޕޯޓް ވެސް ކޯޓުން މިހާރު ވަނީ ދޫކުރަން އަމުރުކޮށްފަ އެވެ.
އެހެންކަމުން ގާސިމް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ކަރެކްޝަންސް އިން ހުއްދަ ދިނުން މިހާރު ލަސްކުރާ ސީދާ ސަބަބެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
ބޭސް ފަރުވާއަށް ގާސިމް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް މެޑިކަލް ބޯޑުން އަދި ހުއްދަ ދީފައެއް ނެތް: ކަރެކްޝަންސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ