ފާރިސްގެ މައްސަލައިގައި އިންސާފު ކޮބާ؟ - ރަައީސް މައުމޫން

ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން، ކުށަކާއި ނުލައި ބަންދުކޮށް ޖަލުގައި ދުވަސްތަށް ގުނަމުންދާއިރު ސަރުކާރުގެ ކަމާގުޅޭ އެއްވެސް މުއައްސަސާއަކުން ޒިންމާނުއުފުލާ ކަމަށް ފާރިސްގެ ބައްޕަ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން މިހެން ވިދާޅުވީ ރިޝްވަތުގެ މައްސަލައެއްގެ ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައިވާ ފާރިސްއާ ބައްދަލުކުރެއްވުމަށް ފަހު ރޭ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައެވެ.
މައުމޫންގެ ޕޯސްޓުގައި ވިދާޅުވީ ފާރިސް ހުންނެވީ ވަރަށް ސާބިތުކަމާ އެކުގައި ކަމަށާއި އެކަމަކު ހިތާމައަކީ ކުށަކާ ނުލައި އޭނާ 79 ދުވަހު ޖަލުގައި ބަހައްޓާފައި ވާ ކަން ކަމަށެވެ. ފާރިސްގެ ބަންދުގެ މައްސަލަ އިސްތިއުނާފްކުރަން ހައި ކޯޓަށް ހުށަހެޅުމުން އަޑުއެހުންތައް ނިންމާލިތާ ވެސް 56 ދުވަސް ވެފައިވާ ކަން މައުމޫން ފާހަގަކުރައްވާފައިވެ އެވެ.
"ކުއްލިއަކަށް ފެނުނީ ގަވާއިދާ ޚިލާފަށް ކޯޓުގެ ބެންޗު ބަދަލުކުރެއްވި ތަން. އެކަން ބާތިލްކޮށްދިނުމަށާއި މައްސަލަ އަވަސްކޮށްދެއްވުމަށް ހައި ކޯޓަށް އަމުރުކޮށް ދެއްވުން އެދި ސުޕްރީމް ކޯޓަށް ހުށަހެޅިތާ އެއްމަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެއްޖެ. އެއްވެސް ޖަވާބެއް ނުދެއްވާ،" މައުމޫން ވިދާޅުވެފައިވެ އެވެ.
ކަން މިހެން އޮތް އިރު ފާރިސް ދަނީ ކުށެއް ނެތި ޖަލުގައި ދުވަސްތަށް ގުނަމުން ކަމަށާއި، އެކަމުގައި އިންސާފު ކޮބައިތޯ މައުމޫން ސުވާލު އުފެއްދި އެވެ.
ފާރިސްގެ ރިޝްވަތުގެ މައްސަލައިގެ ޝަރީއަތް  މިހާރު ވަނީ ކްރިމިނަލް ކޯޓުގައި ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ