ރާއްޖޭގެ ތާރީހްގައި ވެސް 24 ގަޑިއިރު ކަރަންޓް ފޯރުކޮށްދެނީ މި ސަރުކާރުން: ރައީސް

ރާއްޖޭގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ރަށްރަށުގައި 24 ގަޑިއިރު ޔަގީންކަމާ އެކު ފޯރުކޮށްދެމުންދަނީ މި ސަރުކާރުން ކަމަށް ރައީސުލް ޖުމްޙޫރިއްޔާ އަބްދުﷲ ޔާމިން  އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހުގެ މިރޭ ކާނިވާ ސަރައްދުގައި ކުރިއަށްދިޔަ ވާހަަކަ ދައްކަވަމުން ޕީޕީއެމްގެ ޖަލްސާގައި ރައީސް ޔާމިން ވިދާޅުވި ގޮތުން މީގެ ކުރިން ރަށްރަށުގައި ކަރަންޓް ދެމުން އައިސްފައި ވަނީ ހަ ގަޑިއިރެވެ. ނަމަވެސް އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އިރުއިރުކޮޅުން ކަރަންޓް ކެނޑުމުގެ މައްސަލައަކީ ހަމަ އެކަނި އައްޑުއަތޮޅަށް ދިމާވާ މައްސަލައެއް ނޫން ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުގައި ދިމާވާ މައްސަލައެއް ކަމަށެވެ.
އައްޑޫއިން ކަރަންޓް ނެތް ވާހަކަ ދައްކާއިރު މީގެ ކުރީ ސަރުކާރު އެކަން ނުކުރީ ކީއްވެތޯ ސުވާލު ކުރުމަށް އެމަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް އައްޑޫގެ ކަރަންޓްގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް ވިދާޅެއް ނުވެއެވެ.
ރައީސް ޔާމިނަށް އައްޑޫ އަތޮޅު ތަރައްގީ ކުރެވޭނެ ތޯ އިދިކޮޅު ސިޔާސީ ލީޑަރުން ސުވާލު ކުރުމަކީ ކުރީގެ ރައީސުންނަށް އެކަން ނުކުރެވި އޮތުމަށް ވެވޭ އިއުތިރާފެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ސްޓެލެކޯ ހިންގުމާ އެމަނިކުފާނު ހަވާލުވެ ހުންނެވިއިރު އެ ކުންފުނި ތަރައްގީކުރި ކަމަށާއި ނަމަވެސް މި ސަރުކާރު އައިރު ސްޓެލްކޯގެ އިންޖީނުތަކުން ކަރަންޓް ނުހިފަހައްޓަނީ އޭގެ ފަހުން އައި ސަރުކާރަށް އެކަން ކުރަން ނޭނގުމުން ކަމަށް ވެސް ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ކަމަކީ ކޮންވެންޝަން ސެންޓަރެއް އެޅުން ކަމަށާއި އެހެން ނަމަވެސް އެންމެ ޖަލްސާއެއް ބޭއްވުމަށް އެތަން އަޅާ ކުރި ހޭދައަކީ ކޮށްގެންނުވާނެ ބޭކާރު ހޭދައެއް ކަމަށް ވެސް ރައީސް ޔާމިން ވިދާޅުވި އެވެ. އަދި އެތަން އެޅީ ގަނބާ ތަނެއްގައި ކަމަށް ވިދާޅުވެ އެތާ ދެން އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ހުންނާނީ ޓާރސަރީ ހޮސްޕިޓަލެއް އަޅާފައި ކަމަށެވެ.  ހަމަ އެހެންމެ މި ސަރުކާރުން ނޫނީ އައްޑޫ ސިޓީ ދާއިރާގައި ޓޫރިޒަމް ކުރިއަރުވަން އެހެން ސަރުކާރަކުން މަސައްކަތްކޮށްފައިނުވާ ކަމަށް ވިދާޅުވި އެވެ.  
އައްޑޫގެ ވާހަކަ އަށް ރައީސް ޔާމީން އަލިއަޅުވާލެއްވި އިރު ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ވަނީ އައްޑޫ އަށް ވަޑައިގެންފައެވެ. 
ރައީސް ޔާމިންގެ ވާހަކަފުޅުގައި ސިޔާސީ އެކި ފަރާތްތަކަށް ވަނީ ފާޑުވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އިދިކޮޅު މީހުން ތިބީ އެމަނިކުފާނު ދައްކަވާ ވާހަކަ އަޑުއަހަން ތައްޔާރަށްތޯ ސުވާލު އުފެދޭ ކަމަށެވެ.
 މީގެ ކުރީގެ ސަރުކާރުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަމުންދިޔަ ކަމަށާއި އަދި މަގުމަތީ ކޯޓުތައް ހަދައިގެން އުޅުނު ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ނުސީދާ ގޮތުން ފާޑު ވިދާޅުވީ މިހާރު ޕީޕީއެމްއާ ގުޅިވަޑައިގެންފައިވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯމޫސާ އަށެވެ.  އެއީ އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންގެ ކޯޓުގެ ނަމުގައި އަމިއްލަ ކޯޓެއް ހަދައި ލޮނުޒިޔާރަތްކޮޅުގައި އެ މަސައްކަތްކުރެއްވީ ރީކޯ މޫސާ މަނިކެވެ.
އޭގެ އިތުރުން އެމްޑީޕީގެ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރި މީހުން މިހާރު ރައީސް ނަޝީދަށް ތާއިދުކުރައްވައި، އެއްކޮން މަސައްކަތްކުރައްވާތީ އެކަމަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި މީގެ ކުރީ ސަރުކާރުތަކުން ކަންކަންކޮށްފައިވާ ގޮތް ހަނދާން ކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި ކުރިއަށް އޮތް ޖަލްސާތަކުގައި އެކަން ކުރާނެ ކަމަށެވެ.
"މި ސަރުކާރު ނޫނީ ގާނޫނީ ހަމަހަމަ ކަން ގެނެސްދިން އެހެން ސަރުކާރެއް ނެތް،" ކަމަށް ވެސް ތަކުރާރުކޮށް ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް ސިޔާސީ ބައެއް ބޭފުޅުން މީގެ ކުރިން ވެސް ހައްޔަރުކޮށްފައިވާކަން އެ ބޭފުޅުން ހަނދާނެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ހިތްޕުޅުގެ އާލާސްކަމުގައި ބައެއް މީހުން އެބަ ތިއްބެވި، އެ ނަންތައް ކިޔަން ފަށައިފި ނަމަ އެ ބޭފުޅުންގެ ހިތްޕުޅު އިރައިގެންދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ކުރީ ސަރުކާރުތަކުން ކޮށްފައިވާ އަނިޔާތައް އަނިޔާއަކަށް ނުވަނީ އޭރު އީޔޫއިން ގަރާރެއް ފާސްނުކުރާތީ ކަމަށް ވިދާޅުވެ ބައިނަލްއަގުވާމީ ބައެއް ޖަމިއްޔާ ޖަމާއަތްތަކަށް އެމަނިކުފާނު ފާޑުވިދާޅުވި އެވެ. އެގޮތުން ރާއްޖެ ބާކީ ނުވާ ކަމަށާއި ރާއްޖެއިން ދުރުވެފައި ވަނީ އިސްލާމީ އުސޫލުތަކާއި ހަމަތަކާ ދެކޮޅުހަދާ ފަރާތްތަކާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
އެމަނިކުފާނު ވިދާޅުވީ މިރޭ އެމަނިކުފާނު ވާހަކަ ދައްކަވަނީ ޕީޕީއެމްގެ މުސްތަޝާރުގެ ހަސިއްޔަތުން ކަމަށާއި ނަމަވެސް މި އަންނަ ނޮވެމްބަރު 17 ގައި ބާއްވާ ޖަލްސާ ރައްޔިތުންނާ ބައްދަލުކުރާނީ ރައީސުލް ޖުމްޙޫރިއްޔާ ހަސިއްޔަތުން ކަމަށެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ