ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ދިނުމަށް ޝަރުއީ ދާއިރާގެ އެންމެ މަތީ ކޯޓުގައިވެސް އެދިއްޖެއެވެ.
އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުން އަންނަ ގާސިމް އިބްރާހީމްގެ ޕާސްޕޯޓު ހިފަހައްޓަފައިވާތީ އެމަނިކުފާނަށް ވަނީ ރާއްޖެއިން ބޭރަށް ފުރާވަޑައިގަނެވޭ ގޮތް ނުވެފައެވެ. ނަމަވެސް ރާއްޖެއިން ހެދެން ނެތް ޓެސްޓުތަކެއް ހެއްދުމަށާއި ރާއްޖެއިން ލިބެން ނެތް ފަރުވާތަކެއް ހޯއްދެވުމަށް އެމަނިކުފާނު ވީހާވެސް އަވަހަކަށް ބޭރަށް ވަޑައިގަތުމަށް ޑޮކްޓަރުން ލަފާދެއްވާފައިވާ ކަމަށް އެމަނިކުފާނުގެ އާއިލާއިންނާއި ވަކީލުން ވަނީ ވިދާޅުވެފައެވެ.
ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ ގާސިމް އިބްރާހީމްގެ ސިއްހީ ހާލުކޮޅު ގޯސްވެފައިވާ މިދަނޑިވަޅުގައި އެމަނިކުފާނާއިމެދު ސަރުކާރުން އަމަލުކުރަމުންދާ ގޮތުން ވަރަށް ކަންބޮޑުވާ ކަމަށެވެ. އެމަނިކުފާނަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަނެވޭނެ ގޮތެއް ވޭތޯ ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ދިނުމަށް ސުޕްރީމް ކޯޓުގައި ވެސް މިހާރު އެދިފައިވާ ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ. މިގޮތުން އުއްތަމަ ފަނޑިޔާރަށް އިއްޔެ ވަނީ ސިޓީއެއް ފޮނުވާފައެވެ. މިސިޓީގައި އެދިފައިވަނީ ގާސިމް އިބްރާހީމްގެ ޕާސްޕޯޓު ދޫކޮށްދިނުމަށާއި ވީހާވެސް އަވަހަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ދިނުމަށެވެ.
ގާސިމް އިބްރާހީމްގެ ސިއްހީ ހާލުކޮޅު ގޯސްވެ އެމަނިކުފާނު އޭޑީކޭގައި އެޑްމިޓް ކުރެވުނީ މިމަހުގެ 16 ވަނަ ދުވަހުގެ ރެއެވެ. އޭގެ ކުރިން މެޑިކާ ހޮސްޕިޓަލުގައި ވެސް އެޑްމިޓްކޮށް އެމަނިކުފާނަށް ވަނީ ފަރުވާ ދީފައެވެ. މެޑިކާ ހޮސްޕިޓަލުގައި އެޑްމިޓް ކުރުމާއެކުވެސް ވީހާވެސް އަވަހަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޑޮކްޓަރު ލަފާދެއްވުމުން އެރޭ ސިންގަޕޫރަށް ފުރާވަޑައިގަތުމަށް އެމަނިކުފާނު އެއާޕޯޓަށް ވެސް ވަޑައިގަތެވެ. ނަމަވެސް އެމަނިކުފާނުގެ ޕާސްޕޯޓު ހިފަހައްޓާފައިވާކަން އެންގީ އެއާޕޯޓަށް ވަޑައިގަތުމުންނެވެ. ބޭރަށް ފުރާވަޑައިނުގަނެވުމުން އެނބުރި މާލެ ވަޑައިގަތް ތަނުން އަނެއްކާވެސް އެމަނިކުފާނުގެ ހާލުކޮޅު ގޯސްވެ އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނީ އެމްބިއުލާންސްގައެވެ. އަދި ފުރަތަމަ އޭޑީކޭގެ އޮބްޒަވޭޝަންގައި ފަރުވާދިނުމަށްފަހު އައިސީޔޫގައި ފަރުވާދެމުން އަންނަތާ މިއަދަށް ވަނީ ހަތަރު ދުވަސް ވެފައެވެ.
ގާސިމް އިބްރާހީމްގެ ފުރާނަފުޅަށް ނުރައްކާވެފައިވާ ކަމަށާއި ނަމަވެސް އެމަނިކުފާނާއިމެދު ދައުލަތުން އަމަލުކުރަމުންދަނީ ވަރަށް އިހާނެތިކޮށް ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވިދާޅުވެއެވެ. ގާސިމްގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު، ސިއްހީގޮތުން އެމަނިކުފާނަށް ދިމާވެފައިވާ ހައްސާސް މިދަނޑިވަޅުގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ދިނުމަށް ކްރިމިނަލް ކޯޓުގައިވެސް ތަކުރާރުކޮށް އެދެވިފައިވާ ކަމަށް ވަކީލުން ވިދާޅުވެއެވެ.
ގާސިމްގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނަވާ ހިސާން ހުސައިން ވިދާޅުވީ އިންސާނަކަށް ވީތީ ކޮންމެ ރައްޔިތަކަށް ވެސް ލިބެންޖެހޭ ބޭސްފަރުވާ ލިބިގަތުމުގެ ހައްގަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށާއި އެއީ ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ސިޔާސީ ސަބަބަށްޓަކައި ހިސޯރުކޮށްގެން މީހަކަށް ނުދީ އެމީހެއްގެ ކިބައިން ނިގުޅައިގަނެވޭނެ ހައްގެއް ނޫން ކަމަށެވެ. ހިސާން ވަނީ ގާސިމާއިމެދު އިންސާފުން އަމަލުކުރުމަށާއި، ބޭއިންސާފުން ކަންކަންކޮށް އެމަނިކުފާނަށާއި އާއިލާއަށް ނިކަމެތިކަން ކުރިމަތިނުކުރުމަށް ދައުލަތަށާއި ސަރުކާރަށާއި ކޯޓުތަކަށް އިލްތިމާސް ކުރައްވާފައެވެ.
މީގެ ކުރިން އެތައް ދުވަހެއް ވަންދެން ދޫނިދޫގައި ގާސިމް އިބްރާހީމް ބަންދުކޮށްފައި ބެހެއްޓި ގޮޅިއަކީ އިންސާނަކު އުޅެން އެކަށީގެންނުވާ ފަދަ ތަނެއް ކަމަށް އޭރުވެސް ތަކުރާރުކޮށް ވަކީލުން ވިދާޅުވިއެވެ. އެކަމުގެ ސަބަބުންވެސް އެމަނިކުފާނުގެ ސިއްހީ ހާލަތަށް އަސަރު ކޮށްފައިވާ ކަމަށާއި މިއަދު އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާފަދަ ހާލަތަކަށް ދިޔައީ އެހިސާބުން ފެށިގެން ދައުލަތުން އަމަލުކުރަމުންދިޔަ ގޮތްތަކެއްގެ ސަބަބުން ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއެވެ.
ޕާސްޕޯޓު ހިފަހައްޓާފައިވާތީ ގާސިމް އިބްރާހީމަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަނެވޭ ގޮތް ނުވުމުން އޭޑީގެ އައިސީޔޫގައި އެމަނިކުފާނަށް ފަރުވާދެމުން އަންނައިރު މިމައްސަލައިގައި ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމަކީ މަދަނައާއި އާސަންދަ ފަދަ ސްކީމްތައް ތައާރަފުވުމުގެ ކުރިން ފެށިގެން ދިވެހި އެތައް ރައްޔިތަކަށް އެމަނިކުފާނުގެ އަމިއްލަފުޅު ޚަރަދުގައި ބޭސްފަރުވާ ލިބޭނެގޮތް ހަމަޖައްސަވައިދެއްވާފައިވާ ބޭފުޅަކަށް ވީނަމަވެސް މިއަދު އެމަނިކުފާނަށް ބޭސްފަރުވާ ބޭނުންވި ވަގުތު އެ ފަރުވާއިން މަހުރޫމްވާން ޖެހުމަކީ ވަރަށް ހިތާމަވެރި ކަމެއްގެ ގޮތުގައި ސޯޝަލް މީޑިއާގައި ވެސް މީހުން ޚިޔާލުފާޅުކޮށްފައި ވެއެވެ.
ގާސިމް ބޭސްފަރުވާއަށް ފޮނުވައިދިނުމަށް ސުޕްރީމް ކޯޓުގައި ވެސް އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ