ރޭޕްގެ ތުހުމަތު ކުރެވުނު ފުލުހަކު ވަޒީފާއިން ވަކިކުރީ ރަނގަޅަށް: ސުޕްރީމް ކޯޓު

މޯލްޑިވްސް ޕޮލިސް ސާވިސްގެ ކާރަކަށް އަންހެނަކު އަރުވައި، އޭނާ ކިޑްނެޕްކޮށް ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ފުލުހަކު ވަޒީފާއިން ވަކިކޮށްފައި ވަނީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ. ދެހާސް ދިހަ ވަނަ އަހަރުގެ އޯގަސްޓު މަހުގެ ހަވަނަ ދުވަހުގެ ފަތިހު 4:30 ހާއިރު މާވެޔޮ މިސްކިތް ކައިރީގައި ހުރި އަންހެނަކު ގަދަކަމުން ކާރަކަށް އަރުވައި، ކިޑްނެޕްކޮށްގެން ގެންގޮސް އޭނާއާމެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގުމުގައި ބައިވެރިވިކަމަށް ބެލެވޭތީ ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައި ވަނީ ޕޮލިސް ކޯޕްރަލް އަލީ ނަޝީދު، ފިނިވާގެ ހއ. ކެލާ އެވެ. އަންހެން މީހާ ކިޑްނެޕްކޮށް ގަދަކަމުން ޖިންސީ ގުޅުން ހިންގިކަމުގެ ތުހުމަތު ހަތަރު ފުލުހަކަށް ކުރެވެއެވެ. އެއީ އަލީ ނަޝީދުގެ އިތުރުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ހުސައިން ރިޝިފް ތޯހާ އާއި ޕޮލިސް ކޮންސްޓަބަލް ހުޝާމް ހަމީދު އާއި ޕޮލިސް ކޯޕްރަލް މުހައްމަދު ފަޔާޒް އެވެ. މި މައްސަލައާ ގުޅިގެން އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު އަލީ ނަޝީދު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައި ވަނީ އެ އަމަލު ހިންގުމުގައި އޭނާ ބައިވެރިވިކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑިސިޕްލިނަރީ ބޯޑުން ކުރި ތަހުގީގަށް ގަބޫލުކުރެވިގެން، އަލީ ނަޝީދު ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި، ކޯޑް އޮފް އެތިކްސް އާއި ހިލާފުވެފައިވާކަމަށް ގަބޫލުކުރެވޭތީ އެވެ. މައްސަލަ ބެލުމަށްފަހު ބޯޑުން ބުނެފައިވަނީ އަލީ ނަޝީދުގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައިގެ ބާވަތަށާއި، ލިބިފައިވާ ހެއްކާއި ގަރީނާއަށް ރިއާޔަތްކޮށް ބަލާއިރު، އަލީ ނަޝީދު ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި، ކޯޑް އޮފް އެތިކްސް އާއި ހިލާފުވެފައިވާކަމަށް ގަބޫލުކުރެވޭތީ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ދިނުމާ ބެހޭ މާއްދާއާ ހަވަލާދީ ފުލުހުންގެ ވަޒީފާއާ ބެހޭ ގާނޫނުގެގެ ދަށުން، ފުލުހުންގެ ވަޒީފާއިން އަލީ ނަޝީދު ވަކިކުރަން ނިންމީ ކަމަށެވެ. އަލީ ނަޝީދު ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި، ކޯޑް އޮފް އެތިކްސް އާއި ހިލާފުވެފައިވާކަމަށް ނިންމާފައި ވަނީ އަލީ ނަޝީދު ބޯޑަށް ޖަވާބުދާރީވުމުގައި ދައްކާފައިވާ ވާހަކަތައް ފުށުއަރާތީ އާއި ކަމުގެ އަސްލު އޮޅުވާލައި މުޅި މައްސަލައިގެ ހަގީގަތް ފެބްރިކޭޓް ކުރަން މަސައްކަތްކޮށްފައި ވާކަމަށް ގަބޫލުކުރެވޭތީ އާއި މައްސަލައިގައި ހިމެނޭ ކުށުގެ ބާވަތަށާއި، ކުށް ކޮށްފައިވާ ގޮތާއި، ކުށުގެ އަމަލު ހިންގުމަށް ބޭނުންކޮށްފައިވާ ތަކެއްޗަށް ބަލާއިރު މިފަދަ ކުށެއްގައި ބައިވެރިވިކަމަށް ބެލެވޭ މީހަކު މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަދަ ސަލާމަތީ ހިދުމަތްދޭ ތަނެއްގެ ވަޒީފާގައި ބެހެއްޓުމަކީ އޭގެ ސަބަބުން އެހެން މުވައްޒަފުންނަށާ، ފުލުހުންގެ މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރާއި ޔަގީންކަން ކުޑަވާނެ ނުވަތަ ބުރޫއަރާފާނެ ކަމެއް ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުގެ ނިންމުން އަލީ ނަޝީދުގެ ފަރާތުން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ. މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ އަލީ ނަޝީދުގެ މައްޗަށް ކުރެވިފައިވާ ކުށުގެ ތުހުމަތާއި އޭނާއާ ގުޅުވައިދޭ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށާއި އެހެންކަމުން އަލީ ނަޝީދު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައި ވަނީ ފުލުހުންގެ ވަޒީފާއާ ބެހޭ ގަވާއިދާ އެއްގޮތަށް ކަމަށް ބެލެވެން ނެތް ކަމަށެވެ. ދައުލަތުގެ ފަރާތުން ވަނީ ސިވިލް ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ހައިކޯޓުން ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކުރުމުން ދައުލަތުގެ ފަރާތުން ވަނީ އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ދައުލަތުގެ ފަރާތުން އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ 2013 ވަނަ އަހަރުއެވެ. ސުޕްރީމް ކޯޓުން މައްސަލަ ބަލައި ނިންމީ މިއަދުއެވެ. މި މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވީ ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދެވެ. މައްސަލައިގައި ހުށަހަޅާފައިވާ ހެކިތަކާއި، ގުޅުންހުރި ގާނޫނުތަކާ ގަވާއިދުތަކަށް ރިއާޔަތް ކުރެއްވުމަށްފަހު ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ވިދާޅުވެފައި ވަނީ މައްސަލައިގައި ސިވިލް ކޯޓާއި ހައިކޯޓުން ކޮށްފައިވާ ހުކުމަކީ ގާނޫނާ އެއްގޮތަށް ކޮށްފައިވާ ހުކުމްތަކެއް ކަމަށް ނުފެންނަ ކަމަށެވެ. އަދި ފުލުހުންގެ ވަޒީފާއިން އަލީ ނަޝީދު ވަކިކުރުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމާފައި ވަނީ ގާނޫނާ ގަވާއިދާ އެއްގޮތަށް ކަމަށް ފެންނަ ކަމަށެވެ. ފަނޑިޔާރު ސުއޫދުގެ ރައުޔަށް ފަނޑިޔާރު އަޒްމިލާރްދާ އަދި ފަނޑިޔާރު ޝުޖޫން ވަނީ ތާއީދުކުރައްވައިފައެވެ. އެހެންކަމުން އަލީ ނަޝީދުގެ ފުލުހުންގެ ވަޒީފާއިން ވަކިކުރަން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާ ނިންމުމަކީ ގާނޫނާ ގަވާއިދާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި، މައްސަލައިގައި ހައިކޯޓުން ކުރި ހުކުމް ވަނީ ބާތިލްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ