ގާނޫނު އަސާސީގެ އިމުގެ ތެރޭގައި މަސައްކަތް ކުރުމަށް ރައީސް މައުމޫން އެދިވަޑައިގެންފި

ހުރިހާ ފަރާތްތަކަކުންވެސް ގާނޫނު އަސާސީގެ އިމުގެ ތެރޭގައި މަސައްކަތް ކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މިވަގުތު ސިންގަޕޫރުގައި ހުންނެވި މައުމޫން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
މައުމޫންގެ ޓްވީޓްގައި ވަނީ ހުރިހާ ދިވެހި ރައްޔިތުންނާއި، ސިޔާސީ ޕާޓީތަކާއި، ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރުން ގާނޫނީ އިމުގެ ތެރޭގައި މަސައްކަތް ކުރުމަށް ގޮވާލައްވާފަ އެވެ.
މައުމޫން މިފަދަ ޓްވީޓެއް ކުރެއްވި ވަކި ސަބަބެއް ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންއާ ހިޔާލުތަފާތުވި ފަހުން ރައީސް މައުމޫން ގެންދަވަނީ ވެރިކަން ކުރާ ޕީޕީއެމްގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބައެއް މައްސަލަތަކާއި ސަރުކާރުގެ ބައެއް ނިންމުންތަކަށް ފާޑު ވިދާޅުވަމުންނެވެ.
ގާނޫނު އަސާސީގެ އިމުގެ ތެރެއިން ހުރިހާ ފަރާތްތަކަކުން ވެސް މަސައްކަތް ކުރުމަށް ރައީސް މައުމޫން ގޮވާލައްވާފައި މިވަނީ ރައީސް ޔާމީންގެ ސަރުކާރު ވަރަށް އަވަހަށް ބަދަލުވެގެންދާނެ ކަމަށް މަޝްހޫރު ނިއުސް އެޖެންސީ ބީބީސީގައި ބުނެފައިވަނިކޮށެެވެ. އަދި ގާނޫނީ އިމުގެ ތެރެއިން މިސަރުކާރުން ވަރަށް އަވަހަށް ނިމުމަކަށް ގެންނާނެ ކަމަށް ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ވެސް ތަކުރާރުކޮށް ބުނަމުންދާ ވަގުތެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ