ހޯޑެއްދޫ އަށް ކަރަންޓް ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން – ލަމްޢާން

ގދ.ހޯޑެއްދޫ އިން ރޭ ދަންވަރު ގެ ވަގުތެއްގައި ކަރަންޓް ކެނޑިފައިވާތީ، އެ ރަށަށް ވީ އެންމެ އަވަހަކަށް ކަރަންޓްގެ ޚިދުމަތް ދިނުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ދަނީ ކުރަމުން ކަމަށް އެ ކުންފުނީގެ އެކްޓިންގ އެމްޑީ މުހައްމަދު ލަމްޢާން ވިދާޅުވެއްޖެއެވެ.
ޚަބަރު އެމްވީ އަށް މަޢުލޫމާތު ދެއްވަމުން، ހޯޑެއްދޫ އިންޖީނު ގޭގައި ބޭނުން ކުރަމުން ދިޔަ 160 ކިލޯ ވޮޓްގެ ޖެނެރޭޓަރ ކުއްލިއަކަށް ފަޅައިގެން ގޮސް ހަލާކުވުމުގެ ސަބަބަން ރޭ ދަންވަރުން ފެށިގެން އެރަށުން ކަރަންޓްގެ ޚިދުމަތް ކެނޑިފައިވާއިރު، މިހާރު އެރަށަށް ގދ.މަޑަވެލިން 140 ކިލޯ ވޮޓްގެ ޖެނެރޭޓަރެއް ގެންގޮސް ވީ އެންމެ އަވަހަކަށް އިންޖީނު ގޭގެ ޚިދުމަތް ރައްޔިތުންނަށް ދިނުމަށް އެ ރަށުގެ ފެނަކަ ޓީމުން ދަނީ ކުރައްވަމުން ކަމަށް ވެސް ލަމްޢާން ވަނީ ވިދާޅުވެފައެވެ.
އަދި މިދަތި ވަގުތުގައި ރަށުގެ ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުން ފާހަގަކުރައްވާ ލަމްޢާން ވަނީ އެރަށުގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.
ގދ.ހޯޑެއްދޫ އަކީ 267 ގޭބިސީއެއްގައި 1300 އާބދީ އެއް ދިރިއުޅެމުން އަންނަ ރަށަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ