އދގައި ރައީސް ދެއްކެވި ވާހަކަފުޅަށް މައުމޫން ތައުރީފް ކުރައްވައިފި

އދގެ އާންމު މަޖިލީހުގެ 74 ވަނަ އާންމު ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަފުޅުތަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ތައުރީފް ކުރައްވައިފި އެވެ.
ދުނިޔޭގެ އެތައް ގައުމެއްގެ އެންމެ އިސްވެރިންގެ ހާޒިރުގައި ނިއުޔޯކްގައި ހުންނަ އދގެ މައި މަރުކަޒުގައި ރައީސް ސޯލިހް ރޭ ތަގުރީރު ކުރައްވާ ނިންމެވިފަހުން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ސޯލިހް ދެއްކެވި ވާހަކަ ފުޅަށް މަރުހަބާ ދަންނަވާ ކަމަށެވެ.
ރައީސް ސޯލިހްގެ ވާހަކަފުޅު ވަރަށް ފުރިހަމަ ކަމުގައިވެސް ރައީސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިން އެ ގައުމުތަކުގެ މައްސަލަތަކާއި، ދުނިޔޭގެ އެހެން ބައެއް މައްސަލަތަކާ މެދު އދގެ އާންމު މަޖިލީހުގައި ވާހަކަ ދައްކަވަމުން ގެންދަވާއިރު ރައީސް ސޯލިހްގެ ވާހަކަފުޅަށް ފަހު ދިވެހިންގެ އެތައް ބަޔަކު ވަނީ ރައީސްގެ ވާހަކަފުޅު ޖުމްލަ ގޮތެއްގައި ރަނގަޅުކަން ފާހަގަކޮށް ރައީސްގެ ވާހަކަފުޅަށް ތާއީދުކުރައްވާފަ އެވެ.
ރައީސްގެ ވާހަކަފުޅުގައި މައިގަނޑު ގޮތެއްގައި ވާހަކަދެއްކެވީ ބައިނަލްއަގުވާމީ ގާނޫނުތަކަށް ގޮންޖެހުމަށްފަހު އިސްރާއީލުުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަމުންދާ މައްސަލައިގައި އާއި ތިމާވެށީގެ މައްސަލަތަކާއި، ޓެރަރިޒަމާއި ދީނީ ހަރުކަށި ފިކުރުތައް ހުއްޓުވުމާ ގުޅޭގޮތުންނެވެ. މިމައްސަލަތައް ހައްލުކުރުމަށް ދުނިޔޭގެ ގައުމުތަކާ ގުޅިގެން ރާއްޖެއިން މަސައްކަތް ކުރައްވާނެ ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
އދގެ 74 ވަނަ އާންމު މަޖިލީހުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތަގުރީރު ކުރައްވާފައި މިވަނީ އެ މަޖުލީހުގައި ރާއްޖޭގައި ރައީސަކު ތަގުރީރު ނުކުރައްވާތާ ހަތް އަހަރު ފަހުންނެވެ. އަދި މިއީ ސޯލިހް އދގެ އާންމު މަޖިލީހުގެ ޖަލްސާއެއްގައި ތަގުރީރުކުރެއްވި ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ