މުދާ އުފުލަން ކުރިން ކަނޑައަޅާގައިވާ ގަޑިތައް އުވާލައި، ސްކޫލް ބަންދާ ދިމާކޮށް، ޓްރާންސްޕޯޓް މިނިސްޓްރީން ބޮޑު ލުޔެއް ދީފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކުރިން ކަނޑައަޅާފައި އޮތް ގޮތުން، ސްކޫލް ހުޅުވިފައި ހުންނަ ގަޑިތަކުގައި މުދާ ހިފައިގެން ދަތުރު ކުރާ އުޅަނދު ފަހަރު މާލެ ތެރޭގައި ދުއްވޭނީ ކަނޑައެޅޭ ވަކި ގަޑިތަކެއްގަ އެވެ. ނަމަވެސް އެ މިނިސްޓްރީން ވަނީ އިއްޔެއިން ފެށިގެން މުދާ ބަރުކޮށްގެން ހުރިހާ ގަޑިތަކެއްގައި ވެސް މާލެ ތެރޭގައި ދުއްވުމުގެ ހުއްދަ ދީފަ އެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި މި ބަދަލު ގެނެސްފައިވަނީ ވިޔަފާރިވެރިން ނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށެވެ.
މާލޭގައި މުދާ އުފުލާ ގަޑިތަކަށް ނިމިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން ބަދަލު ގެނެސްފައިވެ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ގެނައި ބަދަލާއެކު މާލޭގައި މުދާ އުފުލުމުގެ ހުއްދަ ގަޑިތަކުގެ ގޮތުގައި ހަމަޖައްސާފައިވަނީ ހަވީރު 6:00 އިން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 6:00 އަށް ކަމަށެވެ. ނަމަވެސް އެ އުސޫލު ލުއިކޮށް ކުދި ޕިކަޕްތަކުގައި ދުވާލު މުދާ އުފުލޭ ގޮތަށް ޖޫން މަހު ބަދަލުކުރި އެވެ.
އޭގެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު އައި ފަހުން މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި އަނެއްކާ ވެސް މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެނެސްފައިވެ އެވެ. މުދާ އުފުލަން އެންމެ ފަހުން ގެނެސްފައިވާ ބަދަލާއެކު، 350 ކިލޯގެ ޕިކަޕު ތަކަށް 24 ގަޑިއިރު މުދާ އުފުލޭނެ އެވެ. އަދި ހެނދުނު 9:00 އިން ހެނދުނު 11:30 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުތަކަށް މުދާ އުފުލަން ހުއްދަދިން ނަމަވެސް، ސްކޫލް ފެށޭ ގަޑިތަކާއި ނިމޭ ގަޑިތަކުގައި ސްކޫލް ހިމެނޭ ސަރަހައްދަށް ވެހިކަލް ވަނުމަކީ މަނާ ކަމެކެވެ. އަދި ދަންވަރު 1:30 އިން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 6:00 އާ ހަމަ އަށް ހުރިހާ ކެޓަގަރީއެއްގެ އުޅަނދު ފަހަރަށް ވެސް މުދާ އުފުލޭނެ އެވެ. ނަމަވެސް އެ ވަގުތުތަކުގައި ވެސް މާލެ ވިޔަފާރި ބަނދަރުން ނެރޭ މުދާ އުފުލޭނީ ބޮޑު ތަކުރު ފާނު މަގުން އެކަންޏެވެ. އަދި ބްރިޖު މަތިން ދެ ޓަނުން ދަށުގެ އުޅަނދު ތަކަށް 24 ގަޑިއިރު މުދާ އުފުލޭނެ އެވެ. ނަމަވެސް 2.1 ޓަނުން މަތީގެ އުޅަނދު ފަހަރު ބުރިޖުން މުދާ އުފުލުން ހުއްދަވާނީ ހަވީރު 6:00 އިން ހެނދުނު އަނެއް ދުވަހުގެ ހެނދުނު 6:00 އަށެވެ. މިއަދު މި ގެނައި ބަދަލާއެކު ބްރިޖުން ވެސް ހުރިހާ ގަޑިއެއްގައި މުދާ އުފުލޭނެ އެވެ.
ސްކޫލް ބަންދާ ދިމާކޮށް މުދާ އުފުލާ ގަޑި ތަކަށް ބޮޑު ލުޔެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ