ސިއްހީ ދާއިރާގެ ބޮޑު ވައުދު: ފަސް އަހަރު ނިމޭއިރު މަދުވެގެން ފަސް ޓާޝަރީ ހޮސްޕިޓަލް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު، އެކި ސަރަހައްދުތަކުގައި މަދުވެގެން ފަސް ޓާޝަރީ ހޮސްޕިޓަލެއް ފުރިހަމައަށް ހިންގަމުން ގެންދިއުމަށް ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގައި ހިމަނައިފިއެވެ.
ރާއްޖެއިން ފެންވަރު ރަަނގަޅު ސިއްހީ ހިދުމަތެއް ނުލިބޭކަމުގެ ޝަކުވާ އަކީ ދިވެހި ރައްޔިތުންގެ އެންމެ ޒަމާންވީ އެއް ޝަކުވާއެވެ. ބޭސް ފަރުވާއަށް އެހެން ގައުމުތަކަށް ދާން ޖެހުމާއި، ކިރިޔާ ބައްޔެއް ވެލާއިރަށް ދަތުރު ހަދައިގެން ވެރިރަށް މާލެއަށް ނައިސް ފަރުޖެހެން ނެތްކަމުގެ ޝަކުވާ ބޮޑެވެ.
އަތޮޅުތެރޭގައި ގިނަ ހޮސްޕިޓަލުތަކަކާއި، ސިއްހީ މަރުކަޒުތަކެއް ހުއްޓަސް އެއީ ހަމައެކަނި ނަމެއްގައި ހުންނަ ތަންތަން ކަމަށާއި، އެތަންތަނުން ލިބެނީ "ޕެނެޑޯލް"އެކަނި ކަމަށްވެސް ބުނާ މީހުން މަދެއް ނޫނެވެ. ފާހަގަ ޖަހައިގެން، ސަރުކާރުގެ އެކްޝަން ޕްލޭންގެ ކަންކަން ހިނގަމުންދޭތޯ ބެލުމަށް ރައީސް ސޯލިހު ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވިއިރު، އެ އެކްޝަން ޕްލޭންގައި ސިއްހީ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނެސްދޭނެ ކަމަކަށް ހިމަނާފައިވަނީ މަދުވެގެން ފަސް ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ފަސް އަހަރުތެރޭގައި ނިންމުމެވެ. އެއީވެސް ފަސް ރީޖަނަލް ސަރަހައްދެއްގައެވެ.
ސިއްހީ ހިދުމަތްތަކުގެ ފެންވަރު ދަށްކަމުން ރައްޔިތުން ކުރާ ޝަކުވާތަކަށް ނިމުމެއް ގެންނަން ރައީސް ސޯލިހުގެ ސަރުކާރުން އަމާޒު ހިފާފައިވާއިރު، ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތަކެއް ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެގޮތުން އެ މަސައްކަތް މިހާރު ވެސް ފަށާފައިވައިރު، އެކަމަށް އިތުރަށް ހަރަދުވާނެ ކަމަށް ލަފާކުރާ 294.5 މިލިއަން ރުފިޔާ ވަނީ ސަޕްލިމެންޓްރީ ބަޖެޓްގައިވެސް ހިމަނާފައެެވެ.
ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލުތަކުގެ ތެރެއިން އައްޑޫ ސިޓީގައި އަޅާ ހޮސްޕިޓަލުގެ މަސައްކަތުގެ ބޮޑުބައެއް ވަނީ ނިމިފައެވެ. އައްޑޫގައި ކުރިން ކޮންވެންޝަން ސެންޓަރު ހުރި ބިމުގައި ޓާޝަރީ ހޮސްޕިޓަލެއް އަޅަން ނިންމައި އެކަމުގެ އަމަލީ މަސައްކަތް ފެއްޓެވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. އެ ހޮސްޕިޓަލުގެ މަސައްކަތް ނިމި، މިއަހަރުގެ ތެރޭގައި އެތަން ހުޅުވޭވަރު ވާނެ ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފައެވެ.
މި ސަރުކާރުން ވަނީ ޅ.ނައިފަރު އަދި ހއ.ދިއްދޫގައިވެސް ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލު އަޅައިދޭން ވައުދުވެފައެވެ.
ކުރީގެ ސަރުކާރުން ހދ.ކުޅުދުއްފުށީ ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފެށިއެވެ. އެމަސައްކަތް ހުއްޓިފައިވައިވާއިރު، މި ސަރުކާރުން ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވާ ފަސް ހޮސްޕިޓަލުގެ ތެރޭގައި ކުޅުދުއްފުށީ ހޮސްޕިޓަލު ވަނީ ހިމަނައިފައެވެ. ހެލްތު މިނިސްޓަރު އަމީން ވިދާޅުވިގޮތުގައި މި ސަރުކާރުން އިތުރު ސަމާލުކަމެއް ދީގެން މާލޭގެ ހޮސްޕިޓަލު ފެންވަަރަށް ތަރައްގީ ކުރަން ނިންމާފައިވާ ހޮސްޕިޓަލުތަކުގެ ތެރޭގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ލ.ގަމު ރީޖަނަލް ހޮސްޕިޓަލާއި، ގދ.ތިނަދޫގެ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އިތުރުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިމެނެއެވެ.
ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން 10 ހޮސްޕިޓަލަކަށް ބަދަލުތަކެއް ގެނެސް ފެންވަރު މަތިކުރަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ދާދި ވަނީ ވިދާޅުވެފައެވެ.
ސަރުކާރުގެ އެކްޝަން ޕްލޭންގައި ސިއްހީ ދާއިރާއިން ހާސިލު ކުރަން ކަނޑައަޅާފައިވާ އިތުރު ލަނޑުދަނޑިތަކުގެ ތެރޭގައި، މި ފަސް އަހަރު ނިމޭއިރު، ސިއްހީ ހިދުމަތް ދިނުމުގައި ފަރުވާ ކުޑަ ކުރުމުގެ ސަބަބުން ފެންމަތިވާ މައްސަލަތަކުގެ 75 އިންސައްތަ މައްސަލަ ގާނޫނުގެ ތެރެެއިން ބެލުމާއި، ސިއްހީ ހިދުމަތް ފޯރުކޮށްދޭ ހުރިހާ މަރުކަޒެއް އެއް ވިޔުގައަކުން ގުޅުވައިލުމާއި، މިދިޔަ އަހަރާ އަޅާބަލާއިރު އަސާސީ ބޭހުގެ އަގު 33 އިންސައްތަ ދަށް ކުރުން ހިމެނެއެވެ. މީގެ އިތުރުން، އާސަންދަ މެދުވެރިކޮށް މެންޓަލް ހެލްތާ ގުޅުންހުރި ހިދުމަތްތައް ލިބޭނެ ގޮތް ހެދުމުގެ އިތުރުން ގައުމީ އެމްބިއުލާންސްގެ ހިދުމަތް ގާއިމު ކުރުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ