ބިޑަށް ނުލާ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ކަމަށް ބުނާ މާއްދާ އުވާލަން އޭސީސީން ހުށަހަޅައިފި

ދައުލަތުގެ މާލިޔަތުގެ ގަވާއިދަށް އެއް ވަނަ އިސްލާހުގެނައުމުގެ ގަވާއިދުގައި ބުނާ ބިޑު ކުރުމަކާ ނުލައި މަޝްރޫއުތައް ހަވާލުކުރެވިދާނެ ކަމަށް ބުނާ މާއްދާ އުވާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކަމާ ގުޅުންހުރި މުއައްސަސާތަކަށް ހުށަހަޅައިފިއެވެ.
އޭސީސީން އުވާލަން ހުށަހެޅީ، ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10.27 ވަނަ މާއްދާ (އާންމުކޮށް ބީލަމަށް ހުޅުވައިނުލާ ބީލަން ކުރިއަށް ގެންދިއުން) އެވެ. އެ މާއްދާގައި ބުނެފައިވާ ގޮތުން އާންމުކޮށް ބީލަމަށް ހުޅުވާނުލައި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ނުވަތަ ސަރުކާރު މަސްލަހަތު އޮންނަ ކޯޕަރޭޓިވް ސޮސައިޓީއަކާ ނުވަތަ ގައުމީ ޖަމިއްޔާއެއް ނުވަތަ ޖަމާއަތެއްކަމަށް ސަރުކާރުން ގަބޫލުކުރާ ފަރާތަކާ މަސައްކަތް ހަވާލުކުރެވޭނެއެވެ.
ނަމަވެސް އެ އިސްލާހުގެ ކޮރަޕްޝަން ރިސްކު އެނަލިސިސްއެއް ހެދުމަށްފަހު އޭސީސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ މާއްދާގެ ދަށުން މީގެ ކުރިން މަސައްކަތެއް ހަވާލުކުރާއިރު، އެ ހަވާލުކުރާ ކުންފުންޏަކީ އެފަދަ މަސައްކަތެއްކުރާ ކުންފުންޏެއްތޯ ބެލުމަކާ ނުލާ ކަމަށެވެ. އަދި އެކަން ގިނަ ފަހަރު ކޮށްފައިވަނީ ދައުލަތުގެ ޕްރޮކިއުމަންޓް އުސޫލުތަކަށް އަމަލުނުކޮށް ވަކި ފަރާތަކަށް ފައިދާ ހޯދައިދިނުމަށް ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން މަސައްކަތް ހަވާލުކުރާ ކުންފުނީގައި އެ މަސައްކަތް ކުރުމުގެ ގާބިލުކަން ނެތުމުން، ހަވާލުކޮށްފައިވާ އަގަށްވުރެ ކުޑައަގެއްގައި އެ މަސައްކަތް ތިންވަނަ ފަރާތަކާ ހަވާލުކޮށްގެން ކުރުވާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެހެންކަމުން އެ މަސައްކަތް ހަރަދުކޮށްފައިވާ ވަރަށްވުރެ ކުޑަ އަގެއްގައި ކުރުވޭނެކަން އެނގޭ ކަމަށް އޭސީސީން ބުނެއެވެ.
އޭސީސީން ބުނީ، ސަރުކާރުގެ މަސްލަހަތު އޮންނަ ކޯޕަރޭޓިވް ސޮސައިޓީއަކާ ހަވާލުކޮށްގެން މަސައްކަތްކުރެވޭ ގޮތަށް މާލިއްޔަތު ގަވާއިދުގެ އެ މާއްދާގައި ބުނެފައި އޮތުމުން ދައުލަތުގެ އިދާރާއަކުން އެ ގަވާއިދަށް އަމަލުކުރަން ބޭނުންނުވާ ކޮންމެ ފަހަރަކު ކޯޕަރޭޓިވް ސޮސައިޓީއަކާ މަސައްކަތް ހަވާލުކޮށްގެން ކުރުވުމުގެ ފުރުސަތު އޮންނަ ކަމަށެވެ.
އެގޮތަށް މަސައްކަތް ހަވާލުކުރާ ކޯޕަރޭޓިވް ސޮސައިޓީއަކީ ދައުލަތުގެ މަސައްލަހަތު އޮތް ސޮސައިޓީއެއްތޯ ބަލާނެ މިންގަނޑެއް ގަވާއިދުން އެންގެން ނެތް ކަމަށާއި އަދި އެކަން އެނގެން އޮތްނަމަވެސް، ކޯޕަރޭޓިވް ސޮސައިޓީއަކާ ދައުލަތުގެ މަޝްރޫއުތައް ހަވާލުކުރުމުގެ ސަބަބުން ވާދަވެރި ބީލަމެއްގެ ފުރުސަތު ގެއްލި، މާކެޓް ރޭޓަށްވުރެ ބޮޑުކޮށް ދައުލަތަށް ހިދުމަތާއި ތަކެތި ހޯދުމުގެ އިހްތިމާލު ނުހަނު ބޮޑުވެންދާ ކަމަށް އޭސީސީން ބުނެއެވެ.
އޭސީސީން ބުނީ، ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމެއް ހިންގުމުގައި މައިގަނޑު ގޮތެއްގައި ބަލަންވާނީ ދައުލަތުގެ ފައިސާ ހޭދަކުރެވެނީ، ވާދަވެރި މާހައުލެއްގެ ތެރެއިން، އިގުތިސާދީގޮތުން އެންމެ ފައިދާހުރި، އަދި ހާމަކަންބޮޑު ޒިންމާދާރުގޮތެއްގެ މަތިންކަން ޔަގީންކުރުމަށް ކަމަށެވެ.
ނަމަވެސް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ބިޑަކާ ނުލާ މަޝްރޫއުތައް ދެވޭނެ ކަމަށް ބުނާ މާއްދާގެ ދަށުން ބިޑް ކުރުމަކާނުލައި ވަކި ބަޔަކަށް މަސައްކަތް ހަވާލުކުރުމުގެ އިމެއްނެތް ބާރު ފިނޭންސް މިނިސްޓްރީ ނުވަތަ މިނިސްޓަރުގެ ލަފާގެމަތިން ނެޝަނަލް ޓެންޑަރު ބޯޑަށް ނުވަތަ ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާއިރު، ބޭރުގައުމެއްގެ އެހީގައި ނުވަތަ ކޮންސެޝަނަލް ލޯނެއްގެ ދަށުން ނުވަތަ ސަރުކާރުން ހިންގަން ކަނޑައަޅާ މަޝްރޫއެއް ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ގޮތަށް އޮތް އޮތުމަކީ ރާއްޖެއިން ބައިވެރިވެފައިވާ ‘ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ކޮރަޕްޝަން’ގެ މައިގަނޑު އުސޫލުތަކާ އަދި ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ މައިގަނޑު އަސާސްތަކަށް ފުށު އަރާ ކަމެއް އޭސީސީން ބުނެއެވެ.
އޭގެ އިތުރުން އެއީ ދައުލަތުން ތަކެއްޗާއި ހިދުމަތް ހޯދުމުގައި އަގުތައް އިންތިހާއަށް ބޮޑުވެ ހާމަކަން ގެއްލި އަދި ވާދަވެރިކަންނެތި، ކޮރަޕްޝަނަށް މަގުފަހިވާނެކަމެއްކަން އޭސީސީގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން އޭސީސީން ހުށަހަޅާފައިވަނީ، މާލިއްޔަތު ގަވާއިދުގެ 10.27 ވަނަ މާއްދާ އުވާލުމަށްފަހު، އެ މާއްދާގައި ހިމެނޭ މަފުހޫމުތައް ހިމެނޭގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ބަދަލު ގެނައުމަށެވެ.
އަދި އެ ބަދަލު ގެނެވޭއިރު، ބިޑުކުރުމަކާނުލައި ސަރުކާރު ހިއްސާ އޮންނަ ކުންފުންޏަކާ މަސައްކަތް ހަވާލުކުރުމާއި ދައުލަތުގެ އިންވެސްޓްމަންޓް މަޝްރޫޢުތައް ކުރިޔަށް ގެންދިއުމާއި ބޭރުގެ ގައުމެއްގެ އެހީގައި މަޝްރޫއުތައް ހިންގުމާއި ކޮންސެޝަނަލް ލޯނެއްގެ ދަށުން މަޝްރޫއުތައް ހިންގުމާއި، އަންސޮލިސިޓެޑް ޕްރޮޕޯސަލްތަކުގެ ދަށުން މަސައްކަތްކުރުމަށް ހާއްސަ މާއްދާތައް ވަކިވަކިން އެކުލަވާލުމަށް އޭސީސީން އެދިފައިވެއެވެ.
އޭގެ އިތުރުން މާލިއްޔަތު ގަވާއިދުގެ 10.26 ވަނަ މާއްދާ (ކުއްލި ހާލަތެއް ނުވަތަ ކުއްލި ހާލަތްތަކުގައި ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރިއަށް ގެންދިއުން) ގައި ކުއްލި ހާލަތްތަކަކީ ކޮބައިކަން ބަޔާންކޮށްފައި ނެތުމުގެ ސަބަބުން ކޮރަޕްޝަންގެ ހިރާސްއޮތްކަން ފާހަގަކުރެވޭތީ، ކުއްލި ހާލަތެއްގައި ނުވަތަ ކުއްލި ހާލަތްތަކުގައި ބައެއް މަސައްކަތް ނުވަތަ މަޝްރޫއު އާންމުކޮށް ބީލަމަށް ހުޅުވައިނުލައި ކުރިއަށް ގެންދިއުމުގެ އުސޫލު އިސްލާހުކުރަންޖެހޭ ކަމަށް އޭސީސީން ބުނެއެވެ.
އަދި ޕްރޮކިއުމަންޓަށް ވަކި ހާއްސަ ގާނޫނެއް އެކުލަވާލައި ވީހާވެސް އަވަހަށް އަމަލުކުރަން ފެށުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އޭސީސީން ފާހަގަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ