ދެމަފިރިން އެކުވެގެން ހޯދާ މުދާ ލިބޭނީ ކާކަށް؟

ކޮންމެ ދެމަފިރިއަކުވެސް ކައިވެނިކުރަނީ މުޅިއުމުރު އެކުގައި އުޅުމުގެ ނިޔަތުގައެވެ. ނަމަވެސް، ދިމާވާ ކަމެއްގެ ސަބަބުން ކައިވެނި ރޫޅިގެންދާއިރު، އެންމެ ބޮޑު ދެބަސްވުމެއް އުފެދިގެންދަނީ ދެމަފިރިން އެކުގައި ޚަރަދުކޮށްގެން ހޯދާފައިވާ މުދަލާއި އަގުހުރި އެހެނިހެން ތަކެއްޗާއި މެދުގައެވެ. ދެމަފިރިން ޚަރަދުކޮށްގެން ސައިކަލެއް ގަނެ، ކޮންމެވެސް އެކެއްގެ ނަންމަތީގައި ރަޖިސްޓްރީކޮށްފައި އޮވެދާނެއެވެ. އެއްކަލަ ސައިކަލުގެ މިލްކުވެރިކަމާއިމެދު ދެމަފިރިންގެ މެދުގައި އަރާރުން އުފެދެނީ ވަރިއާއި ހަމައިންނެވެ. މިފަދަ އަރާރުންތަކުން އެއްކިބާވުމަށް، ކުރިޔާލާ ދެފަރާތުންވެސް ޤާނޫނީ ޙައްލެއް ހޯދާފައި އޮތުމަކީ އެކަމުގައި އޮތް އެންމެ ބުއްދިވެރިގޮތެވެ.
ކައިވެނީގެ ކުރިންވެވޭ އެއްބަސްވުން ނުވަތަ ޕްރީނަޕް
ޕްރީނަޕްއަކީ ދެމަފިރިން ވަކިވާ ޙާލަތެއްގައި ދެމަފިރިން އެކުގައި ހޯދާފައިވާ މުދާ ދެމަފިރިންގެ މެދުގައި ބަހާނެގޮތާކާއިމެދު ދެމީހުންގެ މެދުގައި ކައިވެނީގެ ކުރިން ލިޔުމުން ވެވޭ އެއްބަސްވުމެކެވެ. ކައިވެނި ކުރުމުގެ ފަހުންވެސް ޕްރީނަޕް އެއްބަސްވުމެއް އެކުލަވާލުމަށްވެސް ޤާނޫނު ތަންދެއެވެ. ނަމަވެސް ބުއްދިވެރިގޮތަކީ، ކައިވެނިކުރުމުގެ ކުރިންވެސް ޕްރީނަޕްއެއް އެކުލަވާލުމެވެ. މިފަދައިންވެވޭ އެއްބަސްވުންތައް ޤާނޫނީގޮތުން ބަލައިގަނެވޭނެ އެއްބަސްވުމަކަށްވާނީ، ކޯޓުގައި ރަޖިސްޓްރީ ކޮށްގެންނެއެވެ.
ޕްރީނަޕް އެއްބަސްވުމުގެ މުހިންމުކަން
ކައިވެނި ރޫޅޭ ޙާލަތުގައި، ކައިވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހޯދާފައިވާ މުދަލާއި ފައިސާއާއިމެދު ޢަމަލުކުރާނެ ގޮތެއް ދެމަފިރިންގެ މެދުގައި އެއްބަސްވެފައި އޮތުމަކީ މުދާ ބެހުމަށް ފަސޭހަވާނެކަމެކެވެ. އެހެނީ، މިފަދަ އެއްބަސްވުމެއް އޮތްނަމަ ވަރިކުރުމުގެ ހުއްދަ ދިނުމުގެކުރިން ނުވަތަ ކާވެނި ރޫޅާލުމުގެކުރިން ނުވަތަ ވަރި ރަޖިސްޓްރީ ކޮށްދިނުމުގެކުރިން، އެ އެއްބަސްވުމުގައިވާ ގޮތުގެމަތިން ދެމަފިރިން އެކުގައި ހޯދާފައިވާ މުދަލާއި ފައިސާ ކޯޓުން ދެމަފިރިންގެ މެދުގައި ބަހައިދޭނެއެވެ. އެހެންކަމުން، ޕްރީނަޕް އެގްރިމެންޓެއް އޮތްނަމަ ދެމަފިރިން އެކުގައި ހޯދާފައިވާ މުދާ ދެފަރާތުންވެސް އެއްބަސްވެފައިވާ ގޮތުގެމަތިން، ކޯޓުމެދުވެރިވެ ސުލްހަވެރި އުސޫލެއްގެދަށުން ދެފަރާތުގެ މެދުގައި ބެހުމަށް މަގުފަހިވެގެންދާނެއެވެ.
މިސާލަކަށް، ދެމީހަކު ކައިވެނިކޮށްގެން އެކުގައި އުޅުމަށް ދެފަރާތުންވެސް އެއްބަސްވެ ފްލެޓެއް ގަތުމަށް ނިންމަފާނެއެވެ. މި ޙާލަތުގައި ދެފަރާތުން ޙިއްސާވެގެން ފްލެޓް ގަތުމަށް ހުރިހާ ޚަރަދެއް އެކުގައި ކުރިނަމަވެސް، ގިނަފަހަރަށް ފްލެޓް ރަޖިސްޓްރީކުރަނީ ކޮންމެވެސް އެއްފަރާތެއްގެ ނަންމަތީގައެވެ. އަދި މިތަނުގައި ދެފަރާތުން އެކުގައި ދިރިއުޅުމެއް ބިނާކޮށް އެތައްޚަރަދެއް ކުރުމަށްފަހުގައިވެސް، މައްސަލަޖެހި ވަރިއާއި ހަމައަށްދާއިރު، ގަނެފައިވާ ފްލެޓާއި އެހެނިހެން މުދާ ލިބިގެންދަނީ ރަޖިސްޓްރީ އޮތް ފަރާތަށެވެ. މި ޙާލަތުގައި، އެންމެ ބޮޑު ގެއްލުމެއް ލިބިގެންދަނީ ފްލެޓުން ނިކުމެގެންދާންޖެހޭ ފަރާތަށެވެ.
ވަޒީފާއަކަށް ނުދިޔަކަމުގައިވިޔަސް، ދަރިންނާއި ގޭގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ނަގާ އަންހެނުން މަދެއްނޫނެވެ. ފިރިމީހާ ވަޒީފާއަށް ފޮނުވައި އޭނައަކީ ކާމިޔާބު މީހަކަށް ހެދުމުގައި އަނބިމީހާގެ ޙިއްސާ ކިތަންމެ ބޮޑުކަމުގައިވިޔަސް، ވަރިކުރާ ހިސާބުން ގެއިން ނުކުމެގެން ދާންޖެހުމީ ވަރަށްބޮޑު ބޭއިންސާފެކެވެ. ނަމަވެސް ކައިވެނީގެ ކުރިންވާ އެއްބަސްވުމެއް ވެވިފައިވާނަމަ، މިފަދަ ޙާލަތުގައި އަނބިމީހާވިޔަސް އަދި ފިރިމީހާވިޔަސް، އެމީހަކަށް ޙައްޤު މިންވަރު ލިބޭނެކަން ކަށަވަރުކުރެވޭނެއެވެ.
ރައްކާތެރިކަން ދެފަރާތަށްވެސް ލިބިގެންވޭ
ޕްރީނަޕް އެގްރިމެންޓަކީ ދެފަރާތުންވެސް އެއްބަސްވާ ގޮތުގެމަތިން ސޮއިކުރެވޭ އެއްބަސްވުމަކަށްވާތީ، ޕްރީނަޕް އެގްރިމެންޓްގެ ރައްކާތެރިކަމަކީ ދެފަރާތަށްވެސް ލިބިގެންދާނެ އެއްޗެކެވެ. މިސާލަކަށް، އަނބިމީހާގެ ނަންމަތީގައި އޮތް ބިމެއްގައި ދެމަފިރިން އެކުގައި ގެއެއް އެޅުމަށް ނިންމަފާނެއެވެ. ޤާނޫނީގޮތުން އެގޯއްޗާއި އިމާރާތަކީ އަނބިމީހާގެ އެއްޗެއް ކަމުގައިވިޔަސް، ގެ ކުރެހުމާއި ގެ އެޅުމުން ފެށިގެން ގޭގެ ހުރިހާކަމެއްގައި ފިރިމީހާ ޢަމަލީގޮތުންނާއި މާލީގޮތުން ބައިވެރިވެ، އެތައް ވަގުތެއް ހޭދަކުރުމަށްފަހު ގެ ހަދާނިމޭފަހުން، ދެފަރާތުން ވަރިވުމަށް މެދުވެރިވާ ޙާލަތުގައި މާލީގޮތުންނާއި އެހެނިހެންގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބިގެންމިދަނީ، ގެ ދޫކޮށްދާންޖެހޭ ފަރާތަށެވެ.
މިފަދަ ޙާލަތްތަކުގައި ޕްރީނަޕް އެގްރިމެންޓެއް ދެފަރާތުން ވެފައިވާނަމަ، ގެއްލުން ލިބިގެންދާނެ ފަރާތަށް ރައްކާތެރިކަން ލިބުން ކަށަވަރެވެ. އެހެނީ ޕްރީނަޕް އެގްރިމެންޓަކީ، ދެފަރާތުގެވެސް ޙައްޤުތައް ހިމާޔަތްކޮށްދޭނެ އެއްޗެކެވެ.
ޕްރީނަޕް އެގްރީމެންޓަށް ޢަމަލުކުރުމަށް ދެފަރާތުގެމެދުގައި ޚިލާފު އުފެދުން
ޕްރީނަޕް އެގްރިމެންޓަށް ޢަމަލުކުރުމުގައި ދެފަރާތުގެ މެދުގައި ޚިލާފު އުފެދޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، ކައިވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލުކޮށްފައިވާ މުދަލަކީ ކޮބައިކަމާއި އަދި އެ މުދަލުން ދެމީހުންކުރެ ކޮންމެ މީހަކަށްވެސް ޙައްޤުވާ ބަޔަކީ ކޮބައިކަން ކަނޑައަޅާނެއެވެ. މިގޮތުން، ދެމަފިރިން އެކުގައި ހޯދާފައިވާ މުދާ ދެމަފިރިންގެ މެދުގައި ކޯޓުން ބަހައިދޭނެއެވެ. ނަމަވެސް ހަނދާނުގައި ބަހައްޓަންވީކަމަކީ މިގޮތަށް ކޯޓުން ދެމަފިރިންގެ މުދާ ބަހައިދޭނީ، ޕްރީނަޕް އެއްބަސްވުމެއް އޮތްނަމަ އެކަންޏެވެ.
ނިންމުން
ޕްރީނަޕް އެއްބަސްވުމެއް އޮތްކަމުގައިވާނަމަ، ދެމަފިރިންގެ އެކުގައި ޙިއްސާވެގެން ހޯދާ މުދާ އިންސާފުވެރިކަމާއިއެކު ބެހުމުގެ މަގެއް ފަހިވީއެވެ. ޕްރީނަޕް އެގްރިމެންޓެއް ނެތްކަމުގައިވާނަމަ، ދެމަފިރިންއެއްކޮށް ކިތަންމެ މުދަލެއް ހޯދާފައިވިކަމުގައިވިޔަސް، އެމުދަލެއް މިލްކުވެގެންދާނީ އެ މުދަލެއްގެ ވެރިފަރާތް ކަމުގައި ރަޖިސްޓްރީވެފައިވާ ފަރާތަށެވެ. އެހެންކަމުން، ފަހުން ދިމާވެދާނެ މައްސަލައަކުން ސަލާމަތްވުމަށް ޕްރީނަޕް އެއްބަސްވުމެއް އޮތުމަކީ މުހިންމުކަމެކެވެ.
އާޓިކަލް ލިޔުނީ ޠާހިރާ ޢުމަރު
އަލްއުސްތާޛާ ޠާހިރާ ޢުމަރަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.
ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ